ގަދަކަމުން ނޫސްވެރިން ނެރުން ސީޕީޖޭއިން ކުށްވެރިކޮށްފި: ''މައުލޫމާތު ލިބިގަތުމަށް ފުރުސަތު ދޭންޖެހޭ''

ނޫސްވެރިންތަކެއް ގަދަކަމުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނެރުން ކޮމެޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)އިން މިއަދު ކުށްވެރިކޮށްފިއެވެ. މަޖިލީހުގެ ދައުރު ނިންމައި، މިހާރު މަޖިލިސް މެންބަރުން ތިއްބެވީ ޗުއްޓީގައެވެ. އެކަމަކު، މަޖިލީހުގައި މެޖޯރިޓީ އޮންނަ ޕީއެންސީގެ މެންބަރުން ވަނީ، އިއްޔެއާއި މިއަދު ވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ކުރިއަށް ގެންގޮސްފައެވެ. އެ ކޮމިޓީ ބައްދަލުވުން އިއްޔެއާއި މިއަދު ވެސް ވަނީ ސިއްރުކޮށްފައެވެ. މިއަދުގެ ބައްދަލުވުން ސިއްރުކުރި ސަބަބު ސާފުކުރަން އުޅުނު ނޫސްވެރިންތަކެއް ވަނީ، މަޖިލީހުގެ ސެކިއުޓީން ބޭނުންކޮށްގެން ގަދަކަމުން ނެރެފައެވެ. https://x.com/CPJAsia/status/1965700451963170967 އެކަން ކުށްވެރިކޮށް، ސީޕީޖޭއިން ވަނީ، ނޫސްވެރިންނާއި އާންމުންނަށް މިނިވަން ކަމާ އެއްކޮށް މައުލޫމާތު ލިބިގަތުމާއި ހިއްސާކުރުމާއި މަޝްވަރާކުރުމުގެ އަސާސީ ހައްގުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ގޮވާލައްވާފައެވެ. https://sun.mv/211127 މަޖިލީހުން ބުނި ގޮތުގައި، އެކޮމިޓީން ގަދަކަމުން ނޫސްވެރިން ނެރެން ޖެހުނީ ސިއްރު ބައްދަލުވުމަކަށް ގަވައިދާ ޚިލާފަށް ވަދެ، ހުރަސް އެޅުމުން ކަމަށެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތައް ބާއްވަން ވާނީ އާއްމުކޮށް ނޫސްވެރިންނާއި އާއްމުންނަށް ހުޅުވާލައިގެންނެވެ. ނަމަވެސް، ބައެއް ހާލަތްތަކުގައި މެންބަރުންގެ މެދުގައި ވޯޓަކަށް އަހައި ފާސްވެއްޖެ ނަމަ ބައްދަލުވުންތައް ސިއްރުކުރެވޭނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ކޮމިޓީ ސިއްރުކުރުމުން އާންމު އުސޫލުން ނުކުންނަން ޖެހޭނެއެވެ. އެ ފަދައިން އަމަލުނުކުރާނަމަ ކޮމިޓީ މެދުކަނޑައިވެސްލައެވެ. މިގޮތުން، ބައްދަލުވުންތައް ސިއްރު ކުރެވޭނެ ހާލަތްތަކުގެ ގޮތުގައި ގަވާއިދުގައި ބުނަނީ، ގައުމީ ސަލާމަތަށް ނުރައްކާތެރި މައުލޫމާތެއް ހިއްސާ ކުރާ ބައްދަލުވުމަކަށް ވުން ނުވަތަ ގާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި ހުރި އާންމުކުރުން އެކަށީގެން ނުވާ މައުލޫމާތު ހާމަ ކުރާ ބައްދަލުވުމަކަށް ވުމެވެ. ނުވަތަ މީހެއްގެ ޒާތީ, ނުވަތަ ފަލީހަތްވާ ފަދަ މައުލޫމާތެއް ހާމަ ކުރާ ބައްދަލުވުމަކަށް ވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ