ވަންޕްލަސް 15ޓީ ގެ މައުލޫމާތުތައް ލީކުވެއްޖެ
ވަންޕްލަސްގެ ފްލެގްޝިޕް 15 ސީރީޒްގެ އައު ފޯނެއް ކަމަށްވާ "ވަންޕްލަސް 15ޓީ" ބާޒާރަށް ނެރުމަށް އެ ކުންފުނިން ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތުތައް އާއްމުވެއްޖެއެވެ. ޗައިނާގެ މަޝްހޫރު ޓިޕްސްޓަރުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މި ފޯނަކީ ކޮމްޕެކްޓް ފޯނުތަކަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ، 6.3 އިންޗީގެ އެމޯލެޑް 1.5ކޭ ފްލެޓް ސްކްރީނެއް ހިމެނޭ ފޯނެކެވެ. މީގެ އިތުރުން މި ފޯނުގެ ސްކްރީން ރިފްރެޝް ރޭޓަކީ 165ހާޓްޒް ކަމަށާއި، ފޯނުގެ ބޭރު ފްރޭމް ހުންނާނީ މެޓަލްއިން ކަމަށް ވެސް މައުލޫމާތު ލިބެއެވެ. ސަލާމަތީ ކަންކަން ވަރުގަދަކުރުމުގެ ގޮތުން މި ފޯނުގައި 3ޑީ އަލްޓްރާސޮނިކް ފިންގާޕްރިންޓް ސެންސަރެއް ހިމަނާފައިވާއިރު، ފޯނަށް ޚާއްސަ މެގްނެޓިކް ސްނެޕް-ކޭސްތަކެއް އުފެއްދުމުގެ މަސައްކަތް ވެސް ވަންޕްލަސްއިން މިހާރު ވަނީ ފަށާފައެވެ. މި ފޯނުގެ އެންމެ ޚާއްސަ އެއް ކަމަކީ 7,000 މިލީ އެމްޕަޔާއަށް ވުރެ ބޮޑު ބެޓެރީއެއް މީގައި ހިމެނުމެވެ. އަދި މި ފޯނުގެ ސްޕީޑް އަވަސްކުރުމަށްޓަކައި ބޭނުންކުރާނީ ކުއަލްކޮމްގެ އެންމެ ފަހުގެ "ސްނެޕްޑްރެގަން 8 އެލީޓް ޖެން 5" ޕްރޮސެސަރު ކަމަށް ބެލެވެއެވެ. ކެމެރާގެ ބަޔަށް ބަލާއިރު، މި ފޯނުގެ ފަހަތުގައި 50 މެގަޕިކްސެލްގެ މައި ކެމެރާއެއްގެ އިތުރުން 50 މެގަޕިކްސެލްގެ ޓެލެފޮޓޯ ލެންސެއް ހިމެނޭ ޑުއަލް ކެމެރާ ސެޓަޕެއް ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ފޯނު ރަސްމީކޮށް ބާޒާރަށް ނެރުމަށް ހަމަޖެހިފައި ވަނީ 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައެވެ. އަދި ޗައިނާގެ ބާޒާރަށް ފަހު، އިންޑިއާ ފަދަ ގައުމުތަކަށް މި ފޯނު "ވަންޕްލަސް 15އެސް" ގެ ނަމުގައި ނެރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ވަންޕްލަސްއިން އާންމުކޮށް ކޮންމެ އަހަރަކުވެސް އެ ބްރޭންޑުގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތައް ބާޒާރަށް ނެރެމުން އަންނައިރު، 'ޓީ' ސީރީޒްގެ ފޯނުތަކަކީ އާންމުކޮށް އަހަރުގެ މެދުތެރޭގައި ނެރޭ، ކުރީގެ މޮޑެލްތަކަށްވުރެ ޕާފޯމަންސް ވަރުގަދަ ފޯނުތަކެކެވެ. ފަހަކަށް އައިސް ވަންޕްލަސްއިން ވަނީ ފޯނުގެ ބެޓެރީ ލައިފް އިތުރުކުރުމަށާއި ޑިސްޕްލޭގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއްކޮށް، ބޮޑެތި ބެޓެރީތައް ހިމެނޭ އައު ޓެކްނޮލޮޖީތައް ތައާރަފްކުރަން ފަށައިފައެވެ. ވަންޕްލަސް 15 ސީރީޒްގެ ފޯނުތައް ބާޒާރަށް ނެރުމުގެ މަސައްކަތް ކުރަމުންދާއިރު، މިއީ އެންމެ ފަހުގެ ސްނެޕްޑްރެގަން ޕްރޮސެސަރުތަކާއެކު އެ ކުންފުނިން ނެރޭނެ އެންމެ ބާރުގަދަ އެއް ސީރީޒަށް ވެގެންދާނެ ކަމަށް ޓެކްނޮލޮޖީ މާހިރުން ލަފާކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ