މަސްތުވާތަކެއްޗާއި ދެކޮޅަށް މާލެއާއި ގދ. އަތޮޅުގައި މިއަދު ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު މި އޮޕަރޭޝަން ފަށާފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވާ ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ 'އޮޕަރޭޝަން އަލިމަގު'ގެ ދަށުން ކަމަށެވެ.
އަދި އެފަދަ އަމަލުތައް ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކާއި ގުޅުންހުރި ތަންތަން ބަލާ ފާސްކޮށް ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިއީ ސައުތް ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ވިންގު ގުޅިގެން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނަކެވެ.
ފުލުހުން ވަނީ މިދިޔަ ނޮވެމްބަރު މަހު ވެސް މިފަދަ އޮޕަރޭޝަނެއް ހިންގާފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ހިންގި އެ އޮޕަރޭޝަނުގައި 500 ފުލުހުން ބައިވެރިވެފައިވާއިރު 100 އަށްވުރެ ގިނަ ތަންތަން ބަލާ 90 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން އޭރު ހޯދި ބައެއް ތަކެތީގެ ފޮޓޯ ވެސް އާންމުކޮށްފައިވާއިރު އޭގެ ތެރޭގައި ބޮނޑި ބޮނޑިއަށް އޮޅާފައި ހުރި ގިނަ އަދަދެއް ގެ ފައިސާވެސް ހިމެނެއެވެ.
އޮޕަރޭޝަން އަލިމަގަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ އެންމެ ވަރުގަދަ ހަރަކާތެވެ. މިއީ ރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިއުގަތައް ހުއްޓުވައި މުޅުން ނައްތާލުމަށާއި މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެއުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން ބުނެއެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވަން މާލެއާއި ގދ. އަތޮޅުގައި އޮޕަރޭޝަނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ