ޝާހިދުގެ ފިލްމު 'އޯ ރޯމިއޯ'ގެ ޓީޒާ ދައްކާލައިފި
ދާދިފަހުން އާ ޕޯސްޓަރުތަކެއް ދައްކާލި އެކްޓަރު ޝާހިދު ކަޕޫރު އަދި ބަތަލާ ތުރިޕްތީ ދިމްރީގެ ފިލްމު "އޯ ރޯމިއޯ"ގެ ޓީޒާ ރިލީޒްކޮށްފިއެވެ. ޝާހިދު ކަޕޫރު ވަރަށް ވަރުގަދަ އެކްޝަން ރޯލަކުން ފެންނަ މި ފިލްމުގައި އެކްޓަރު ކުޅެފައި ވަނީ ޖެހިލުން ކުޑަ ގޭންގްސްޓާރެއްގެ ރޯލެވެ. ބައެއް ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ފިލްމުގައި ޝާހިދު އަދި ތުރިޕްތީ ކުޅެފައި ވަނީ އިންޑިއާގެ ވަރަށް މަޝްހޫރު ގޭންގެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ސަޕްނާ ދީދީ އަދި ހުސައިން އުސްތާރާގެ ރޯލެވެ. ފިލްމު "އޯ ރޯމިއޯ"ގެ ވާހަކަ ބިނާކޮށްފައި ވަނީ އެ މީހުންގެ ދިރިއުޅުމުގެ ބައެއް ހާދިސާތަކުގެ މައްޗަށް ކަމަށް ބައެއް ރިޕޯޓުތަކުން ބުނެފައިވީ ނަމަވެސް އެކަން ރަސްމީކޮށް އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ފިލްމު "އޯ ރޯމިއޯ"ގެ މަންޒަރެއްގައި ޝާހިދު، ވިކްރާންތު އަދި ތަމަންނާ--ފޮޓޯ/އެންޑީޓީވީ ފިލްމު "އޯ ރޯމިއޯ" އަކީ ޝާހިދު މީގެ ކުރިން އެކީގައި މަސައްކަތްކޮށްފައިވާ ވިޝާލް ބަރަދުވާޖްގެ ފިލްމެކެވެ. މި ފިލްމަކީ ވިޝާލްއާ އެކު ޝާހިދު މަސައްކަތްކުރާ ހަތަރު ވަނަ ފިލްމެވެ. ދެ މީހުން އެކީގައި ކުރިން ގެނެސްދިން ފިލްމުތަކުގެތެރޭ 2017 ގެ "ރަންގޫން" އާއި 2014 ގެ "ހައިދަރު" ގެ އިތުރުން 2009 ގެ "ކަމީނޭ" ހިމެނެއެވެ. ޝާހިދު އާއި ތުރިޕްތީގެ އިތުރުން "އޯ ރޯމިއޯ"އިން ފެންނާނެ މުހިއްމު ތަރިންގެތެރޭ ވިކްރާންތު މަސޭ، ތަމަންނާ ބާޓިއާ، ފަރީދާ ޖަލާލް، ދިޝާ ޕަޓާނީ، ނާނާ ޕަޓޭކަރު އަދި އަވީނާޝް ތިވާރީ ހިމެނެއެވެ. ފިލްމުގައި ތަމަންނާ އަދި ވިކްރާންތު ހިމެނޭކަން އިއުލާނުކުރީ ބެލުންތެރިންނަށް ދައްކާލި ފިލްމުގެ ޓީޒާއިންނެވެ. ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް ގެނެސްދޭ "އޯ ރޯމިއޯ" ބެލުންތެރިންނަށް ގެނެސްދޭނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ