ފީފާ ސަސްޕެންޝަންގެ މުއްދަތު ހަމަކޮށް ޕަރަޓީޗީ އެނބުރި ޓޮޓެންހަމްގެ ވަޒީފާ އަށް ފީފާ ސަސްޕެންޝަންގެ މުއްދަތު ހަމަކޮށް ޕަރަޓީޗީ އެނބުރި ޓޮޓެންހަމްގެ ވަޒީފާ އަށް

ލަންޑަން (އޮކްޓޫބަރު 15) - ފީފާ އިން ދިން ސަސްޕެންޝަންގެ މުއްދަތު ހަމަކޮށް އިޓަލީގެ ސްޕޯޓްސް އެޑްމިނިސްޓްރޭޓަރު، ފަބިއޯ ޕަރަޓީޗީ އަލުން ޓޮޓެންހަމް ހޮޓްސްޕާސްގެ ސްޕޯޓިން ޑިރެކްޓަރުގެ ވަޒީފާ ހަވާލުވެއްޖެ އެވެ.
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން، ޔުވެންޓަސްގެ ކުރީގެ ސްޕޯޓިން ޑިރެކްޓަރު، ޕަރަޓީޗީ، 53، ހިމެނޭ ގޮތަށް އެ ކްލަބަށް ދިން ސަސްޕެންޝަނަށް އަމަލުކުރަން ފީފާ އިން ވެސް ނިންމުމާ އެކު، ޕަރަޓީޗީ، ހަވާލުވި، ޓޮޓެންހަމްގެ ވަޒީފާ ވެސް އަދާނުކުރެވޭ ގޮތްވީ އެވެ.
ޔުވެންޓަސްގެ ޓްރާންސްފާ ޑީލްތަކުގައި މަކަރުހެދުމާއި ކްލަބްގެ މާލީ މުއާމަލާތްތަކުގެ ލިޔެކިޔުންތައް އޮޅުވާލާފައިވާ މައްސަލަތަކުގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން، 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު ޔުވެންޓަސްގެ ކުރީގެ އެޑްމިނިސްޓްރޭޓަރުންނާއި އެ ކްލަބަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެ ގޮތުން، ފިޔަވަޅު އެޅި އެޑްމިނިސްޓްރޭޓަރުންގެ ތެރޭގައި ހިމެނޭ ޕަރަޓީީޗީ އަށް ދިނީ 30 މަސް ދުވަހު ފުޓްބޯޅައިގެ އެއްވެސް ކަމެއްގައި ނޫޅެވޭ ގޮތަށް ދިން ސަސްޕެންޝަނެކެވެ.
ޓޮޓެންހަމް އަށް 2021 ވަނަ އަހަރު އައި ޕަރަޓީޗީ އަށް އެ ކްލަބުގެ ވަޒީފާ އަލުން ދީފައިވާ ކަމަށް އެ ކްލަބުން ހާމަކުރިއިރު، އޭނާ އަލުން އެ ޒިންމާ އެ އަދާކުރަނީ، ދެ އަހަރާއި ބައިގެ މުއްދަތެއްގެ ފަހުންނެވެ. މިދިޔަ މަހު، ޕަރަޓީޗީ އާއި ޔުވެންޓަސްގެ މައްސަލައިގައި ހިމެނޭ އެހެން އޮފިޝަލުން ވަނީ، އެ ފަރާތްތަކަށް އައިސްފައިވާ ޖަލު ހުކުމް އިސްތިއުނާފް ކާމިޔާބުކޮށްފަ އެވެ. އެއާ އެކު، އެ ފަރާތްތަކުން، 18 މަސް ދުވަހު ޖަލުގައި ހުންނަން ޖެހޭ ހުކުމް ތަންފީޒުކުރަން ނުޖެހޭނެ އެވެ.
ޕަރަޓީޗީ ވަނީ އަލުން ފުޓްބޯޅައިގެ ތެރޭގައި މަސައްކަތް ކުރަން ފުރުސަތު ލިބުމާ އެކު، ހިތްހަަމަޖެހުންތަކެއް ލިބިފައިވާ ކަމަށް ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ