ހަވާ އަރުވައި، ވަރަށް ކުލަގަދަ ރަސްމިއްޔާތަކާ އެކު ކ. މާފުށިން ރޭ ވަނީ، ޓޫރިޒަމްގެ މައި ހަބެއްގެ ގޮތުގައި ބެލެވޭ އެ ރަށުގެ ސްލޯގަން އަކީ 'ހާޓް އޮފް ދަ މޯލްޑިވްސް'ކަމަށް ކަނޑައަޅައިފަ އެވެ.
ރަށުގެ ލޯގޯ އާއި ރަސްމީ ސްލޯގަން އިފްތިތާހުކޮށްދެއްވީ، ލޯކަލް ޓޫރިޒަމްގެ ބާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެކަމަކު މި ކުލަގަދަ ރަސްމިއްޔާތުގެ ކުލަފަނޑުނުވެ އުޅެނިކޮށް، ފެންމަތިވީ، މި ސްލޯގަންއަކީ މާ ކުރިން، އއ. ރަސްދޫން ބޭނުން ކުރަމުން އައި އެއްޗެއް ކަމަށް ބުނާ ވާހަކަ އެވެ.
އެއާ އެކު މިހާރު ސޯޝަލް މީޑިއާގައި އޮތީ، 'ރާއްޖޭގެ ހަގީގީ ހިތް'، ނުވަތަ 'ހާޓް އޮފް މޯލްޑިވްސް'އަކީ ކޮބައިކަމާ މެދު އުފައްދާ ސުވާލެވެ.
މިކަމާ ގުޅޭ ގޮތުން ރަސްދޫން ބުނަނީ، 'ހާޓް އޮފް މޯލްޑިވްސް'ގެ ސްލޯގަން އެ ރަށުގައި ތައާރަފްކޮށް، ރަސްމީކޮށް ބޭނުން ކުރަން ފެށީ 2019ގައި ކަމަށެވެ.
"އެއްގޮތަކަށް ވެސް ނުވިސްނޭ، ބަޔަކު މާ ކުރިން ތައާރަފްކޮށް، ބޭނުންކުރަމުން އަންނަ އެއްޗެއް އެހެން ބަޔަކަށް ބޭނުން ކުރެވޭނެ ގޮތެއް،" ލޯކަލް ޓޫރިޒަމްގައި ކުރިއަރަމުން އަންނަ ރަސްދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"މީގައި ހެއްވާ ތަންކޮޅަކީ، ރަސްދޫގައި ވެސް މި ސްލޯގަންގެ ލޯގޯ އިފްތިތާހުކޮށްދެއްވީ ރައީސް ނަޝީދު."
ރަސްދޫ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަފީގު ވިދާޅުވި ގޮތުގައި މީގެ ތިން އަހަރު ކުރިން، 'ހާޓް އޮފް މޯލްޑިވްސް'ގެ ނަމުގައި، ރަސްދޫގެ ރަސްމީ ލޯގޯ އާއި ސްލޯގަން ތައާރަފްކުރީ، ރަސްދޫގެ އައިޑެންޓިޓީއެއްގެ ގޮތުގައި، ރާއްޖެ އާއި ބައިނަލްއަގްވާމީ ދުނިޔެއަށް މާކެޓް ކުރުމަށެވެ.
ރަތް ކުލައިގެ ހިތެއްގެ ބައްޓަމަށް އިންނަ ލޯގޯ، ރަސްދޫގައި ނަޝީދު އިފްތިތާހުކޮށްދެއްވި އިރު، 'ހާޓް އޮފް ދަ މޯލްޑިވްސް' ސްލޯގަން އިފްތިތާހުކޮށްދިނީ އޭރު ރާއްޖެ އައިސް އުޅުނު އެކި ގައުމުތަކުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހިމެނޭ އިންޓަ ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ ވަފުދުންނެވެ.
"އޭގެ ފަހުން ރާއްޖެ އާއި ދުނިޔޭގައި ރަސްދޫގެ ޓޫރިޒަމް ވިއްކަމުން އައީ އެ ސްލޯގަންގެ ދަށުން، އެ ލޯގޯގައި. ރަސްމީ އިވެންޓުތަކާއި މުބާރާތްތަކުގައި ވެސް ބޭނުން ކުރަމުން މި އައީ އެ،" ޝަފީގް ވިދާޅުވި އެވެ.
ރަސްދޫން ބުނާގޮތުގައި 'ގައުމުގެ ހިތު'ގެ ގޮތުގައި ރަސްދޫ ސިފަކުރަމުން އައީ، ރާއްޖޭގެ މެދުގައި، އެހެން ރަށްތަކާ ވަކިން، ވައްކޮށް ކުޑަކޮށް އޮންނާތީ އެވެ.
މިކަމާ މެދު ސުވާލު ކުރުމުން، މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވެސް ކުރެއްވީ ސުވާލެކެވެ.
"ބަޔަކު އަދި މިއީ ތިމަންނަމެންގެ އެއްޗެކޭ ބުނުމުން އެ އެއްޗެއް އެ މީހުންގެ އެއްޗަކަށް ވާނެތޯ؟،" އޭނާ އެއްސެވި އެވެ.
ސޮލާހު ވިދާޅުވީ މާފުށިން ސްލޯގަންއެއްގެ ގޮތުގައި ބޭނުންކުރަން 'ހާޓް އޮފް މޯލްޑިވްސް' ރަޖިސްޓްރީ ކުރަން ބެލި އިރު، އިތުރު ބަޔަކު އޭގެ މިލްކުވެރިކަން ހޯދާފައެއް ނުވެ އެވެ. އެހެންވެ މާފުށިން އެ ސްލޯގަން ބޭނުންކުރަން ރަސްމީ ހައިސިއްޔަތު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.
އެކަމަކު ރަސްދޫން އެކަން ދޮގުކުރެ އެވެ. އެރަށުން ބުނިގޮތުގައި އަމިއްލަ މީހެއްގެ ނަމުގައި، އެ ސްލޯގަން ވަނީ އެ ރަށުން ރަޖިސްޓްރީކޮށްފަ އެވެ.
ސޮލާހު ވިދާޅުވީ އެ ރަށުން ސްލޯގަންގެ ގޮތުގައި ބޭނުން ކުރާނީ ހަމައެކަނި 'ހާޓް އޮފް މޯލްޑިވްސް' އެކަނި ނޫން ކަމަށާއި އެއީ، 'މާފުށި- ހާޓް އޮފް މޯލްޑިވްސް' ކަމަށެވެ. އަދި އެއީ ހަމައެކަނި ސްލޯގަންއެއް ނޫން ކަމަށާއި ބޮޑު ބްރޭންޑެއް ކަމަށް ވެސް ވިދާޅުވި އެވެ.
"މި ބްރޭންޑްގެ ދަށުން އަޅުގަނޑުމެން ވަރަށް ގިނަ ކަންކަން ކުރަން ރާވާފައިވަނީ. ހާޓް އޮފް މޯލްޑިވްސް އެއީ ހަމައެކަނި ޓެގްލައިނެއް،" ސޮލާހު ވިދާޅުވި އެވެ.
"ދެން އަނެއް ވާހަކައަކީ އެއީ، ވަރަށް އާއްމު ސްލޯގަންއެއް. ރަސްދޫން ވެސް އެ ނަން ބޭނުމިއްޔާ ހަމަ އެހެން ކިޔަންވީ."
އޭނާ ވިދާޅުވީ މާފުއްޓަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމްގެ ހިތް ކަމަށް ގަބޫލު ނުކުރާނެ މީހަކު ނޫޅޭނެ ކަމަށާއި ދެން އެހެން ރަށްތަކުގައި އެ ޖަހަނީ އޭގެ ވިންދު ކަމަށެވެ. އެހެންވެ، އެ ރަށަށް 'ހާޓް އޮފް މޯލްޑިވްސް' ކިޔަން މުނާސަބު ކަމަށް ވެސް ވިދާޅުވި އެވެ.
މާފުއްޓާއި ރަސްދޫ: 'ހާޓް އޮފް ދަ މޯލްޑިވްސް' އަކީ ކޮން ރަށެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ