ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިނާޔާތް އާންމު: ރިޕޯޓު

ރިޝްވަތާއި ހިޔާނާތަށް ބަލާއިރު، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިނާޔާތް އާންމުވެފައިވާ ކަމަށް އޭޝިއާ ޕެސިފިކް ގްރޫޕް އޮން މަނީ ލޯންޑަރިން (އޭޕީޖީ)އިން ރާއްޖެއާ ގުޅޭ ގޮތުން އެކުލަވާލައި "އެންޓި-މަނީ ލޯންޑަރިން އެންޑް ކައުންޓާ ޓެރަރިސްޓް ފައިނޭންސް މެޝާސް"ގެ އިވެލުއޭޝަން ރިޕޯޓުގައި ބުނެފި އެވެ.މިދިޔަ އޮކްޓޫބަރުގައި އާންމުކުރި އެ ރިޕޯޓުން ދައްކާ މަންޒަރަކީ މިފަދަ ކަންކަން ހުއްޓުވަން ރާއްޖޭގައި ގާނޫނުތަކެއް ހަދާފައި ހުރި ނަމަވެސް، އެ ގާނޫނުތައް ތަންފީޒު ނުކުރެވި، ކަޅު ފައިސާ ދައުރުވާން ދޫކޮށްލެވިފައި ހުންނަ ކަމެވެ.ރިޝްވަތާއި ހިޔާނާތަށް ބަލާއިރު، މީޑިއާ ރިޕޯޓުތަކާ ހަވާލާދީ އޭޕީޖީއިން ބުނީ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ހިނާޔާތް އާންމުވެފައިވާ ކަމަށެވެ. އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ 2020 ރިޕޯޓަކާ ހަވާލާދީ، ޕަބްލިކް ޕްރޮކިއުމަންޓުގެ ގަވާއިދުތަކުގައި ހުރި ހުސް ޖާގަތަކުގެ ސަބަބުން ހިޔާނާތުގެ އަމަލުތައް ހިންގުމުގެ ފުރުސަތު ބޮޑުވާ ކަމަށް އޭޕީޖީއިން ބުނެ އެވެ.މަރުކަޒީ ބޭންކް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ 2023ގެ އަހަރީ ރިޕޯޓާ ހަވާލާދީ އޭޕީޖީއިން ބުނީ ޕޮލިޓިކަލީ އެކްސްޕޯސްޑް ޕާސަންސް (ޕީއީޕީ)އިން ހިނާޔާތުގެ އަމަލުތަކުގައި ބައިވެރިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.އެފަދަ މީހުން ހިޔާނާތާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަން މެދުވެރިއެއްގެ ގޮތުގައި އާއިލީ ގުޅުން އޮންނަ މީހުންނާއި ތިން ވަނަ ފަރާތްތަކުގެ ބޭނުން ވެސް ކުރާ ކަމަށް ފާހަގަކޮށްފައިވެ އެވެ.މިކަންކަން ހުއްޓުވަން އޭޕީޖީއިން ދޭ ލަފަޔަކީ، ނުރަސްމީ ނުވަތަ ގަވާއިދާ ހިލާފަށް ހިންގާ މާލީ ނެޓްވޯކުތައް ހުއްޓުވަންވީ އެވެ. ޕޮލިޓިކަލީ އެކްސްޕޯސްޑް ޕާސަންސްއަކީ ގާނޫނުން ފިޔަވަޅު ނޭޅޭ ބަޔަކަށް ނުހަދަންވީ އެވެ.  ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުން ރާއްޖެ އަށް ކުރިއެރުމެއް ނުލިބި، މިދިޔަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި)ގައި ތިން ދަރަޖަ ފަހަތަށް ވަނީ ވެއްޓިފަ އެވެ. ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން އެންމެ ފަހުން އާންމުކުރި ސީޕީއައި ނުވަތަ ކޮރަޕްޝަން އޮތް ކަމަށް މީހުން ގަބޫލުކުރާ މިންގަނޑުގައި ރާއްޖެ އޮތީ 38 ޕޮއިންޓާ އެކު 180 ގައުމުގެ ތެރެއިން 96 ވަނައިގަ އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އެއް ޕޮއިންޓުގެ ވެއްޓުމެކެވެ. ކުރީ އަހަރު ރާއްޖެ އޮތީ 39 ޕޮއިންޓުގަ އެވެ.ކޮރަޕްޝަން ހިންގާ މީހުން ހިމާޔަތްކުރުން ހުއްޓާލައި، ކޮރަޕްޝަނާ ގުޅޭ ތުހުމަތުތައް ތަހުގީގުކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގާ ސިޔާސީ މީހުންނަށް ވަޒީފާގެ ކުރިއެރުމާއި އިތުރު ކުރިއެރުންތަކާއި ބާރުތައް ދިނުމުގެ ބަދަލުގައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް ޓްރާންސްޕޭރެންސީން މިފަހުން ވަނީ ގޮވައިލަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ