ހުޅުމާލޭން ދިން ގޯތިތައް ދައުލަތަށް ނަގަން ފަލާހު ގޮވާލައިފި

މިދިޔަ ސަރުކާރުގައި މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގި 'ބިންވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ހިލޭ ދިން ގޯތިތަކަށް ބަދަލު ދިނުމަށް ފަހު، ހުރިހާ ގޯތިތައް ދައުލަތަށް ނެގުމަށް، ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދު ސަރުކާރަށް ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ފަލާހު މިކަމަށް ގޮވާލެއްވީ، 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން ދިން 4000 ފްލެޓުތައް އޭގެ ހައްގުވެރިންނަށް ދިނުން ލަސްވާ މައްސަލާގައި މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ވާހަކަދައްކަވަމުންނެވެ. މި ގަރާރު ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގި 'ބިންވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޭން ކަނޑައަޅާފައިވާ ގޯތިތައް ދޫކޮށް ނިންމީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ތެރެ އެވެ. ރާއްޖޭގެ އެންެމެ އަގުބޮޑު ބިން ހިމެނޭ ހުޅުމާލެ ފޭސް 2 އިން މާލޭ މީހުންނަށް ޖުމްލަ 1،407 ގޯތި ހިލޭ ވަނީ ދޫކޮށްފަ އެވެ.
ބުނީ ކީކޭ؟ - މާލޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އެމްޑީޕީން ހިންގި ސްކީމަކީ މިހާތަނަށް ދައުލަތަށް ލިބުނު އެންމެ ބޮޑު ގެއްލުން ކަމަށް ފަލާހު ވިދާޅުވި އެވެ. އެގޮތުން، އޭނާ ވިދާޅުވީ:
ހުޅުމާލެ ދެވަނަ ފިޔަވަހިން މާލޭ މީހުންނަށް ގޯތި ދިނުމުގެ ނަމުގައި، އެމްޑީޕީ ސަރުކާރުން 1200 އަކަފޫޓުގެ ގޯތި ހިލޭ ދީފައިވޭ 
އެ ތަންތަން ދީފައި ހުރީ ވެސް އޭރުގެ އެމްޑީޕީ މެންބަރުންނާއި ވަޒީރުންނާއި ދައުލަތުގެ ކޮންމެވެސް އިސްވެރިއަކަށް ނުވަތަ އެ މީހުންގެ އާއިލާ މެންބަރުންނަށް 
އެ ގޯތިތައް ދިން އިރު ދަރި އާއި މައިންބަފައިންނަށް ގޯތި ލިބިފައި ހުރީ އެއް ތަނަކުން؛ އެއީ މިހާތަނަށް ރާއްޖޭގައި ގޯތި ދިނުމަށް ނެގި ގުރުއަތެއްގައި ހެދި އެންމެ ބޮޑު ޖާދޫ ކަމަށް ވިދާޅުވި
މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީތަކުން މިހާތަނަށް ބެލިބެލުމުން، އެ ގޯތިތަކުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުން 13 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.
"އަޅުގަނޑު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިދަންނަވަނީ، އަޅުގަނޑު ހަމަ އަދިވެސް ހަމަ ސަރުކާރުގައި އެދެމޭ ދީފަ އެހެރަ ގޯތިތަކުގަ ކޮށްފައި ހުރި މަސައްކަތެއްގެ ބަދަލުދީފައި އެ ހުރިހާ ގޯއްޗެއް ދައުލަތަށް އަނބުރާ ނަގަން. އޭރަށް ދައުލަތަށް ވެސް ގާތްގަނޑަކަށް 10 ވަރަކަށް ބިލިއަން ރުފިޔާ އެ ސަލާމަތްވީ. ވަރަށް ގިނަ ފައިސާ އެ ލިބެނީ،" ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ، 'ގެދޮރުވެރިޔާ' ސްކީމުގެ 4000 ފްލެޓު މަޝްރޫއަކީ ދައުލަތަށް ދަރަނީގެ ގޮތުގައި 120 ބިލިއަން ރުފިޔާ ނަގައިގެން މިދިޔަ އެމްޑީޕީ ސަރުކާރަށް ކުރެވުނު ހަމައެކަނި މަސައްކަތް ކަމަށެވެ. އެކަަމަކު އެ މަސައްކަތް ވެސް ވެރިކަން ނިންމާލިއިރު އޮތީ އެއްކޮށް ނުނިންމި ކަމަށާއި ނިންމިފައިވަނީ އެ މަޝްރޫއުގެ %70 ކަމަށް ފަލާހު ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގައި އެ މަޝްރޫއިން ފްލެޓުދިން ފަރާތްތަކާ ބެހޭ ގޮތުން އޭރު އެމްޑީޕީގެ ފަރާތުން އޭސީސީއަށް މައްސަލަތަކެއް އޮތީ ހުށަހަޅާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭރު ފްލެޓުތައް ދިނުމުގައި އޭރު އެ ބޭފުޅުން ތަޅާފޮޅައިގަތީ. މިސާލަކަށް އޭރު މަޖިލީހުގައި ތިބި އެމްޑީޕީ މެންބަރުންނާއި ވަޒީރުންނާއި ކުންފުނިތަކުގައި އޭރު ތިބި ވެރިންނާއި އެ ބޭބޭފުޅުންގެ އާއިލާތަކަށް ފްލެޓުތައް ބަހާލި ބަހާލުމުގައި އެއްވަރަށް ނުބެހިގެން ތަޅާފޮޅައިގަތުމުގެ ތެރޭގައި އޭސީސީއާ ހިސާބަށް މައްސަލަ ދިޔައީ އެ ވެރިކަމުގައި. އެއީ މި ވެރިކަމުން ކުރި ކަމެއް ނޫން،" ފަލާހު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި ހިޔާ ފްލެޓުތަކަކީ ވެސް މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނަވައިގެން އެޅުއްވި ފްލެޓުތަކެއްގެ ގޮތުގައި ފަލާހު ސިފަކުރެއްވި އެވެ. 
"އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސް [މުއިއްޒު]ގެ ހައުސިން މިނިސްޓަރު ކަމުގެ ދަށުގައި އެ މަނިކުފާނު އޭރު ވަރަށް ބުރަ މަސައްކަތްޕުޅެއް ކުރައްވައިގެން، ވަރަށް ހިންގުތެރިކަމާއި ހީވާގިކަމާ އެކު އެޅުއްވި 7000 ފްލެޓެއް. އެ 7000 ފްލެޓު ހުންނާނީ 2018ގައި އޭރުގެ ވެރިކަން ނިމުނުއިރު އެ ލިބޭ ފަރާތްތަކަށް ލިޔުން ހަވާލުކޮށް، ގާތްގަނޑަކަށް %99، ހަމަ ގާތްގަނޑަކަށް މުޅި މަސައްކަތް ނިންމައި ހަލާސްކޮށްފައި،" ފަލާހު ވިދާޅުވި އެވެ.
އެކަމަކު އޭރު 7000 ފްލެޓުގެ ލިޔުން ދިން ހުރިހާ މީހުންގެ އަތުން އެ ފްލެޓުތައް އަތުލީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެމްޑީޕީގެ ސަރުކާރެއްގައި ކަމަށް ފަލާހު ވިދާޅުވި އެވެ. އެ ދުވަހު އެމްޑީޕީން ކަންކުރި ގޮތް މިއަދު އެ ޕާޓީން ހަނދާން ކުރަންޖެހޭ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. އެމްޑީޕީން އެ ފްލެޓުތައް ބަހާލީ އެ ޕާޓީއަށް ފެންނަ ބަޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލާހު އިތުރަށް ވިދާޅުވީ:
އެއީ އޭރު އެމްޑީޕީން ހިންގި ވަރަށް ބޮޑު ޖަރީމާއެއް
އޭރު އަތުލި 7000 ފްލެޓުތަކުގެ ވެރިންނަށް މި ވެރިކަމުގައި ފްލެޓު ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަތް
ވައުދުވެވަޑައިގަތީ އެމްޑީޕީން ނުނިންމާ އޮތް 4000 ފްލެޓުތަކުގެ ތެރެއިން އެ މީހުންނަށް ފްލެޓު ދޭކަށް ނޫން
އެކަމަކު އެމްޑީޕީން ނަމަ އެ މީހުންނަށް ފްލެޓުދޭން ޖެހޭނީ މި 4000 ފްލެޓުން
'ގެދޮރުވެރިޔާ' ސްކީމާ ގުޅިގެން ޕީއެންސީގެ ހުރިހާ މަޖިލިސް މެންބަރުންނަށް ވެސް ވަރަށް ގިނަ ފޯން ކޯލުތައް އައި
އެކަމަކު ރައީސް މުއިއްޒު އަންގަވާފައިވަނީ އެމްޑީޕީގެ ވެރިކަމުގައި އެ ފްލެޓުތައް ދިން ހައްގުވެރިންނަށް އެ އޮތް ގޮތަށް ދޭން
މި 4000 ފްލެޓުން އެންމެ ފްލެޓެއް ވެސް މަޖިލިސް މެންބަރެއްގެ އާއިލާއަކަށް އަދި ވަޒީރެއްގެ އާއިލާއަކަށް ނުވަތަ އެއިން އެއްވެސް ބޭފުޅަކަށް ލިބިފައެއް ނޯންނާނެ
"މިއަދު ވެސް ކެރިގެން މިދަންނަވަނީ ދިވެހި ރައްޔިތުންގެ ކުރިމަތީގައި، އަޅުގަނޑުމެންގެ ވެސް އާއިލާ އާއި އެއްބަނޑުއެއްބަފާ މީހުންގެ ދަރިން މާލޭގައި އުޅޭ. އެއިން އެންމެ މީހަކަށް މިއިން އެއްވެސް ފްލެޓެއް ލިބިފައި އޮތަސް ސާބިތުކޮށްދީފިއްޔާ [މަޖިލިސް މެންބަރުކަމުގެ] ގޮނޑިން އިސްތިއުފާދީފައި ދޫކޮށްލާނަން،" ފަލާހު ވިދާޅުވި އެވެ.
މިހާރު ފްލެޓު ދީފައިވާ ގޮތުގައި ނުބައެއް އޮތް ނަމަ އޮންނާނީ އެމްޑީޕީން ހަދާފައި އޮތް ނުބައެއް ކަމަށާއި އެކަން އެމްޑީޕީއަށް އެނގޭނެ ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ. އެގޮތުން، ދުވަހަކު މާލޭގައި ނުވެސް އުޅޭ މީހުންނަށް ފްލެޓު ދިނުމަށް، ފްލެޓަށް ޝަރުތު ހަމަވުމުގައި މާލޭގައި އުޅޭކަން ޔަގީންކުރަން ހުށަހަޅާ އެންމެ މުހިންމު ލިޔުމަކީ ރަށު ކައުންސިލުން ދޭ ލިޔުން ކަމަށް އުސޫލުގައި ހިމަނައި އެފަދަ މީހުންނަށް ފްލެޓުދީފައިވާ ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ މި ސަރުކާރުން ފްލެޓު ލިސްޓުން އުނިކޮށްފައިވާނަމަ އުނިކޮށްފައިވާނީ އެފަދަ މީހުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ