ކާމިޔާބު ކުރެވޭނެ އެއްވެސް މަގެއް ނެތިވެސް ޑޮކްޓަރަކަށްވެ ފަޤީރުންނަށް ހިލޭ ޚިދުމަތްކުރަން ޢަޒުމް ކަނޑައެޅި ކުއްޖަކަށް ދުނިޔޭގެ ފެންވަރުގެ ޑޮކްޓަރަކަށް ވެވުނު ގޮތުގެ ވާހަކަ-

އަޅުގަނޑަކީ ނިކަމެތި ޙާލުގައި ދިރިއުޅެމުން އައި ޒުވާނަކީމެވެ. އަޅުގަނޑަށް 3 އަހަރުގައި ބައްޕަ އަޅުގަނޑާއި މަންމަ ދޫކޮށްލާފައި ހިނގައްޖެއެވެ. ދުވަހަކުވެސް ބައްދަލުކުރާކަށް ނައުދެއެވެ. އެހެންވެ ބައްޕަ ހުންނަ ސިފަ އެނގެނީވެސް މަންމަ ދެއްކި ފޮޓޯއަކުންނެވެ.  
އަޅުގަނޑަށް 17 އަހަރުގައި މަންމަ ނިޔާވެއްޖެއެވެ. މަންމަ ނިޔާވީ ބޭސްފަރުވާ ކުރާނެ ފައިސާއަތުގައި ނެތުމުން ފަރުވާނުކުރެވިގެންނެވެ. އެދުވަހު ޢަޒުމް ކަނޑައެޅީމެވެ. އަހުރެން ވާނީ ޑޮކްޓަރަކަށެވެ. އަތުގައި ފައިސާ ނުހުންނަ މީހުންނަށް ހިލޭ ބޭސްފަރުވާކޮށްދޭ ޑޮކްޓަރަކަށެވެ.  
އަޅުގަނޑު ފިހާރައަކުން ވަޒީފާއެއް ހޯދީމެވެ. މަސައްކަތްކުރަމުން ކިޔަވަން މަސައްކަތްކުރީމެވެ. އެދުވަސްވަރު އެއްދުވަހު މަގުމަތިން ޙާދިސާއެއް ދިމާވިއެވެ. މަސްތުގެ ޙާލުގައި ތިބި 2 މީހަކު އުޅުނީ މަގުމަތިން ދިއަ އަންހެންކުއްޖެއްގެ ދަބަސް ޖަހައިގަންނަންވެގެންނެވެ. އެވަޤުތު ބަލާކަށް ނުހުރެވުނެވެ. ދުވެފައި ގޮސް ދަބަހުގައި ހިފެހެއްޓީމެވެ. އެހެންވެ އެދެމީހުން ދަމުން ދިއައީ ބޮލުގައި އެއްޗަކުން ޖަހައި އަޅުގަނޑުގެ ބޯފަޅައިލާފައެވެ. 
އަންހެންކުއްޖާ އަޅުގަނޑު ގޮވައިގެން ހޮސްޕިޓަލަށް ގޮސް ބޭސްއަޅައިދީފައި އަޅުގަނޑަށް ފައިސާދޭން އުޅުމުން ބުނީމެވެ. "އަޅުގަނޑު ކުރިކަމެއް ކުރީ ﷲ އަށްޓަކައެވެ. ﷲ ބަދަލު ދެއްވަވާނެތެވެ. އެއްވެސް މީހެއްގެ އަތުން ބަދަލެއް ބޭނުމެއް ނޫނެވެ.  
އެކުއްޖާ ދަމުން ދިއައީ އަޅުގަނޑުގެ މަޢުލޫމާތު އޮޅުންފިލުވައިގެންނެވެ. ކޮންމެ ދުވަހަކު އަޅުގަނޑާއި ބައްދަލުކުރެއެވެ. ޙާލުބަލައެވެ. އެގޮތަށް އުޅޭތާ 2 އަހަރުވީއިރު 2 މީހުން ތިބީ ލޯބިވެރިންނަށްވެފައެވެ. ކައިވެނިކުރަން އުޅުމުން އެކުއްޖާގެ ޢާއިލާއިން އެކަމަކަށް ނުރުހުނެވެ. އަޅުގަނޑު ފަޤީރުކަމުންނެވެ. 
ޑޮކްތަރަކަށްވުމަށް ކުރި އުންމީދުތައް ދޫކޮށެއް ނުލަމެވެ. އަޅުގަނޑު މަސައްކަތްކުރަމުން ދިއައީ ސޮކާލާޝިޕެއް ލިބޭތޯއެވެ. ދުނިޔޭގެ ތަފާތު ޔުނިވާސިޓީތަކަށް ދިއައީ އީމޭލްކުރަމުންނެވެ. އެހެން އުޅެނިކޮށް އަޅުގަނޑަށް އޮސްޓްރޭލިޔާގެ ޔުނިވަރސިޓިއަކުން ލިބުނު ފުރުޞަތެއްގައި ކިޔަވަންދިއައީއެވެ. މަންމަގެ ކިބައިން ވާރުތަވެފައި ހުރި ކުޑަކުޑަގެ ކުއްޔަށްދީފައެވެ.  
އަޅުގަނޑު ކިޔަވައި ނިމިގެން ވަޒީފާއަދާކުރަންފެށީމެވެ. މިއަދު އަޅުގަނޑަކީ ހޮސްޕިޓަލުގެ އެންމެ އިސް އެއް ޑޮކްޓަރެވެ. ނިޔުރޯ ޑިޕާޓްމަންޓްގެ އެންމެ އިސް އެއްޑޮކަޓަރެވެ.  
މިކިޔައިދެވުނީ އެންމެ މުހިންމު އެއްބައި ދޫކޮށްލައިފައެވެ. ކިޔަވަން ދިއަ ނަމަވެސް ލޯބިވެރިޔާ އާއި ގުޅުން ކަނޑައެއް ނުލަމެވެ. އޭނާވެސް އަޅުގަނޑާއި ގުޅުން ބޭއްވިއެވެ. އަޅުގަނޑާއި ލޯބިވެރިޔާ އައީ ވާހަކަދައްކަމުންނެވެ. އަޅުގަނޑަށް ވަޒީފާ ލިބުމުން ލޯބިވެރިޔާއަށް ޓިކެޓް ފޮނުވައިގެން ގެނުވީމެވެ. މިތިބީ ކައިވެނިކޮށްގެންނެވެ. 2 ދަރިންވެސް ވަނީ ލިބިފައެވެ.  
އަޅުގަނޑު މިއަދުނޫސް ކިޔަމެވެ. ޝާއިޢުކުރާ ދީނީ ލިޔުންތަކާއި ޙަޤީޤީ ޙާދިސާތައްވެސް ކިޔަމެވެ. އެހެންވެ ކުރުގޮތަކަށް އަޅުގަނޑުގެ ވާހަކަ މިކިޔައިދިނީއެވެ. ވާހަކަ ޙިއްޞާކުރާ އެހެންކިޔުންތެރިން ފަދައިން އަޅުގަނޑުވެސް ކިޔުންތެރިންނަށް ބަހެއް ބުނެލަން ބޭނުންވެއެވެ.  
ވަރަށް ކުރުކުރު އެންމެ ވާހަކައެކެވެ. އެއީ އަޅުގަނޑުގެ މަންމަ އަޅުގަނޑުގެ ގާތުގައި ބުނެފައިވާ ވާހަކައެކެވެ. މީހުންނަށް އެހީތެރިވެދޭންވީ ﷲ ތަޢާލާއަށްޓަކައެވެ. ބަދަލު ދިނަސް ނުހިފާށެވެ. ބަދަލުގައިދޭ މަދުފައިސާކޮޅަށްވުރެ ﷲ ލައްވަވާ ރަހްމަތް މާބޮޑުވާނެއެވެ.  
ތަކުރާރުކޮށް މަންމަ ބުނަމުން އައި އެވާހަކަ އަޅުގަނޑަށް މިވަނީ ތަޖުރިބާ ކުރެވިފައެވެ.  
- ޢަބްދުލްގަފޫރު / މިއަދުނޫހުގެ ކިޔުންތެރިއެއް  
- ޢިބްރަތްތެރި ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ