ޤުރުއާނާއި މިސާލު: ހަލާކުވެ ވަޔާ ބުރައިގެންދާ ގަސް

މުއްސަނދި މީހަކާއި ފަގީރު މީހެއްގެ މިސާލަށް ފަހު ކަހުފު ސޫރަތުގައި ﷲ ދެވަނަ މިސާލެއް ޖައްސަވަ އެވެ. ދެވަނަ މިސާލު ބަޔާންކުރައްވަނީ ސޫރަތުގެ 45 ވަނަ އާޔަތުގަ އެވެ. ޤުރްއާނުގެ ސޫރަތެއްގައި ޖެހިޖެހިގެން ދެ މިސާލު އޮތުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ.  އެހެންވެ މިގޮތަށް ދެ މިސާލު އޮތުމުން އަންގައިދެނީ ކަމުގެ މުހިންމުކަމާއި ބޮޑުކަމެވެ.
ކަހުފު ސޫރަތަކީ މައްކީ ސޫރަތެކެވެ. މި ސޫރަތުގެ ފަސްމަންޒަރަށް ޖެހިލާއިރު ނުވަތަ ސޫރަތް ބާވައިލެއްވި މަސްރަހަށް ފެންނަނީ މައްކާގެ ބޮޑުން ގޮތްހުސްވެ 'ނިޔުކްލިއާ' ހަތިޔާރުގައި ހިފި ތަނެވެ. އެގޮތުން އެމީހުން މަދީނާގައި ތިބި ޔަހޫދީ އިލްމުވެރިންނާ ބައްދަލުކޮށް ރަސޫލުﷲ ﷺ ހުއްޓުވައި ކީރިތި ޤުރްއާން ހުއްޓުވަން ހަދާނެ އިސްތިރާޖީއާ މެދު މަޝްވަރާކުރި އެވެ. އެގޮތުން މައްކާގެ ބޮޑުން ޔަހޫދީ އިލްމުވެރިންގެ ކިބައިން އެދުނީ، އިބުރާހީމުގެފާނާއި މޫސާގެފާނު ފަދަ ހައްގު ތެދު ރަސޫލަކު ކަމުގައި ކީރިތި ރަސޫލާ ﷺ ވެވަޑައިގަންނަވާ ނަމަ، އެ ކަން ސާފުކޮށް އެނގޭނެ ގޮތެއް އެބައިމީހުންނަށް ބުނެދިނުމަށެވެ. މައްކާގެ ބޮޑުންގެ މި އެދުމަށް އިޖާބަދީ ޔަހޫދީން އެދުނީ އެކަލޭގެފާނާ ތިން ސުވާލުކުރުމަށެވެ.
ދެން މައްކާގެ ބޮޑުން ރަސޫލުﷲ ﷺއަށް އެ ތިން ސުވާލު ދެންނެވި އެވެ. އެކަލޭގެފާނު ވިދާޅުވީ ޖެހިގެން އަންނަ ދުވަހު ޖަވާބު ދެއްވާނެ ކަމަށެވެ. އެކަލޭގެފާނަށް ހަނދުމަފުޅުނެތިގެން މިހެން ވިދާޅުވެވުނީ ﷲގެ އިރާދަފުޅާ ނުލަ އެވެ. ޖެހިގެން އައި ދުވަހު އެކަލޭގެފާނު އަރިހަށް ޖިބުރީލުގެފާނު ވަޑައެއްނުގަތެވެ. އަދި އެކަލޭގެފާނުގެ ކުރިމަތީގައި ހުރި ސުވާލުތަކުގެ ޖަވާބަށް ވަހީ ބަސްފުޅެއް ލިބިވަޑައެއް ވެސް ނުގަތެވެ. މިކަމާ ކަންބޮޑުވެވަޑައިގެން އެކަމުގެ މާޔޫސްކަމުގައި ހުންނަވަނިކޮށް ދެ ސުވާލުގެ ޖަވާބާ އެކު އެކަލޭގެފާނަށް ކަހުފު ސޫރަތް ބާވައިލެއްވި އެވެ.  
މި މިސާލުގައި ﷲ ބަޔާންކުރައްވަނީ މިފަދައިންނެވެ. "ކަލޭގެފާނު އެމީހުންނަށް ދުނިޔޭގެ ދިރިއުޅުމުގެ މިސާލު ޖައްސަވައިދެއްވާށެވެ! ތިމަން ރަސްކަލާނގެ އުޑުން ވެއްސެވި ފެނެއްގެ މިސާލެވެ. ދެން ބިމުގެ ގަސްތައް އެފެނާ އެކުވެ ތާޒާކަމާ އެކު ހެދިގަތުމަށް ފަހު ވަޔާ ބުރައިގެން ހިކި ކުނޑިތަކަކަށް ވެދެ އެވެ. ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެ އެވެ."
މި އާޔަތުގައި އުޑުގެ ވާހަކަ ބަޔާންކުރައްވަ އެވެ. ހަމަ އެފަދައިން ބިމުގެ ވާހަކަ ވެސް ބަޔާންކުރައްވަ އެވެ. މި ބަސްތަކުން ހަނދާންކޮށްދޭ އެއް ކަމަކީ ފުރިހަމަ ވަޒަނުގައި އިންސާނާ އޭނާގެ ހަޔާތް އާރާސްތުކުރަން ޖެހޭ ކަމެވެ. އޭނާ މާއްދީ ކަންކަމަށް ސަމާލުކަންދޭ ފަދައިން ރޫހީ ކަންކަމަށް ވެސް އިސްކަންދޭން ޖެހޭ ކަމެވެ. އުޑުން ފެން ލިބުނަސް ބިންގަނޑާ ނުލާ ގަހަށް ދިރުމެއް ނުލިބެ އެވެ. ހަމައެގޮތަށް ކިތަންމެ މޮޅު ބިމެއްގައި ވެސް ގަސް ހެދެނީ އެ ގަހަށް ފެން ލިބިގެންނެވެ. އުޑުން ވެއްސަވާ ވާރޭފެނުން ބިންގަނޑަށް ދިރުން ލިބޭ ފަދައިން އުޑުން ބާވައިލައްވައި ވަހީ ބަސްފުޅުން އިންސާނާގެ ރޫހަށް ދިރުން ލިބެ އެވެ. އެހެންކަމުން އޭނާގެ ހަޔާތް ބައްޓަންކުރަން ޖެހެނީ ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ ގޮތަށެވެ.
މި މިސާލާ މެދު ވިސްނައި ފިކުރު ހިންގާއިރު ފާހަގަކުރެވޭ މުހިންމު ނުކުތާއެއް ވެއެވެ. ފެނާއި ފަސްގަނޑު ގުޅިގެން ހެދޭ ހިތްގައިމު ގަސް ޒަމާނާ އެކު ނިމިދާކަމެވެ. އަހަރުތަކަކަށް ފަހު ގަސް މަރުވެދާކަން ވެސް ބައެއް ފަހަރު އިންސާނާއަށް ނޭނގެ އެވެ. އެއީ ﷲގެ ސުންނަތެވެ. ދުނިޔޭގައި ﷲ ލެއްވި ކޮންމެ އެއްޗެއް، އެ އެއްޗެއްގެ ހަޔާތުގެ ބުރު ފުރިހަމަކުރުމަށް ފަހު ދުނިޔެއަށް އަލްވަދާއު ކިޔަ އެވެ. ގަސްގަހާގެއްސެކޭ އެއްފަދައިން އިންސާނުން ބިނާކުރާ އިމާރާތްތައް ވެސް އެގޮތަށް އޭގެ ވަގުތު ހަމަވުމުން ނެތިދެ އެވެ. ދުނިޔެއަށް އިންސާނުން ތައާރަފްކުރާ ތަފާތު ނިޒާމްތައް ވެސް އެގޮތަށް ނިމިދެ އެވެ. ބޮޑެތި ރަސްކަންތަކާއި ހިލާފަތްތައް ވެސް އެގޮތަށް ނިމިދެ އެވެ.
މިއިން ލިބޭ އެންމެބޮޑު ފިލާވަޅަކީ ދުނިޔޭގައި ﷲ ލެއްވި ކޮންމެ އެއްޗަކަށް އެ އެއްޗެއްގެ ހަޔާތް ކަނޑައެޅިފައިވާކަމެވެ. އިންސާނާގެ ހަޔާތަކީ ވެސް އެފަދައިން ކަނޑައެޅިފައި އޮންނަ ހަޔާތެކެވެ. އެމީހެއްގެ ހަޔާތުގެ ގަޑި ނިމުމާ އެކު އެމީހާ ދުނިޔެއާ ވަކިވެ އެވެ. އެއްވެސް މީހަކަށް ނޭނގޭ ކަމަކީ އޭނާޔާ މަރު ބައްދަލުކުރާނެ ވަގުތެވެ. އެހެންވެ ބުއްދިވެރި މީހަކީ ﷲއަށް އީމާންވެ އެކަލާނގެއަށް ބިރުވެތިވެ އާޚިރަތަށް ތައްޔާރުވުން އިސްކުރާ މީހާ އެވެ.
އާދަކޮށް އިންސާނާ އަވަދިނެތި ހޭބޯނާރާ އުޅެނީ ދުނިޔަވީ ހަޔާތް ބިނާކުރާށެވެ. ކޮންމެ މީހަކު ވެސް އެމީހަކު އެކުރާ މަސައްކަތެއްގައި އަވަދިނެތި އުޅެ އެވެ. އެއީ އެމީހާގެ ދާއިރާއިން ނުވަތަ މަސައްކަތުން ކުރިއަށް ގޮސް ކާމިޔާބު ހޯދުމަށެވެ. މާއްދީ ފޯކަސް ބޮޑުވުމުގެ ނަތީޖާއަކަށް ވަނީ އުހުރަވީ ހަޔާތް މަތިން އޭނާ ހަނދުމަނެތުމެވެ. އަދި އުހުރަވީ ހަޔާތް މަތިން ހަނދާން ހުއްޓަސް އާހިރަތަށްޓަކައި އޭނާއަށް މާ ބޮޑު ކަމެއް ނުކުރެވުމެވެ. ދުނިޔޭގެ ހަޔާތަކީ ވަގުތީ ހިނދުކޮޅެއްކަން އޭނާއަށް އިހުސާސްވަނީ އެގޮތަށް އުޅެނިކޮށް ގައިބާރުދެރަވެ ނުވަތަ ބޮޑު ބައްޔެއް ޖެހި މަރާ ކުރިމަތިވުމުންނެވެ. އެ ހާލަތުގައި ދެން އޭނާއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯވެ އެވެ.
މި ހާލަތަށް ރިއާޔަތްކޮށް ﷲ އަންގަވަނީ މުދަލާއި ދަރިންނަކީ ހަމައެކަނި ދުނިޔޭގެ ޒީނަތެއް ކަމަށެވެ. މާނަޔަކީ މުދަލާއި ދަރިން ވަގުތީ އެއްޗަކަށް ވުމެވެ. އެއް މޫސުމުގައި މީހަކަށް ގިނައިން މުދަލާއި ފައިސާ ލިބިދާނެ އެވެ. އަނެއް މޫސުމުގައި އޭނާގެ އަތް އެއްކޮށް ހުސްވެދާނެ އެވެ. އަނެއް މޫސުމެއްގައި އޭނާ ދަރަނިވެރި ވެސް ވެދާނެ އެވެ. މިއިން އަންގައިދެނީ މުދަލާއި ފައިސާ ދާއިމަށް ދެމިގެންދާ އެއްޗަކަށް ނުވާކަމެވެ.
މުދަލާއި ފައިސާއެކޭ އެއްގޮތަށް އާއިލާ އާއި ދަރިންނަކީ ވެސް ވަގުތީ އެއްޗެކެވެ. އެއް މޫސުމުގައި ތިމާއަށް ބައިވަރު ދަރިން މިންވަރުކުރައްވަފާނެ އެވެ. އަނެއް މޫސުމުގައި އެދަރިންތައް ބޮޑެތިވެ ތިމާޔާ ވަކިވެދެ އެވެ. ތިމާއެކޭ އެއްގޮތަށް އެމީހުން ވެސް ޒަވާޖީ ހަޔާތް ފަށައި ތިމާޔާ ވަކިވެދެ އެވެ. އަނެއް ވަގުތަކު އޭގެ ތެރެއިން ދަރިޔަކު ނުވަތަ ބައެއް ދަރިން ތިމާޔަށް ވުރެ ކުރިން މި ދުނިޔެއާ ވަކިވެދެ އެވެ. މިއީ ބަދަލުވުމެއް ނެތް ފިތުރަތުގެ އުސޫލެވެ.
މި މިސާލުން ލިބޭ ފިލާވަޅަކީ ނިމުމެއް ނެތް ދާއިމީ އެއްޗަކީ ތިމާގެ ހެޔޮ އަމަލުތައް އެކަނިކަމެވެ. އެހެންވެ އިންސާނާ އޭނާއަށް ލިބިފައިވާ ހުރިހާ ވަސީލަތަކާއި ހަކަތައެއް ބޭނުންކުރަން ޖެހެނީ ހެޔޮ އަމަލުކުރުމަށެވެ. އަދި އެހެޔޮ އަމަލުގައި ސާބިތުވެ ދެމިހުރުމަށެވެ. ﷲގެ ހަޒުރަތުން އެމީހަކަށް ސަވާބާއި ދަރުމަ ލިބުން އޮތީ އޭނާގެ ހެޔޮ އަމަލަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ