ބާޒާރުގައި އާފަލެއްގެ އަގު މި ފަހުން 12ރ. އަށް ވެސް އަރައިފި އެވެ. ކުރިން ނަމަ އާފަލުގެ އަގު އުޅުނީ ގާތްގަނޑަކަށް ފަސް ރުފިޔާ ވަރުގަ އެވެ. އާފަލު ނުކާ މީހުންނަށް އެއީ މައްސަލައެއް ނޫންތާ އެވެ. އަހަންނަކީ ވެސް އާންމުކޮށް އާފަލު ކާ މީހެއް ނޫނެވެ. އެހެންކަމުން އޭގެ އަގު ކިތައްމެ މައްޗަށް ދިޔަސް ކޮން ބެހޭ ކަމެއް ހެއްޔެވެ؟
ގައުމުން ބޭރަކަށް އަހަރެން ނުދަމެވެ. ބޭރުން އެއްޗެހި ގަނެގެން އެތެރެއެއް ނުކުރަމެވެ. އެހެންވެ ޑޮލަރުގެ އަގު 20ރ.އަށް އެރިޔަސް މަށަށް ވާނެ ގެއްލުމެއް ނެތްތާ އެވެ.
ބޭސް ނުލިބިގެން ހާސްވާން ނުޖެހޭ މީހުންގެ ތެރޭގައި، ﷲގެ ރަހުމަތްފުޅުން، އަހަރެން ހިމެނިދާނެ އެވެ. އާއިލާގެ ބައެއް މީހުން ދިރިއުޅެނީ އިންޑިއާގައި ކަމަށް ވާތީ، ބޭހެއް ނުލިބިއްޖެ ނަމަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ގޮތް އެބަ ހުއްޓެވެ.
ބޯހިޔާވަހިކަން ނެތިގެން ސަރުކާރުގެ ފްލެޓްތައް ހޯދަން ހޭބޯނާރާ އެ އުޅޭ ދިވެހިންގެ ހާލަތާ މެދު އަހަރެން ވިސްނަންވީ ކީއްކުރަން ހެއްޔެވެ؟ އެމީހެއްގެ ދިރިއުޅުން ކޮޅަށް ޖަހާނީ އެމީހެކެވެ. ކޮންމެހެން ސަރުކާރުން ހަދާ ފްލެޓެއް، ނުހައްގުން ވިޔަސް، ހައްގުން ވިޔަސް ލިބޭތޯ އުޅޭ މީހުންގެ ހާލު ބަލާކަށް އަހަރެން ނެތީމެވެ. ނުލިބޭ މީހުން ޝަކުވާކޮށްކޮށް ތިބޭށެވެ. ލިބުނު މީހުން އަވަހަށް އެތަނަށް ވަންނާށެވެ.
ހައްގު ގެއްލޭ މީހުންގެ ހައްގު ހޯދައިދޭން އުޅޭ ބައިގަނޑުގެ ތެރެއަށް މަށެއް ނުވަންނާނަމެވެ. މަ އުޅޭނީ މަގޭގެ އަމިއްލަ ދިރިއުޅުމައިގެންނެވެ.
މިހާ ހިސާބަށް މި ކޮލަމް ކީ ބައެއް މީހުން އަހަރެން ދެކެ ރުޅިއަންނާނެކަން ކަށަވަރެވެ. މިއީ ކޮން ކަހަލަ ވިސްނުމެއް ގެންގުޅޭ މީހެއްތޯ އާއި މިއީ އަނެއްކާ ހަމަ މީހެއްތޯ ވެސް ސުވާލުކުރާނެ އެވެ. އަވަހަށް ސޯޝަލް މީޑިއާގައި 'ނޮޅާލަންވީ' އެވެ.
އެކަމަކު އަހަރެން މި ދައްކާ ވާހަކަ މިހާ ހިސާބަކުން އަދި ނުނިމެ އެވެ. އަހަރެން މި ބުނާ އެއްޗަކާ މެދު ތިޔަށް ވުރެ ފުންކޮށް ވިސްނާލާށެވެ. އެކަމަށް ކުޑަ އެހީއެއް ވާނަމެވެ.
ހަމަ ތެދެކެވެ. އާފަލަކީ ހަށިގަނޑަށް ކިތައްމެ ރަނގަޅު މޭވާއެއް ނަމަވެސް އަހަންނަށް ވަރަށް ނުބަ އެވެ. އަހަންނަށް މީރީ ފަޅޮލާއި ކަރާ ކަހަލަ މޭވާ އެވެ. އެކަމަކު އަހަރެން ނުކައި އެއްޗެއްގެ އަގު ބޮޑުވެ، އެހެން މީހުންނަށް އުނދަގޫވާ ނަމަ އެއީ މަށާ ބެހޭ ކަމެއް ނޫނޭ ބުނެ، ހަމަޖައްސާލެވިދާނެ ހެއްޔެވެ؟ އެހެން މީހުންނާ މެދު ހިތުގައި ހަމްދަރުދީއެއް ނުބާއްވަންވީ ހެއްޔެވެ؟
ޑޮލަރުގެ އަގާއި ބޭހާއި ފްލެޓްގެ މައްސަލާގައި ވެސް ހަމަ އެގޮތެވެ. ޑޮލަރުގެ އަގު ބޮޑުވުމުގެ ސީދާ ގެއްލުން މަށަށް ވެސް ކުރާނެ އެވެ. އެއީ ކޮންމެހެން ޑޮލަރު ގެނެގެން ބޭރަށް ދަތުރުކުރާތީ ނުވަތަ ޑޮލަރުން މުއާމަލާތްކުރާތީއެއް ނޫނެވެ.
އަހަންނަށް އިންޑިއާއިން ބޭސް ގެނެވުނަސް އެކަން ކުރެވެން ނެތް ދިވެހިން އުޅޭ ހާލު، ދިވެއްސެއްގެ ގޮތުން އަހަންނަށް ވިސްނެން ވާނެ އެވެ. ވިސްނަން ޖެހޭނެ އެވެ.
ފްލެޓް ވެސް ހަމަ އެހެންނެވެ. އަހަންނަށް އުޅޭނެ ތަނެއް ލިބުމަކީ އެ ނަސީބު އަދި ނެތް މީހުންގެ ހާލަތާ މެދު ކަންބޮޑުނުވެ އަޅާނުލާ ހުންނަން ޖެހޭ ސަބަބެއް ނޫނެވެ. ދިވެއްސަކަށް ވީތީ ވެސް އެހެން މީހުންގެ އެ ޝަކުވާތަކުގައި ބައިވެރިވެ، ހައްގަށް އަޑުއުފުލުން އޮންނަންވާނެ އެވެ.
މިހާ ހިސާބުން އެއްބަސްވަމާ ހިނގާށެވެ. އާފަލުގެ އަގާއި ބޭހާއި ޑޮލަރާއި ފްލެޓްގެ މައްސަލާގައި ލިއެފައި އެވަނީ އާންމުކޮށް ބައެއް ދިވެހިން ވިސްނާ ގޮތަށް ބަލައިގެންނެވެ. އަސްލު ވާހަކަ މި އަންނަނީ އޭގެ ފަހުންނެވެ.
ބާޒާރުގެ އަގާއި ފްލެޓްގެ މައްސަލާގައި ގިނަ ދިވެހިން ވިސްނާވަރާ ގާތަށް ވެސް ގައުމުގެ މުހިންމު އެހެން ކަންކަމާ މެދު ނުވިސްނަ އެވެ. ވަރިހަމަކޮށްލައިގެން ހަމަ ތިބެނީ އެވެ. އެކަމަކު ހަމައެކަނި އަަމިއްލަ ނަފުސަށް ވިސްނައިގެން ފަރުޖެއްސޭކަށް ނޯންނާނެ އެވެ. ތިމާ ކުރިޔަސް، ތިމާ ސަޕޯޓްކުރާ ސިޔާސީ މީހުން ކުރިޔަސް، ވައްކަން ވާނީ ވައްކަމަށެވެ. ހިޔާނާތްވާނީ ހިޔާނާތަށެވެ.
އެކަމަކު ގިނަ ދިވެހިން މިހާރު މި ތިބީ 'ކުރިން ވެސް ކުރީ ވައްކަމޭ' ކިޔާލަކިޔާލަ އެވެ.
މި ފަހުން އެ ފަޅާއެރީ ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އިބްރާހިމް ޝުޖާއުގެ ކުންފުންޏަށް ސިފައިންގެ ވެލްފެއާ ކޯޕަރޭޝަން، ސިވެކުން ދިން ފައިސާގެ މިންވަރެވެ. އޭގެ ފަހުން ޕީއެންސީގެ ދެތިން ބޭފުޅުންނާ ބައްދަލުވުމުން ހިޔާލު ހުރީ މިހެންނެވެ. އެކަކު ވިދާޅުވީ ޝުޖާއުގެ ދީލަތިކަމުގެ ވާހަކަ އެވެ.
"ޝުޖާއު އެ ލާރިން ރަށު މީހުންނަށް ދެ ހާހުން، ތިން ހާހުން އެހީ ދީދީ ހުންނަނީ."
އަނެއް ބޭފުޅާ ދެއްކެވީ އަދި އެހެން ވާހަކައެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަކުރާރުކޮށް މިހާރު އުފުއްލަވާ އަޑެވެ. މި ސަރުކާރުން ކުރަނީ ވައްކަން ކަމަށް، އެމަނިކުފާނުގެ ޕާޓީގެ ޖަލްސާތަކުގައި ވިދާޅުވާ ވިދާޅުވުމެވެ.
"ޔާމީން ހަމަ ލަދެއް ވެސް ނުގަނޭދޯ އެ ވާހަކަ ދައްކަން،" އެ ބޭފުޅާ ވިދާޅުވި އެވެ.
މިއީ ޕީއެންސީގެ އެހެން މެމްބަރުންގެ ވެސް ވާހަކަ ހުންނާނެ ގޮތެވެ. އެކަމަކު ދިވެހި ރައްޔިތުން ޕީއެންސީ ވެރިކަމަށް ގެނައީ ޔާމީން އާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ކަންކަން ތަކުރާރުކުރާކަށް ނޫންތާ އެވެ. ތެދުވެރި، އަމާނާތްތެރި، ގައުމީ ލޯބި ބޮޑު ވެރިކަމެއް ކުރުމަކީ ވައުދެވެ.
އިހަށް ދުވަހު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ބާލީ ބަޔާން އާންމުކޮށްފި އެވެ. ރައްޔިތުން ކިޔާނެ ހެއްޔެވެ؟ ރައްޔިތުން ވިސްނާނެ ހެއްޔެވެ؟ އޭގައި ބައެއް މެމްބަރުން ކަންކަން އޮޅުވާލައްވާފައި ހުރި މިންވަރު ފެނި، ހައިރާންވެ އަންތަރީސް ވެސް ވެދާނެ އެވެ.
ގައުމުގައި ހުރި މިކަހަލަ ކަންކަން ގޯހޭ ނުބުނެ ނުތިބޭށެވެ. އަހަންނާ ބެހޭ ކަމެއް ނޫން ކަމަށް ހަދައި، ލޯ މަރާލާފައި، ވިސްނުމުގެ ދޮރު ލައްޕަންވީކީ ނޫނެވެ. އާފަލުގެ އަގު ވެސް އެންމެންނާ ގުޅެ އެވެ. ޑޮލަރާއި ބޭހާއި ފްލެޓް މައްސަލަތައް ވެސް އެންމެންނާ ގުޅިލާމެހެ އެވެ. ގައުމުގައި ހުރި އެހެން މައްސަލަތައް ވެސް ތިމާއާ ހިސާބަށް އާދެ އެވެ. އެހެން ނޫނީ ގައުމެއް ގައުމަކަށް ނުވާނެ އެވެ. ގައުމީ ލޯތްބެއް ވެސް، ގައުމީވަންތަކަމެއް ވެސް ނޯންނާނެ އެވެ.
އާފަލެއްގެ އަގު 12ރ. އެރިޔަސް މަށަށް ވަރިހަމަ، އެއީ އަހަރެން ކާ އެއްޗެއް ނޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ