މިއީ ދުނިޔޭގެ ކޯޓުން އިސްރާއީލަށް ފިޔަވަޅު އަޅަންވީ ވަގުތު: ރައީސް

ފަލަސްތީނުގެ ޣައްޒާގެ ދެކުނުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދަމުން އަންނަ ރަފަހު ވަށާލައި އިސްރާއީލް ސިފައިން ހިންގަމުން ގެންދާ ޖަރީމާތަކާ ގުޅިގެން މިއީ ދުނިޔޭގެ ކޯޓުން އިސްރާއީލަށް ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންގެ ހަމަލާތަކާ ގުޅިގެން ޣައްޒާ ސުންނާފަތިކޮށްލާފައިވާއިރު، ބައިނަލްއަގްވާމީ މަޑުން ތިބެގެން ނުވާނެ ކަމަށެވެ. ފަލަސްތީނުގެ ޣައްޒާގައި، ހާއްސަކޮށް ރަފަހުގައި މިހާރު ފެންނަމުންދާ އުންމީދު ގެއްލިފައިވާ މަންޒަރުތަކުން މީހުން ގެދޮރު ދޫކޮށް ދާން ޖެހި މަރުތައް ވެސް ފެންނަމުންދާ ކަމުގައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ވަގުތުން ހުއްޓާލައި ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވާން ޖެހޭ ކަމަށެވެ. އަދި މި ވަގުތަކީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަފަހަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިސްރާއީލަށް އިތުރު ފިޔަވަޅުތައް އެޅުމަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖޭގެ ފުރިހަމަ ތާއީދު އެބަ އޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖެ އާއި ދިވެހިން އަބަދުވެސް ދެމި ތިބޭނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށާއި 1967 ވަނަ އަހަރުގެ ބޯޑަރާ އެއްގޮތަށް މިނިވަން ދައުލަތެއް ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރަމުންދާ މަސައްކަތުގައި ފުރިހަމައަށް ރާއްޖޭން އެއްބާރުލުން ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ފަލަސްތީނަކީ މިނިވަން ދައުލަތަކަށްވެ ފަލަސްތީނުގެ ރައްޔިތުންނަށް އަމާން، ސުލްހަވެރި އަދި އަބުރުވެރި ދިރިއުޅުމެއް ލިބެންދެން ރާއްޖޭން ހިންދަމައިނުލާނެ،" ރައީސް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ގައި ހަމާސް އިން އިސްރާއީލަށް ހަމަލަދީ 1،000 އަށް ވުރެ ގިނަ މީހުން މަރާލައި 250 މީހުން ރަހީނުކޮށްގެން ޣައްޒާ އަށް ގެންދިއުމާ ގުޅިގެން ހަމާސް ނައްތާލުމަށް ކަމަށް ބުނެ އިސްރާއީލުން ދަނީ ނަސްލު ނައްތާލުމުގެ ބޮޑު ޖަރީމާތަކެއް ހިންގަމުންނެވެ. މި ޖަރީމާތަކުގައި ފަލަސްތީނުގެ 35،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 80،000 އާ ގާތް ކުރާ އަދަދެއްގެ މީހުން ވަނީ ޒަހަމްކޮށްލައިފައެވެ.
އެ ހަމަލާތަކާ ދެކޮޅަށް ސައުތު އެފްރިކާ އިން އައިސީޖޭއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ހަމަލާތައް ހުއްޓާލުމަށް އަންގައި ވަގުތީ އަމުރެއް ނެރުނެވެ. ނަމަވެސް، އިސްރާއީލުން އެ އަމުރަށް ބޯލަނބާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ