ސިނގިރޭޓު ކޮންޓޭނަރުތައް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މުއާޒު މިފްކޯއިން ސަސްޕެންޑުކޮށްފި ސިނގިރޭޓު ކޮންޓޭނަރުތައް ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މުއާޒު މިފްކޯއިން ސަސްޕެންޑުކޮށްފި

އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި 13 މިލިއަން ސިނގިރޭޓުގެ މައްސަލައިގައި ހައްޔަރު ކުރި މުއާޒު އަލީ މިފްކޯއިން ސަސްޕެންޑުކޮށްފި އެވެ.
މުއާޒު އަލީއަކީ މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ސަސްޕެންޑު ކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.
"މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީގެ މައްސަލަތަކެއް ދައުލަތުގެ އިދާރާތަކުން ބަލަން ފަށާފައިވާއިރު، އެ ކަންކަން އިދާރީގޮތުން ކުންފުނިން ތަހުގީގުކުރަމުންދާތީ، މިފްކޯގެ މުވައްޒަފުންނާބެހޭ ގަވާއިދުގެ ދަށުން، 30 ދުވަހުގެ މުއްދަތަށް މުއާޒު އަލީ ވަނީ ވަޒީފާއިން ސަސްޕެންޑް ކުރެވިފައި،" މިފްކޯގެ މެނޭޖިން ޑިރެކްޓަރު، ފަރުހަތު ޝަހީރު ސޮއި ކުރައްވައި ނެރުއްވި މެމޯގައި ބުނެފައިވެ އެވެ.
މުއާޒު ސަސްޕެންޑު ކޮށްފައި މިވަނީ ވަގު ސިނގިރޭޓު މައްސަލަ ފެންމަތިވެ އެކަމަށް އާންމުންގެ ބޮޑު ސަމާލުކަމެއް ލިބުމުންނެވެ.
ވަގު ސިނގިރޭޓު މައްސަލައިގައި މުއާޒު ހައްޔަރުކުރިއިރު، ކަސްޓަމްސްއިން ބަލަމުން ދިޔަ މައްސަލައެއް ނިންމުމުގެ މުގާބިލުގައި ރިޝްވަތު ދޭން އެދުނު މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނުން މިދިޔަ ހަފުތާގައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އޭނާގެ މައްޗަށް މިފްކޯއިން އެއްވެސް ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.
އެމްޕީއެލްގައި ހުއްޓައި ސިނގިރޭޓު ދެ ކޮންޓެއިނަރު ވަގަށް ނެގީ މީގެ ދެ މަސްދުވަސް ކުރިންނެވެ. އެއީ އޭޕްރީލް މަހު ވަގަށް އެތެރެ ކުރަނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި ދެ ކޮންޓެއިނަރެވެ. އެ ސިނގިރޭޓުތަކުގެ ޑިއުޓީއަށް ވެސް 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަރަ އެވެ.
އެ ސިނގިރޭޓުތައް އެތެރެ ކުރީ ސައުދީ ބިންލާދިން ގްރޫޕުން އެތެރެ ކުރި ދެ ކޮންޓެއިނަރުގެ ތެރޭގަ އެވެ. ކޮންޓެއިނަރު އެތެރެ ކުރީ ލިއޯ ޓްރޭޑިން ކުންފުނިންނެވެ. ކަސްޓަމްސް އިން ބުނީ ވަގަށް ސިނގިރޭޓު އެތެރެ ކުރާކަން އެނގިގެން އެ ދެ ކޮންޓެއިނަރު ފްލެގު ކުރީ ކަސްޓަމްސްއިން ކަމަށެވެ.
އެ މައްސަލައިގައި މުއާޒުގެ އިތުރުން ދެން ހައްޔަރު ކުރީ ބޮޑު ދެ ވިޔަފާރިވެެރިން ކަމަށްވާ އަހުމަދު އާރިފާއި މުހައްމަދު ވަހީދު އާއި ކަސްޓަމްސްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލް އެވެ.
އާރިފް އާއި ޒިވާރުގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ދިނެވެ. މުހައްމަދު ވަހީދުގެ ބަންދަށް ދިނީ 10 ދުވަހެވެ. މުއާޒް ބަންދުގައި ބަހައްޓަން އަމުރު ކުރީ ފަސް ދުވަހުގެ މުއްދަތަކަށެވެ.
މިފްކޯއިން ބުނީ ވަގު ސިނގިރޭޓުގެ މައްސަލައާ އެ ކުންފުންޏާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެހެންނަމަވެސް ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ އެ ކުންފުނިން ވަަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
މުއާޒު ސަސްޕެންޑު ކުރުމާއެކު، އޭނާ އަދާ ކުރައްވަމުން ގެންދެވި މަގާމުގެ މަސްއޫލިއްޔަތުތައް ވަނީ އެ ކުންފުނީގެ އިންޖިނިއަރިން ޑިޕާޓުމެންޓުގެ ޕްރޮޖެކްޓު މެނޭޖްމެންޓް ޔުނިޓުގެ މެނޭޖަރު، މުހައްމަދު ޝަމީމްއާ ހަވާލުކޮށްފަ އެވެ. އަދި އިންޖިނިއަރިން ޔުނިޓުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ވަނީ ކޮންސަލްޓެންޓް އިންޖިނިއާ އުބައިދުالله ހުސެއިންއާ ހަވާލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ