ސިނަމާލެ ފުލެޓުތަކުގެ މައްސަލަ ދޫކޮށްލާފައި ބަހައްޓާކަށް ބޭނުމެއް ނޫން، ރަނގަޅު ހައްލެއް އަންނާނެ: ރައީސް

ސިނަމާލެއާއި މާލެ ހިޔާ ފުލެޓުތަކުގެ މައްސަލަ ދޫކޮށްލާފައިވާ ބަހައްޓަން ބޭނުންނުވާ ކަމަށާއި އެ ފުލެޓުތަކުގެ މައްސަލައަށް ރަނގަޅު ހައްލެއް އަންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިމާރަތްކުރި ސިނަމާލެ ފުލެޓުތަކަކީ އެ އިރަށް ބަލާނަމަ، ވަރަށް ހިތްގައިމު ތަންތަނެވެ. އެކަމަކު، މިއަދު އެ ފުލެޓުތަކުގައި ދިރިއުޅޭ ވަރަށް ވުރެ، އެ ތަންތަނުގެ ވީރާނާކަން ބޮޑެވެ. މިއީ، ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސް ބޭއްވި ބައްދަލުވުމުގައި ގިނަ ބަޔަކު ފާޅުކުރި މައިގަނޑު އެއް ކަންބޮޑުވުމެވެ. އަދި، ރައީސްގެ މޭޔަރު ކަމުގައި މައާފުކުރެއްވި، އެ ފުލެޓުތަކުގެ ޖޫރިމަނާތައް ދައްކަން އެދި މާލެ ސިޓީ ކައުންސިލުން މެސެޖު ކުރާ ކަމުގެ ޝަކުވާ ވެސް ރޭ އެ ފުލެޓުތަކުގައި އުޅޭ ގިނަ ބަޔަކު ކުރިއެވެ. ރައީސް ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުން ---- ފޮޓޯ/ ރައީސް އޮފީސް އެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވައި ރައީސް ވިދާޅުވީ، ސިނަމާލެ އާއި މާލެ ހިޔާ ފުލެޓުތަކުގެ ޖޫރިމަނާތައް މޭޔަރަކަށް ހުންނެވިއިރު މައާފުކުރައްވާފައިވާ ކަމަށާއި އެ ކަން އެ ގޮތަށް މިހާރުގެ ސިޓީ ކައުންސިލުން ވެސް ކުރަންވާނެ ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް އެ ގޮތަށް އެ ކަން ސިޓީ ކައުންސިލުން ކޮށްގެން ނުވާނެ. އެ އޮތީ އަޅުގަނޑު މޭޔަރު ކަމުގައި ހުރިއިރު ކެންސަލްކޮށްފައި. ދެން ހަވާލުވާ ފަރާތަކުން އެ ކޮންޓިނުކުރަން ޖެހޭނީ. އަޅުގަނޑު އެދެން ޑެޕިއުޓީ މޭޔަރު އަރިހުން ކަން އަނބުރާ ކައުންސިލްގެ ފްލޯއަށް ގެންދަވާފައި މި ކަން ރަނގަޅު ކުރައްވަން ސިނަމާލެ ފުލެޓުތަކުގެ ހާލަތު ބަލަހައްޓައި، މަރާމާތު ކުރުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަން ފާހަގަކުރައްވައި، އެ މަނިކުފާނު ވިދާޅުވީ، އެ ފުލެޓުތަކުގައި އުޅޭ މީހުންގެ ކަންބޮޑުވުންތައް ހައްލު ކުރެވޭނެ ގޮތެއް ބަލާނެ ކަމަށެވެ. އޭގެއިތުރަށް، އެ ފުލެޓުތައް ބަލަހައްޓައިގެން މަރާމާތެއް ސިޓީ ކައުންސިލަށް ނުކުރެވުނު ކަމަށާއި އެ ތަންތަނުގަ އުޅޭއިރު އެންމެ ރަނގަޅު ގޮތެއް ވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. https://x.com/i/broadcasts/1RDGlAqyBMzJL އެ ތަންތަން އޯނަޝިޕަށް ދިޔުމަށްޓަކައި ދައްކަން ޖެހޭ އެއްޗެއް ދެއްކުމުގެ ކަންތަކަށް ގެނެވޭނީ ކޮން ކަހަލަ ލުޔެއްތޯ. މުޅި ތަނުގެ ހާލަތަށް ބަލާފައި ވިޔަސް. މުޅިން އޯވަރޯލްކޮށް މި ކަމަށް ހައްލެއް ގެންނަން މަސައްކަތް ކޮށްދޭނަމޭ އެ ކަމުގައި ކަމާ ބެހޭ ފަރާތްތަކުގައި މަޝްވަރާކޮށްފައި. މާލޭގައި މިހިރަ ސިނަމާލޭގެ ހަތަރު ފުލެޓާއި މާލެ ހިޔާގައި އުޅޭ ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން ރަނގަޅު ހައްލެއް ދޭނަމޭރައީސް ޑރ. މުޙައްމަދު މުއިއްޒު ހަމައެހެންމެ، އެ ފުލެޓުތަކުގެ ލިފްޓުގައި ބަޔަކު ތާށިވެގެން އުޅުނު ގޮތް ވެސް މީހަކު ވަނީ ކިޔައިދީފައެވެ. އެ ކަމަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވީ، އެ ކަމުގައި ކައުންސިލަރުން ރަނގަޅު ހައްލެއް ގެނެސްދިނުމަށް އެދިވަޑައިގެންފައެވެ. ސަރުކާރުގެ އެހީތެރި ކަމެއް ބޭނުންވާނަމަ އެ ކަމެއް ކޮށްދޭނެ ކަމަށާއި މި މައްސަލަތައް ދޫކޮށްލާފައި ބަހައްޓާކަށް ބޭނުމެއް ނޫން ކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ސިނަމާލެއާއި މާލެ ހިޔާ ފުލެޓުތަކުގައި ހުރި ކަންކަމަށް ރަނގަޅު ހައްލެއް އަންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް މިރޭ ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވަނީ ----- ފޮޓޯ/ ރައީސް އޮފީސް ސިނަމާލެ ފްލެޓުތައް ލިބުނު މީހުންނާ ހަވާލުކޮށް އެ ތަނުގައި މީހުން ދިރިއުޅެން ފެށީ 1990ވަނަ އަހަރުގެ ޖުލައި މަހެވެ. މިހާރު އެ ސިނަމާލެ ފްލެޓުތަކަށް 32 އަހަރު ވެދާނެއެވެ. ނަމަވެސް މިއަދު އެ އެ ފްލެޓުތައް ހުރީ ވަރަށް ބޮޑަށް ވީރާނާވެފައެވެ. އެގޮތުން ބޯކޮށް ވާރޭ ވެހޭނަމަ އެންމެ މަތީ ފްލޯއަށް ފެން ފައިބައެވެ. ތަނުގެ ރައްކާތެރިކަމުގެ ގޮތުން ބަލާނަމަ ގިނަ މައްސަލަތަކެއް ވެސް އެ ފްލެޓުތަކުން ވަނީ ފާހަގަވެފައެވެ. https://sun.mv/171769 އިމާރާތްކުރިއިރު، 128 ފުލެޓުހުރި ސިނަމާލެ ފްލެޓްތައް ތަޅައިލައި އެ ތަންތަން އަލުން އިމާރާތް ކުރުމަށް ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވިއިރު އޮތީ ނިންމާފައެވެ. އޭރު ނިންމާފައި އޮތީ، އެ ތަންތަނުގައި 18 ބުރީގެ ޓަވަރުތައް އެޅުމަށެވެ. އެކަމަކު، އެ މަސައްކަތް ފެށިފައިނުވަނީ ސަރުކާރުގެ ސަބަބުން ކަމަށް އޭރު މޭޔަރަކަށް ހުންނެވި ރައީސް ވަނީ ވިދާޅުވެފައެވެ. މިހާތަނަށް އެކަމުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ