ހުޅުމާލޭގައި ބޭނުންނުކޮށް ގިނަ ދުވަސްވީ އުޅަނދުތައް ޓޯކުރަން ޚާއްސަ ހަރަކާތެއް ފަށައިފި
ހުޅުމާލޭގެ މަގުތަކުގައާއި ހުސްބިންތަކުގައި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ މިއީ ހުޅުމާލޭގެ މަގުތައް ތަރުތީބުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭނުން ނުކުރާ އުޅަނދުތައް ޓޯކުރުމަށް ފެށި އޮޕަރޭޝަނެއް ކަމަށެވެ. މިއީ މިއަދު ފެށިގެން އަންގާރަ ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަން ކުރިއަށްގެންދާނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ މަގުތަކުގައާއި ހުސްބިންތަކުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި ގަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީ ކޮށްފައިހުރި އުޅަނދުތައް ޓޯކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ހެނދުނު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޕޮލިސް ޓޯޔާޑު ކައިރީގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވެއެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ. https://x.com/PoliceMv/status/1997208311117021628 އަމީން ވިދާޅުވީ މަގުމައްޗަށް އުޅަނދުތައް ދޫކޮށްލުމުން މަގު ބޭނުންކުރާ އެންމެންނަށް ދަތިތަކާ ކުރިމަތިވާ ކަމަށެވެ. އަދި ވިޔަފާރި އުސޫލުން ވިއްކުމަށް ގެންނަ އުޅަނދުތައްވެސް އެގޮތަށް މަގުމައްޗަށް ދޫކޮށްލާފައި ހުންނަކަން ފާހަގަކުރައްވަމުން އެފަދަ އުޅަނދުތައް ނެގުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ. ސީޕީ ނަވީން މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި އެއްބާރުލުން ދެއްވާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ. ފުލުހުންނާއި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި އެޗްޑީސީ، ލޯކަލް ގަވަނަންސް ވުޒާރާ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، ވެމްކޯ، އެމްޕީއެލް، ސްޓެލްކޯ، އާރުޑީސީ، އެމްޓީސީސީ އަދި އެމްއޭސީއެލް އިން ބައިވެރިވާނެ ކަމަށް ފުލުހުން ބުންޏެވެ. ހުޅުމާލޭން ކާރެއް ޓޯކުރުން: ފުލުހުން ވަނީ ހުޅުމާލޭގައި ބޭނުންނުކޮށް ގިނަ ދުވަސްވީ އުޅަނދު ޓޯކުރަން ޚާއްސަ ހަރަކާތެއް ފަށައިފައި -- ފޮޓޯ/ ފުލުހުން ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދު ޓޯ ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު ހުޅުމާލޭގެ ހުސްބިންތަކުގައާއި މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް މިއަދުން ފެށިގެން ނަގަން ފަށާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ އިއުލާންކޮށްފައެވެ. މިފަދަ އުޅަނދުތައް ޓޯކޮށް، ފުލުހުން ކަނޑައަޅާ ތަނަކަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތަށް ގެންދާ އުޅަނދުތަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުނަގާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ޓޯކުރާ އުޅަނދުތައް ޓޯކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމުގެ ޒިންމާ އުފުލަންޖެހޭނީ އެ އުޅަނދެއްގެ ވެރިފަރާތުން ކަމަށް ފުލުހުން ބުނެފައިވެއެވެ. ރާއްޖެއަށް އެތެެރެކުރާ އުޅަނދުތައް ގިނައިރު، މިހާރު ވެސް މާލެ ސަރަހައްދު އޮތީ ކެރީން ކެޕޭސިޓީއަށްވުރެ އެތައް ގުނައެއް އިތުރަށް ވެހިކަލުން ފުރި ބާރުވެފައެވެ. ނިމުނު ބުރާސްފައްޗާއި ބުދަ ދުވަހުގައި ވެސް ފުލުހުން ވަނީ ހުޅުމާލެއިން 20 އުޅަނދު ޓޯކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ