ގޭބަންދުގައި ހުރެ ހުކުމް ތަންފީޒު ކުރުމަށް ނަޖީބު ހުށަހެޅި މައްސަލަ މެލޭޝިއާ ކޯޓުން ބާތިލްކޮށްފި

ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ފަންޑް (1އެމްޑީބީ)ގެ ޚިޔާނާތުގެ މައްސަލައިގައި ޖަލުގައި ހުންނެވި މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާކްގެ ހުކުމްގެ ބާކީ އޮތް ބައި ގޭގައި ތަންފީޒު ކުރުމަށް އެދި ހުށަހެޅުއްވި މައްސަލަ މިއަދު ބާތިލުކޮށްފިއެވެ. ވެރިރަށް ކުއާލާލަމްޕޫރުގެ ހައި ކޯޓުން އެ މައްސަލަ ބާތިލު ކުރީ އެ ގޮތަށް ނިންމަން ހުއްދަ ދިން ޝާހީ ލިޔުމަކީ އިޖުރާއަތްތަކާ އެއްގޮތަށް ހެދި ލިޔުމެއް ނޫން ކަމަށް ބުނެއެވެ. ރަސްގެފާނުގެ މައާފްގެ ތެރެއިން މިދިޔަ އަހަރު ނަޖީބުގެ ހުކުމްގެ ދެބައި ކުޅަ އެއްބައި ކުޑަ ކުރުމަށް ނިންމުމުން އޭނާގެ ހުކުމްގެ ބާކީ އޮތްބައި ގޭގައި ތަންފީޒު ކުރުމަށް ފުރުސަތު އެބައޮތް ކަމަށް ބުނެ،ނަޖީބު ވަނީ މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކަށް މަޖުބޫރުކޮށްގެން ލިޔުން ހޯދާފައި ކަމަށް އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ. މެލޭޝިއާގެ ކޯޓަކުން ވަނީ ނަޖީބުގެ އެ ހުށަހެޅުން ހައި ކޯޓަށް ހުށަހެޅުމުގެ ހުއްދަ މިދިޔަ ޖެނުއަރީ މަހު ދީފައެވެ. ހައިކޯޓުގެ ގާޒީ އެލިސް ލޯކޭ ހޯމަ ދުވަހު ވިދާޅުވީ އެ ހުއްދަ ދިނުމާ މެދު ދެބަސްވުމެއް ނެތް ކަމަށާއި ނަމަވެސް ކުރީގެ ރަސްގެފާނު، ނަޖީބު ގޭބަންދު ކުރުމުގެ ހުއްދަ ދިނުމުގެ އަމުރު ދެއްވުމުގެ ކުރިން ކުށްތަކަށް މާފުދިނުމާ ބެހޭ ކަންކަން ނިންމާ ބޯޑާ މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ. މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖިބު ރައްޒާކްގެ އަނބިކަނބަލުން ރަސްމާ މަންސޫރު. ރަސްމާގެ މައްޗަށްވެސް ވަނީ ޚިޔާނާތުގެ ދައުވާ އުފުލާފައި. ފޮޓޯ/ރޮއިޓާސް ވަކި ތަރުތީބަކުން ރަސްކަން ބަދަލުވާ ގޮތަށް އޮންނަ މެލޭޝިއާއިން ނަޖީބުގެ ޖަލު ހުކުން ކުރުކުރަން ނިންމި ބޯޑު ބައްދަލުވުން ބޭއްވީ ބޯޑުގެ ޗެއާމަންގެ މަގާމު އަދާކުރައްވާ ރަސްގެފާނުގެ ދައުރު ހަމަވެ އާ ބޭފުޅަކަށް ތަހުތު ހަވާލުކުރުމަށް ބާކީ ދެ ދުވަސް އޮއްވައެވެ. ބޯޑުގައި ރަސްގެފާނުގެ އިތުރުން އެޓާނީ ޖެނެރަލް ވެސް ހިމެނިވަޑައިގަންނަވައެވެ. އަދަބު ލުއި ކުރުމުން ނަޖީބް 2028 ވަނަ އަހަރު މިނިވަންވާނެއެވެ. އަދަބު ލުއި ކުރުމުގެ އިތުރުން އޭނާ ދައްކަންކެހޭ ޖޫރިމަނާ ވެސް 50 މިލިއަން ރިންގިޓް (10.6 މިލިއަން ޑޮލަރު) އަށް ކުޑަކޮށްފައިވެއެވެ. ނަމަވެސް ޖޫރިމަނާ ނުދެއްކިއްޖެ ނަމަ ޖަލު ހުކުމަށް އެއް އަހަރު އިތުރުވާނެ ކަމަށް ބުނެފައިވެއެވެ. ޚިޔާނާތުގެ ކުށް ސާބިތުވެ، 12 އަހަރަށް ނަޖީބް ޖަލަށްލާން ހުކުމް ކުރީ 2020 ވަނަ އަހަރެވެ. ދެހާސް ނުވަވަނަ އަހަރު ވެރިކަމާ ހަވާލުވެވަޑައިގެންވިތާ މާ ގިނަ ދުވަހެއް ނުވެ، 4.5 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ 1އެމްޑީބީއިން ނަގައި ހޮލީވުޑް ފިލްމުތައް ހެދުމަށާއި އެ ނޫން ވެސް އެކި ކަންކަން ކަމަށް ޚަރަދުކޮށްފައިވާ ކަމަށް ތަހުގީގުކުރާ ފަރާތްތަކުން ވަނީ ތުހުމަކޮށްފައެވެ. އެ މައްސަލައިގެ ސަބަބުން ނަޖީބުގެ ސަރުކާރު ބައިބައިވެ، 2018 ވަނަ އަހަރުގެ ބޭއްވި އިންތިޚާބުގައި އޭނާ ވަނީ ނާކާމިޔާބުވެފައެވެ. އޭނާގެ މައްޗަށް ގާނޫނީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އެ މައްސަލައިގައި ހުށަހެޅި އިސްތިއުނާފުގައި ވެސް ކާމިޔާބު ލިބިނުލެއްވުމުން 2022 ވަނަ އަހަރު ވަނީ ހުކުމް ތަންފީޒުކުރައްވަން ފައްޓަވާފައެވެ. އުމުރުން 71 އަހަރުގެ ނަޖީބު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރުކުރައްވާފައެވެ. ނަމަވެސް މިދިޔަ އަހަރު ފަހުކޮޅު ނަޖީބު ވަނީ މެލޭޝިއާގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. ނަޖީބުގެ އަނބިކަނބަލުން ރަސްމާ މަންސޫރު ވެސް މީގެ ކުރިން ވަނީ ޚިޔާނާތުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. ގެންގުޅުއްވި އަގު ބޮޑު ބްރޭންޑްތަކުގެ ދަބަހާއި ގަހަނާތަކާއި ގައުމުން ބޭރަށް ކުރި އަގު ބޮޑު ދަތުރުތަކުގެ ސަބަބުން ބޮޑެތި ޚިޔާނާތުގެ ތުހުމަތުތަކެއް ވަނީ ރަސްމާ މަންސޫރުގެ މައްޗަށް ވެސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ