ކޮޅުވެއްޓި ބަންޑުންޖެހުން: ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ހޯދައިފި
މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަނިކޮށް މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ ތިންވަނަ މީހާގެ ހަށިގަނޑު އޮޔާދަނިކޮށް ހޯދައިފިއެވެ. ޖުމުލަ ހަތް މީހުންނާ އެކު، ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި "އަލްމާކް ފިޔަ" ކިޔާ ކޮޅުވެއްޓިއެކެވެ. އެއިން ދަތުރުކުރި ހަތަރު މީހުން ވަނީ ފުރަތަމަ ސަލާމަތްކޮށްފައެވެ. ތިން މީހުން ގެއްލުނުއިރު، އޭގެ ތެރެއިން ދެ މީހުން ފެނުނީ މަރުވެފައި އޮއްވައި ކަނޑު އަޑިންނެވެ. އެއީ، ގއ. ދާންދޫ، ސަރުސޫނުގެ، 38 އަހަރުގެ އަހުމަދު ޝިފާނާއި އިންޑިއާއަށް ނިސްބަތްވާ ބިދޭސީއެކެވެ. މިއަދު އެމްއެންޑީއެފުން ނޫސްތަކަށް މައުލޫމާތު ދެމުން ބުނީ، މި ހާދިސާގައި ހޯދަމުން އަންނަ ތިންވަނަ މީހާ ރޭ ފެނިފައިވާ ކަމަށެވެ. އޭނާގެ ހަށިގަނޑު ފެނުނީ މާލެ އަތޮޅު އާއިލާފުށްޓާއި ވިލާ ނޮޓިކާއާ ދެ ރަށް ދޭތެރެއިން އޮޔާދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި އެއީ ލަންކާއަށް ނިސްބަތްވާ ބިދޭސީއެކެވެ. އޭނާއާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިދިޔަ ހަފުތާގެ ތެރޭ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވިއިރު، ކަނޑު މަތީގެ އިތުރު ހާދިސާއެއް ވެސް އެ ހަފުތާގައި ވަނީ ހިނގާފައެވެ. އެއީ މާލެއިން ޅ. ނައިފަރަށް ދަތުރުކުރި "ނަސްރު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް އަޑިއަށް ގޮސް ހިނގި ހާދިސާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ