ސަރުކާރު ހިމާޔަތް ކުރަން ނިކުންނާނީ ރައްޔިތުން: ތޯރިގު

ސަރުކާރު ވައްޓާލާނެ ކަމަށް އިދިކޮޅޫ ފަރާތްތަކުން ބުނެފައި ވަނީ ދިވެހިންނަށް ބިރުދައްކަން ކަމަށާއި އެކަން ކުރަން މަސައްކަތްކޮށްފި ނަމަ ސަރުކާރު ހިމާކަތް ކުރާނީ ރައްޔިތުން ނިކުމެގެން ކަމަށް އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ތޯރިގު މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމުން ދުރުކޮށް، ރާއްޖޭގައި އުފެދިފައިވާ ގާނޫނީ ސަރުކާރު ވައްޓާލުމަށް އިދިކޮޅު ފަރާތަކުން "ބަޣާވާތެއް" ރާވާފައިވާކަމަށް ބީބީސީއިން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
ހއ. އިހަވަންދޫގައި ނަރުދަމާގެ ނިޒާމްގެ އަމަލީ މަސައްކަތް ފެށުން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭރު ގައުމުތަކުގެ ހިމާޔަތް ހޯދައިގެން ކުރާ މަސައްކަތަކީ ދިވެހިންގެ އަގުވައްޓާލައި ގައުމު ހަލާކު ކުރުމުގެ މަސައްކަތް ކަމަށާއި އެގޮތުން މިހާރު ސަރުކާރު ވައްޓާލުމަށް ރޭވުންތަކެއް ރާވާ ކަމުގެ ހަބަރު ލިބޭ ކަމަށެވެ.
އެހެން ނަމަވެސް އެފަރާތްތަކަށް ސަރުކާރު ވައްޓާލުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ސަރުކާރުގެ ހިމާޔަތުގައި ފުރަތަމަވެސް ނިކުންނާނީ ރައްޔިތުން ކަމަށް ތޯރިގު ވިދާޅުވި އެވެ. ސަބަބަކީ ކުރީގެ ސަރުކާރަށް ނުކުރެވިފައި ހުރި، ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރަމުން އަންނާތީ، ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލުމަށް ބުނެ ކުރަމުންދާ މަސައްކަތަކީ ރައްޔިތުން ބިރުދެއްކުމުގެ މަސައްކަތް ކަމަށެވެ.
"އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައްޔިތުންނަށް ބިރު ދައްކަން. ރާއްޖޭގެ ސަރުކާރެއް ވައްޓައެއް ނުލެވޭނެ. ސަރުކާރު ހިމާޔަތް ކުރާނީ ރާއްޖޭގެ ރައްޔިތުން. އެއީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއްކޮށްދެއްވަމުން ގެންދާތީ. އެމްޑީޕީ ސަރުކާރަށް ނުކުރެވުނު ހުރިހާ މަސައްކަތެއް މި ސަރުކާރުން ގެންދަނީ ކުރަމުން. ރައްޔިތުންގެ އުންމީދުތައް އާ ކުރަމުން. އެހެންވެ ރައްޔިތުންނެއް ބޭނުމެއް ނުވާނެ މިފަދަ ސަރުކާރެއް ވެއްޓިގެން ދާތަން ބަލާކަށް. އެކަމެއް ނުވެސް ވާނެ،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ތޯރިގު މިހެން ވިދާޅުވެފައިވާ އިރު، އިނގިރޭސިވިލާތުގެ ހިމާޔަތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އެ ގައުމުގައި ތިއްބަވާ އިދިކޮޅު އިއްތިހާދުގެ އެހެން ވެރިން، ވަނީ އަވަށްޓެރި ސްރީލަންކާއަށް "ސިއްރު" ބައްދަލުވުމަކަށް ވަޑައިގެންފައެވެ. އަދި މިދުވަސްކޮޅު މާލެ ތެރޭގައި އަޑު ފެތުރިފައިވާ ގޮތުގައި ބޭރުގެ ބައެއް ގައުމުތަކުގެ އެހީއާއެކު އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރީ، ރައީސް އަބްދުﷲ ޔާމީން ރަހީނު ކުރުމަށެވެ. އަދި އެކަން ކުރަން ފުރަތަމަ ރޭވީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ