ޙަފްޞަތުގެފާނު 05: މާތް ރަސޫލާ ޞޢޥ ޙަފްޞަތުގެފާނު ވަރިކުރެއްވުމާއި ޖިބްރީލުގެފާނުގެ އަމުރުފުޅަށް ރުޖޫއަކުރެއްވުން-

ޢަލީ އިޙްޞާން ފިރާޤް
 
އެއްފަހަރަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮންމެވެސް ސަބަބަކާހުރެ އުއްމުލް މުއުމިނީން ޙަފްޞަތުގެފާނު ވަރިކުރެއްވިއެވެ. އެހިނދު ވަޙީގެ މަލާއިކަތާ ޖިބްރީލުގެފާނު ވަޑައިގެން މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ދެންނެވިއެވެ. رَاجِعْ حَفْصَةَ؛ فَإِنَّهَا صَوَّامَةٌ قَوَّامَةٌ، وَإِنَّهَا زَوْجَتُكَ فِي الْجَنَّةِ {روى الحاكم (6753)
މާނައީ: [ޙަފްޞަތުގެފާނުގެ ކާވެނިފުޅު ރުޖޫޢަކުރައްވާށެވެ. ހަމަކަށަވަރުން އެކަމަނާއަކީ ގިނަގިނައިން ރޯދަހިއްޕަވާ ރޭއަޅުކަން ކުރައްވާ ބޭކަނބަލެކެވެ. ހަމަކަށަވަރުން އެކަމަނާ ވެވަޑައިގަންނަވާނީ ސުވަރުގޭގައިވެސް ކަލޭގެފާނުގެ އަނބިކަނބަލަކަށެވެ.] 
ދުނިޔޭގެ މީހުންގެ ކުރިމަތީގައި ތިމާގެ ހެޔޮ އަމަލުތަކަކީ އެއްޗަކަށް ނުވިޔަސް الله ގެ ޙަޟްރަތުގައި ތިމާގެ ހެޔޮ އަމަލުތަކަށް ޙައްޤު އަޖުރު ލިބޭނެކަން މި ބުނި ހާދިސާއިން ރަނގަޅަށް ދޭހަވެއެވެ. ޙަފްޞަތުގެފާނަށް އެ ރަޙްމަތް ލެއްވުން މިންވަރު ކުރެއްވީ އެކަމަނާގެ ދީންވެރިކަމުގެ ސަބަބުންނެވެ. އެހެން ނޫންނަމަ ނަބިއްޔަކު ވަރިކުރެއްވުމަށްވުރެ ބޮޑު ހިތާމައެއް ލަދުވެތިކަމެއް އަންހެނަކަށް އުފުލަން ޖެހޭނެބާވައެވެ. 
ހިޖްރައިން 10 ވަނަ އަހަރު ޙައްޖަތުލް ވަދާއުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم އާއެކު އުއްމުލް މުއުމިނީން ޙަފްޞާ ރަޟިޔަﷲ ޢަންހާގެ ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޙައްޖުން އެނބުރި މަދީނާއަށް ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއްނުވަނީ މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް ސުވަރުގެވަޑައިގަތުމުން އާލާސްކަންފުޅު ޖެހިވަޑައިގެންފިއެވެ. ސުވަރުގެވަޑައިގެންނެވި އާލާސްކަންފުޅުގައި އެއްފަހަރު ވަރަށް ހުންފުޅު ގަދަވިފަހަރަކު އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް އަމުރުކުރައްވައިގެން ގައިކޮޅަށް ފެންއެޅުމަށް އެންގެވިއެވެ. ދެން އެބޭކަނބަލުން އެކަލޭގެފާނު ޙަފްޞަތުގެފާނުގެ ބިލިގާކޮޅެއްގައި ވެޑުވުމަށްފަހު ގައިކޮޅަށް ފެންއެޅުއްވިއެވެ. 
އިމާމު ބުޚާރީ ބަޔާން ކުރައްވާ ގޮތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވި އާލާސްކަންފުޅުގައި އޮންނަވާ އެ އާލާސްކަންފުޅު ބޮޑުވުމުން އަބޫބަކުރުގެފާނު އިމާމުވެވަޑައިގެން ނަމާދުފުޅު ކުރެއްވުމަށް އެންގެވިއެވެ. އެހިނދު ޢާއިޝަތުގެފާނު ދެންނެވިއެވެ. [އަބޫބަކުރުގެފާނަކީ ޤުރްއާން ކިޔަވާ ވިދާޅުވާއިރު ވަރަށް ގިނައިން ކީރިތި ކުރައްވާ ބޭކަލެކެވެ. އެހެންކަމުން ޢުމަރުގެފާނަށް އިމާމުވެވަޑައިގެން ނަމާދު ކުރަވަން އަމުރުފުޅު ކުރައްވާށެވެ.] ނަމަވެސް އަނެއްފަހަރުވެސް މާތް ރަސޫލާ އެންގެވީ އަބޫބަކުރުގެފާނު އިމާމުވެވަޑައިގެން ނަމާދުފުޅު ކުރެއްވުމަށް އެންގެވުމަށެވެ. ދެން ޢާއިޝަތުގެފާނު ޙަފްޞަތުގެފާނު އަރިހު ދަންނަވައިގެން ހަމައެވާހަކަ މާތް ރަސޫލާގެ އަރިހުގައި ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. [ތިޔަކަނބަލުންނެކޭ ޔޫސުފުގެފާނުގެ އަރިހުގައި އުޅުނު އަންހެނުންތަކެކޭ ތަފާތެއްނެތެވެ. ވަޑައިގެން އަބޫބަކުރުގެފާނު އިމާމުވެވަޑައިގެން ނަމާދުފުޅު ކުރެއްވުމަށް ދަންނަވާށެވެ.] ޙަފްޞަތުގެފާނު ޢާއިޝަތުގެފާނަށް ވިދާޅުވިއެވެ. [ކަމަނާ ވިދާޅުވެގެން ކަމެއްކޮށްފިތަ އެކަމަކުން ދުވަހަކު ރީތިނަމެއް ނުލިބޭނެވެ.] 
އަލްޙާފިޡް އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. ޢުރްވަތު ބުނުއް ޒުބައިރު މަޣާޒީގައި ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގެންނެވި އާލާސްކަންފުޅުގައި އެކަލޭގެފާނުގެ ޙާލުކޮޅު ބޮޑުވުމުން އެތަނުގައި ތިއްބެވި އެކަލޭގެފާނުގެ އަހުބައިތުންގެ އަންހެން ބޭފުޅުން ވަރަށް ކަންބޮޑުވިއެވެ. އެގޮތުން ޢާއިޝަތުގެފާނު އަބޫބަކުރުގެފާނަށް ޚަބަރު ފޮނުއްވިއެވެ. ޙަފްޞަތުގެފާނު އެކަމަނާގެ ބައްޕާފުޅު ޢުމަރުގެފާނަށް ޚަބަރު ފޮނުއްވިއެވެ. ފާތިމަތުގެފާނު އެކަމަނާގެ ފިރިކަލުން ޢަލީގެފާނަށް ޚަބަރު ފޮނުއްވިއެވެ. ނަމަވެސް އެބޭކަލުންނަށް ވަޑައިގެންނެވުނު އިރު މާތް ރަސޫލާ صلّى اللّـه عليه وسلّم  ސުވަރުގެވަޑައިގެންފިއެވެ. އެކަލޭގެފާނުގެ ފުރާނަފުޅު ދިޔައީ ޢާއިޝަތުގެފާނުގެ މޭފުޅުގައި އިސްތަށިފުޅު އަޅުއްވައިގެން އޮންނަވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ