އަންނަ ހަފުތާ ތެލުގެ އިތުރު 2 ޝިޕްމަންޓެއް ގެންނާނަން: ޒަމީރު

ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ތެލުގެ ދެ ޝިޕްމަންޓެއް ރާއްޖެ ގެނެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީކިިހިނެއް؟ - މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ސަޕްލައިއަށް ބުރޫ އަރާފައިވާ މި ދަނޑިވަޅުގައި މި ދަތިތަކުން އަރައިގަންނަން އެކުލަވާލާފައިވާ ކެބިނެޓް ކޮމިޓީން ނޫސްވެރިންގެ ބައްދަލުމެއް ފަށައިގެން ކުރިއަށް އެބަދެ އެވެ.
ތަފްސީލް - ކެބިނެޓް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އެސްޓީއޯއިން އޯޑަރުކުރި ތެލުގެ ދެ ޝިޕްމަންޓެއް އަންނަ ހަފުތާ ގެނެވޭނެ ކަމަށެވެ. އެ ގޮތުން:
އެއް ޝިޕްމަންޓް އަންނަނީ 2 ނުވަތަ 3 އޭޕްރީލްގައި؛ އެއީ ސިންގަޕޫރުން
އަނެއް ޝިޕްމަންޓް އަންނަނީ 4 ނުުވަތަ 5 އޭޕްރީލްގައި؛ އެއީ އޮމާނުން
ޒަމީރު ވިދާޅުވީ ތެޔޮ ގަވާއިދުން ލިބުމުގައި ދަތިތަކެއް ނެތް ކަމަށެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ރާއްޖޭގައި އާންމުންނަށް ދަތިނުވާނެ ވަރަށް އަގު އުފުލަނުދީ ހިފެހެއްޓުމަށް މަސައްކަތްކުރަމުންދާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"މިހާރު 160 ޑޮލަރާ ގާތަށް ދުނިޔޭގެ ބާޒާރުގައި އަގު އުފުލިގެން ދިޔަ ނަމަވެސް ތެލުގެ އަގު ސަބްސިޑައިޒްކޮށްގެން އެކަށީގެންވާ އަގެއްގައި ފޯރުކޮށްދިނުމަށް މި ދަނީ މަސައްކަތްކުރަމުން،" ޒަމީރު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - މިދިޔަ ހަފުތާ ވެސް ތެލުގެ ދެ ޝިޕްމަންޓް ރާއްޖެ ގެނައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވި އެވެ.
އެއިން އެންމެ ފަހުން ރާއްޖެ އައި ޝިޕްމަންޓްގައި ގެނައީ 17 ދުވަހަށް ބޭނުންކުރެވޭ ވަރަށް ޑީސަލްއާއި ޕެޓްރޯލް ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ. ޝެޑިއުލާ އެއްގޮތަށް ތެލުގެ ޝިޕްމަންޓްތައް އަންނާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ