ފާސްކުރި ބަޖެޓަށް ވުރެން އިތުރަށް ރައީސް އޮފީހުން ހަތް މިލިއަން ހަރަދުކޮށްފި: ފިނޭންސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަހަރަށް ފާސްކުރި ބަޖެޓަށް ވުރެން އިތުރަށް މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ހަތް މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް, ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ހާމަކުރި, ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް ބުނާގޮތުން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ރައީސް އޮފީހުން ވަނީ 213.9 މިލިއަން ރުފިޔާ ހަރަދު ކޮށްފައެވެ. އެ އޮފީހަށް މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ 206.8 މިލިއަން ރުފިޔާއެވެ. އެހެންކަމުން އަހަރު ނިމެން 19 ދުވަސް އޮއްވައި, ބަޖެޓުގެ ބޭރުން މިވަނީ 7.1 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައެވެ. ނަމަވެސް މިއަހަރު ހޭދަ ކުރި އަދަދަކީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ކުޑަ އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ އޮފީހުން ވަނީ 222 މިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ. ރައީސް އޮފީހަށް ފާސްކޮށްފައިވާ ބަޖެޓަށް ވުރެން އިތުރަށް ހަރަދު ކޮށްފައިވާއިރު, އެއީ ވަރަށް މުވައްޒަފުން ގިނަ އޮފީހެކެވެ. އަދި ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަހަރު ތެރޭގައި ވަނީ ރާއްޖޭން ބޭރަށާއި އަތޮޅުތެރޭގެ ރަށްތަކަށް ގިނަ ދަތުރުތަކެއް ކުރައްވައިފައެވެ. އަންނަ އަހަރު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އޮތްއިރު ރައީސް މުއިއްޒު މިހާރު ގެންދަވަނީ އާއްމު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވެސް ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ