އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނުގެ އިންޖީނުގެތަކަށް ހަމަލާދޭނެ ކަމަށް އަނެއްކާވެސް ޓްރަމްޕް ވިދާޅުވެއްޖެ

ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކުރައްވައިފިއެވެ. އިރާނުގެ އިންޖީނުގެތަކަށް ހަަމަލާ ދޭނެ ކަމަށް މީގެކުރިންވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމަށް ސުލްހައިގެ އެއްބަސްވުމެއް އީރާނަށް ހުށަހެޅުމަށްފަހު އިންޖީނުގެތަކަށް ހަމަލާ ދިނުން ފަސްކޮށްފައިވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްވުމެއް އޮންނަން ނުޖެހޭ ކަމަށްވެސް އޭގެފަހުން ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ދޭންފެށި ހަމަލާތަކަށްފަހު، ފުރަތަމަ ފަަހަރަށް އާންމުކޮށް ދެއްވި ތަގުރީރުގައި ޓްރަމްޕް ވިދާޅުވީ އެއްބަސްވުމަަކަށް ނާދެއްވިއްޖެނަމަ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދޭނެ ކަމަށާއި، އީރާނުގެ ތެޔޮ ފެސިލިޓީތަކަކީވެސް ހަމަލާދޭން އުނދަގޫ ތަންތަން ނޫން ކަމަށެވެ. "ޑީލެއް ނެތް ނަމަ އަޅުގަނޑުމެން އެމީހުންގެ ކޮންމެ ކަރަންޓް ޖަނަރޭޓިން ޕްލާންޓަކަށް ހަމަލާ ދޭނަން. ފަހަރެއްގައި އެއްފަހަރާ." ޓްރަމްޕް ވިދާޅުވިއެވެ. ހަމަަލާ ދޭނެ ކަމުގެ އިންޒާރާއެކު، ހަނގުރާމައިން އެމެރިކާ ހާސިލުކުރަން ބޭނުންވި މައިގަނޑު މަގްސަދު ހާސިލުވެ، ނިމުމަކާ ގާތްވެފައިވާ ކަމަށް ޓްރަމްްޕް ވިދާޅުވިއެވެ. ގާތްގަނޑަކަށް 20 މިނެޓްގެ ތަގުރީރުގައި އީރާނުން ކޮންޓްރޯލު ހޯދާފައި އޮތް ހަރްމޮޒް ކަނޑުއޮޅި ސަލާމަތްކުރުމުގެ ހިތްވަރު ހޯދުމަށް އެކުވެރި ގައުމުތަކަށް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ. ޓްރަމްޕްގެ ތަގުރީރަށްފަހު ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ވަނީ އުފުލިފައެވެ. ޓްރަމްޕް ވާހަކަފުޅު ދައްކަވަން ފެށުމުގެ ކުރިން ބެންޗްމާކް ބްރެންޓް ކްރޫޑް ފީފާއެއް ވިއްކަމުން ދިޔައީ ގާތްގަނޑަކަށް 100 ޑޮލަރަށެވެ. ނަމަވެސް ވާހަކަފުޅަށްފަހު ތެޔޮ ފީފާއެއްގެ އަގު ވަނީ ގާތްގަނޑަކަށް ހަތަރު ޕަސަންޓް މައްޗަށް ޖެހި، ފީފާއެއްގެ އަގު 105.38 ޑޮލަރަށް އުފުލިފައެވެ. ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ހަކަތައިގެ ފަސްބައިކުޅަ އެއްބައި އުުފުލާ ހުރްމޮޒް ކަނޑުއޮޅިން ބޯޓުތައް ދަތުރުކުރުމަށް ހުރަސް އަޅާފައެވެ. އެހެންވެ ތެލުގެ ސަޕްލައިއަށް ބުރޫއަރައި އަގު އަންނަނީ އިންތިހާއަށް އުފުލެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ