ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު އެމްއޭސީއެލްއިން ބަލަން ފަށައިފި

ރާއްޖޭގެ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ދަށުން ހިންގަމުން އައި ހުރިހާ އެއާޕޯޓެއް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުވުމުން، ރާއްޖޭގެ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ, ހަރުދަނާކުރުމުގެ މަސައްކަތް އެމްއޭސީއެލުން ފަށައިފިއެވެ.އެމްއޭސީއެލްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކުންފުނިން ހަވާލުވެފައިވާ ޑޮމެސްޓިކް އެއާޕޯޓްތަކުގެ ހާލަތު ދެނެގަނެ, ހަރުދަނާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިސްކޮށް ހުންނަވައިގެން ފެށްޓެވި އެ މަސައްކަތުގެ ދަށުން ރާއްޖޭގެ 9 ޑޮމެސްޓިކް އެއާޕޯޓަކަށް އެ ކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް, އެއާޕޯޓްތަކުގެ ހާލަތު ބަލައި އަދި ހަރުދަނާކުރުމަށް ކުރަން ޖެހޭ ކަންކަން ފާހަގަކުރާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން މިދިޔަ ހަފުތާގައި ފުވައްމުލަކު އެއާޕޯޓަށް ޒިޔާރަތްކޮށް، އެތަނުގެ ހާލަތު ބެލުމަށްފަހު, އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް ބައްދަލު ކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.އެމްއޭސީއެލްއަށް ޑޮމެސްޓިކް އެއާޕޯޓްތައް ހިންގުން ހަވާލުކޮށްފައިވާއިރު ރާއްޖޭގެ ބައެއް ހިސާބުތަކުގައި ހިންގާ އެއާޕޯޓްތަކުގެ ޚިދުމަތުގެ ފެންވަރު ދަށްވެގެން ޝަކުވާ ވަނީ ބޮޑުވެފައެވެ.އެމްއޭސީއެލްއިން އެއާޕޯޓްތައް ހިންގުމުގެ އިތުރުން އެ ކުންފުނިން މިހާރު ގެންދަނީ ކުންފުނީގެ މެންޑޭޓުގައި ނުހިމެނުނު ނަމަވެސް ގިނަ ރަށްތަކެއްގައި ފިޓްނަސް ސެންޓަރުތައް އެޅުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ