ފެނަކަ ސައީދުގެ އިސްތިއުނާފު ހައިކޯޓުން ބަލައިގެންފި

ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސައީދު މުހައްމަދު (ފެނަކަ ސައީދު)ގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރަށް އޭނާ ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފު ހައި ކޯޓުން ބަލައިގެންފި އެވެ.
ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހަތަރު އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކުރަން ސައީދު ފަރާތުން ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. އެ މައްސަލަ ބަލައިގަނެ މިހާރު ހައިކޯޓުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.
ސައީދުގެ މައްޗަށް ދައުވާކުރީ ބްލޭޒަން އިންކް ކިޔާ ކުންފުންޏަކާއެކު ފެނަކައިން ހެދި އެއްބަސްވުމެއްގެ މައްސަލައިގަ އެވެ. އެ މައްސަލައާ ގުޅޭ ގޮތުން ދައުލަތުން ބުނެފައި ވަނީ، އެ ކުންފުންޏާ ހަވާލުކުރި މަސައްކަތް އެކީ ނުނިންމަނީސް، އަދި މަސައްކަތް ފުރިހަމަކުރިކަން ކަށަވަރުނުކޮށް، އެ މަސައްކަތަށް ދޭންޖެހޭ ފައިސާ ފެނަކައިން ބްލޭޒަން އިންކަށް ދޫކޮށްފައިވާ ކަމަށެވެ.
ސައީދުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅި ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް ހުކުމް އިއްވަމުން އިސް ގާޒީ އާދަމް މުހައްމަދު ވަނީ ގާޒީ އަށް ލިބޭ އިހުތިޔާރުގެ ދަށުން އަދަބުގެ ދަރަޖަ މަތިކުރައްވާފަ އެވެ. އެހެންކަމުން ސައީދުގެ މައްޗަށް އިއްވާފައި ވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ހަރުކަށި އަދަބު ކަމަށްވާ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.
އޭނާގެ އަދަބު މަތި ކުރަން ޖެހޭ ސަބަބެއްގެ ގޮތުގައި އިސްގާޒީ ވިދާޅުވެފައި ވަނީ މި މައްސަލައިގައި އެއްބަސްވުން ނަހަދައި ގިނަ އަދަދެއްގެ ފައިސާ ފެނަކައިގެ އިސްވެރިން ދީފައިވުމެވެ. ކުންފުނިތަކުގެ އިސްވެރިން ރައްޔިތުންނަށްގެ ފައިސާއިން ބޮޑެތި ކޮރަޕްޝަން ހިންގައި، ކުންފުނިތެރޭގައި ވެސް ކޮރަޕްޝަންގެ ދޮރު ހުޅުވިގެން ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފާހަގަކުރެއްވި އެވެ.
އެހެންކަމުން އެފަދަ މީހުންގެ މައްޗަށް ގާނޫނުގައި ކަނޑައަޅާފައި އޮންނަ އެންމެ ހަރުކަށި އަދަބު ދޭން ޖެހޭނެކަން ގަބޫލުކުރައްވާ ކަމަށް އިސް ގާޒީ ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖޭގައި ކޮރަޕްޝަން އިންތިހާޔަށް އާންމުވެފައިވާއިރު، އެފަދަ މައްސަލަތަކުގައި އަދަބު ލިވެނީ ވަރަށް މަދުންކަން ވެސް ގާޒީ ވަނީ ފާހަގަ ކުރައްވާފައެވެ.
މިގޮތަށް ފައިސާ ދޫކުރުމުގެ ސަބަބުން ފެނަކައަށް 848,000ރ (އަށް ލައްކަ ސާޅީސް އަށް ހާސް ރުފިޔާ)ގެ ގެއްލުމެއް ލިބިފައިވާކަމަށް ދައުވާގައި ވަނީ ބުނެފަ އެވެ.
މިދިޔަ ސަރުކާރުގައި އެންމެ ގިނަ ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ސަރުކާރު ކުންފުންޏަކީ ފެނަކައަށްވާއިރު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ އެކި ދައުވާތައް އުފުލި ނަމަވެސް އޭނާ އަންނަނީ އެ ދައުވާތަކަށް އިންކާރު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ