ޗައިނާގެ ފަތުރުވެރިންނަށް ފަސޭހައިން ފައިސާ ދެއްކޭނެ ގޮތް ހެދުމަށް، ވީޗެޓްޕޭއާއެކު އެއްބަސްވުމެއް
ޗައިނާގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވޭސިން ޕޭ ނުވަތަ ވީޗެޓް ޕޭ އާއި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއާއެކު މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ބީއެމްއެލްއިން ބުނީ އެ ބޭންކާއި ވޭސިންޕޭ އާއި ވިޒިޓް މޯލްޑިވްސްގެ މެދުގައި ގާއިމުކުރި ސްޓްރެޓްޖިކް އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ރާއްޖެ މާކެޓުކުރުމާއި ފަތުރުވެރިންގެ އެންގޭޖްމެންޓް އިތުރުކުރުމާއި ޑިޖިޓަލް ހަރަކާތްތައް އިތުރުކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމަށް ގުޅިގެން މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. އަދި ޚާއްސަކޮށް ޗައިނާގެ ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްކުރުމުގައި ފަސޭހަ އަދި ފުރިހަމަ ތަޖުރިބާއެއް ހޯދައިދިނުމަށް މަސައްކަތް އެ އެއްބަސްވުމުގެ ދަށުން ކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ. މީގެ އިތުރުން، ދިވެހި އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް ފައިސާގެ މުއާމަލާތްތަކުގައި ބަޔޯމެޓްރިކްސް ފަދަ އިޖާދީ ގޮތްތައް ބޭނުންކޮށްގެން ލުއިފަސޭހަކަމާއެކު ފައިސާ ދެއްކުމަށް ހުރި ފުރުސަތުތައް ބީއެމްއެލްއާއި ވޭސިން ޕޭ ގުޅިގެން އިތުރަށް މުރާޖައާ ކުރަމުންދާނެކަން ބީއެމްއެލްއިން ފާހަގަކުރިއެވެ. އެ އެއްބަސްވުންތަކުގައި ސޮއިކޮށް، ބީއެމްއެލް އާއި ވޭސިންޕޭ ގުޅިގެން ވަނީ ވޭސިން ޕޭ އެކޯސިސްޓަމާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފައެވެ. އެ ސެޝަނުގައި، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންނަށް، ވޭސިން ޕޭ ބޭނުންކޮށްގެން މުދަލާއި ޚިދުމަތަށް ފަސޭހަކަމާއެކު ޑިޖިޓަލް ޕޭމަންޓް ހެދޭނެ ގޮތްތަކާއި އެ ޚިދުމަތްތައް ބޭނުންކޮށްގެން ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މައުލޫމާތު ދިނެވެ. އެ ސެޝަނުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ރިސޯޓުތަކުގެ މަންދޫބުން ބައިވެރިވެ މަޝްވަރާތައް ކުރިއަށްގެންދިޔައެވެ. ވީޗެޓްޕޭއާ ގުޅޭ ގޮތުން މައުލޫމާތު ދިނުން: ޗައިނާގެ ފަތުރުވެރިންނަށް ފަސޭހައިން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސަން ވީޗެޓްޕޭއާއެކު އެއްބަސްވުމެއް ވަނީ ހަދައިފައި -- ފޮޓޯ/ ބީއެމްއެލް އެ ހަފުލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ވޭސިން ޕޭ އަދި ވިޒިޓް މޯލްޑިވްސް ގުޅިގެން ފަތުރުވެރިންނާއި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ އީޖާދީ އަދި ރައްކާތެރި ގޮތްތައް ހަމަޖެހުމަކީ ބޭންކުން އުފާކުރާ ކަމެއް ކަމަށެވެ. "ބަޔޯމެޓްރިކް ބޭނުންކޮށްގެން ފައިސާދެއްކޭ ފަދަ ޓެކްނޮލަޖީތަކާ އެކު ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަވެގެންދާނެ. މީގެ ސަބަބުން އެކި ގައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެ ފަތުރުވެރިންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ފަތުރުވެރިކަން ކުރިއެރުމަށް އެހީތެރިވެދޭނެ،" އޭނާ ވިދާޅުވިއެވެ. ބީއެމްއެލްއިން އެމެރިކަން އެކްސްޕްރެސް، ވީސާ، މާސްޓާކާޑް، އަދި ޔޫނިއަންޕޭ ފަދަ މައިގަނޑު ހުރިހާ ކްރެޑިޓް އަދި ޑެބިޓް ކާޑު ނެޓްވޯކްތަކުގެ އިތުރުން، ބީއެމްއެލް ޕޭ، ވޭސިން ޕޭ، އަލިޕޭ، އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ޑިޖިޓަލް ވޮލެޓްތަކުން ކުރާ މުއާމަލާތްތައް ޕްރޮސެސް ކުރެއެވެ. ބީއެމްއެލްގެ މާޗަންޓް ޕޯޓަލް އަދި އެމްޕީއޯއެސް އެޕް ބޭނުންކޮށްގެން، މާޗަންޓުންނަށް ފުރިހަމަ އޮންލައިން ޕޭމަންޓް ހައްލުތަކެއް ފޯރުކޮށްދީ، ރިއަލް-ޓައިމް ޕޭމަންޓް ރިކުއެސްޓްތައް ކުރެވޭނެ ގޮތް ހަމަޖައްސައި، މުޢާމަލާތްތައް ހަރުދަނާކަމާއެކު މޮނިޓާކުރުމާއި، އޮންލައިން ސްޓޯރުގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި މެނޭޖުކުރުމުގައި ވިޔަފާރިވެރިންނަށް އެހީތެރިވެދެއެވެ. https://sun.mv/215169 މީގެ ކުރިން ބީއެމްއެލްއިން ވަނީ، ކަސްޓަމަރުންނާއި ވިޔަފާރިވެރިންނަށްވެސް އިތުރު ލުއިފަސޭހަ ކަމެއް ފޯރުކޮށްދިނުމަށް ޓަކައި، ރާއްޖޭގައި ކޮންޓެކްޓްލެސް ކިއުއާރް ޕޭމަންޓުގެ ޚިދުމަތް ފުޅާކޮށް، ބީއެމްއެލް ސްވައިޕް އެޕްގައި އަލިޕޭ+ ގެ ފީޗާތައް ހިމަނާނެ ކަމަށް ބުނެފައެވެ. އަދި އަލިޕޭއާއެކު ހެދި އެއްބަސްވުމުގެ ދަށުން ވެސް ރާއްޖެ އިޝްތިހާރު ކުރަން ނިންމައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ