ދުވަސްވީ ބޮޑެތި ގަސްތަކަކީ ރަށު ފެންވަރުގައި ގަދަ ހޫނާއި ވައި ނުސާފުވުމުން ރައްކާތެރިކޮށްދޭނެ ހަމައެކަނި ވަސީލަތް ކަމަށާއި އެ ގަސްތައް ކަނޑައި ކުޑަކުޑަ ހޯލި ކޮޅެއް އިންދައިގެން ގެއްލުން ފޫ ނުބެއްދޭނެ ކަމަށް ތިމާވެށީގެ ހިމާޔާތުގައި މަސައްކަތްކުރާ ހުމައިދާ އަބްދުލްގަފޫރު އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދުވަސްވީ ބޮޑެތި ގަސްތަކެއް ހުރި ވިލިމާލޭގެ ފުނަވަލު ސަރަހައްދުގައި މި ސަރުކާރުން އަޅަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު އާއި އެ ރަށުގައި އަޅާ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓާލައި އެ މަޝްރޫއުތައް ވިލިމާލެ ނޫން އެހެން ސަރަހައްދެއްގައި ކުރުމަށް ތިމާވެށި ހިމާޔަތްކުރާ ފަރާތްތަކުން އަންނަނީ ސަރުކާރަށް ގޮވާލުމުންނެވެ.
މި ކަންބޮޑުވުންތައް ފާޅުކުރަމުންދަނީ:
ފުނަވަލުގެ ސަރަހައްދުގައި 17 ބުރީގެ 3 ޓަވަރު އެޅުމަށް، ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަންނާ މިދިޔަ ޖެނުއަރީ މަހު ހަވާލުކޮށްފައިވާތީ
ވިލިމާލޭގައި 50އަށް ވުރެ ގިނަ ގަސްތަކެއް ހުރި ސަރަހައްދެއްގައި ޗައިނާ ސަރުކާރުގެ އެހީގެ ދަށުން 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ނިންމާފައިވާތީ
ބުނީ ކީކޭ؟ - މިކަމުގެ ކަންބޮޑުވުން ފާޅުކޮށް، ތިމާވެށީގެ ހިމާޔާތުގައި މަސައްކަތްކުރާ ބައެއް އެކްޓިވިސްޓުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުމައިދާ ވިދާޅުވީ، ވިލިމާލޭގެ ގަސްކަަރަ ހަލާކުވެގެންދިއުމަކީ މުޅި ރަށަށާއި މާހައުލުގައި އުޅޭ އެންމެހާ ދިރުންތަކަށް ވެސް އިއާދަނުކުރެވޭވަރުގެ ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ.
"ކޮންމެ ގަހަކީ އެތައް ބައިވަރު ދިރުންތަކެއް އޭގައި އުޅޭ އެއްޗެއް. އެހެންވީމާ ގަހެއް ކަނޑާލުމަކީ ހަމައެކަނި ގަހެއް ނައްތާލުމެއް ނޫން. އެއީ ދިރުންތަކެއް ނައްތާލުން. އެކަންކަމުން އަހަރެމެން މަހުރޫމުކޮށް، މުޅި ތަން ހަނަފަސްކޮށް، ކޮންކްރީޓުން ފުރިފައި އޮތް، މަރުވެފައި އޮތް، ހޫނުގަދަ ތަނަކަށް ހެދީމަ އެ ގެނެވެނީ ތަރައްގީއެއް ނޫންކަން ރައްޔިތުންނަށް އަހަރެމެން ބުނެދޭން ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.
ހުމައިދާ ވިދާޅުވި ގޮތުން:
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވޭތުވެދިޔަ ދެތިން އަހަރަކީ ހޫނުމިނުގެ ރެކޯޑު މުގުރާލާފައި އޮތް އަހަރުތައް
ރާއްޖެ ފަދަ ކުޑަކުޑަ ތަނެއްގައި އިންތިހާއަށް ހޫނުގަދަވެގެން ތަން ހާލުކުކުރީމަ ދެން އިތުރަށް ހެދޭނެ ގަހެއް ވެސް ނޯންނާނެ؛ ގަސްގަހާގެހި ވެސް ހެދެނީ ވަކި ކަހަލަ މާހައުލުތަކެއްގައި
މިހާރު ހުރި ގަސްތައް ކަނޑާލައި އެއްލާލައިފިއްޔާ ކުރިމަގުގައި އެފަދަ ބިޔަ ގަސްތައް ހެދުމުގެ ފުރުސަތު ވެސް އެބަ ގެއްލޭ
"މޫސުމީ ބަދަލުތަކުގެ ސަބަބުން އަންނަ ހޫނުން ރައްކާތެރިވުމަށް އަހަރެމެންނަށް ނިޒާމީ ގޮތެއްގައި، ރަށު ލެވެލްގައި އޮތް ހަމައެކަނި އެއްޗަކީ ގަސް. އެ ގަސްތަކަކީ ހޫނުގެ އިތުރުން ރަށު ވައި ސާފުކުރަން އެހީވެދޭ އެއްޗެއް. ރަށުގެ ވައި ސާފެއް ނުކުރެވޭނެ މި ގަސްތައް ކަނޑާލައިގެން ހޯލިކޮޅެއް އިންދައިގެން. އަނެއްކާ އަނެއް 100 އަހަރު ވަންދެން ތިބުމަކީ އަހަރެމެންނަށް ވެސް އަހަރެމެންގެ ދަރިންގެ ދަރިންނަށް ވެސް ކުރެވޭ ވަރަށް ބޮޑު ބޭއިންސާފެއް،" އޭނާ ވިދާޅުވި އެވެ.
ހުމައިދާ ވިދާޅުވީ، ވިލިމާލޭގެ 100 އެތައް ބޮޑެތި ގަސްތަކެއް ކަނޑާލައިގެން ގެންނަން އުޅެނީ ތަރައްގީ ނޫން ކަމަށާއި އެއީ ސިޔާސީ ވިޔަފާރީގެ މަޝްރޫއެއް ކަމަށެވެ. ސަރުކާރުން މަޝްރޫއުތައް ފަރުމާކުރަމުންދަނީ ވިލިމާލޭގެ ގަސްކަރަ ނައްތާލާގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މަޝްރޫއުތަކުގެ ސަބަބުން ވިލިމާލޭގެ ގަސްކަރައަށް ގެއްލުން ނުވާނެ ގޮތަކަށް އެކަން ނުކުރެވޭނެ ކަމަށް ވެސް ހުމައިދާ ވިދާޅުވި އެވެ. އެހެންކަމުން، އޭނާ ގޮވާލީ އެ މަޝްރޫއުތައް ވިލިމާލެ ނޫން އެހެން ސަރަހައްދަކަށް ބަދަލުކުރުމަށެވެ.
ގުޅުންހުރި ކަމެއް - މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ ހޫނުމިން މި ދުވަސްވަރު އުޅެނީ 37 ޑިގްރީ ސެލްސިއަސްގަ އެވެ. ކުރިއަށް އޮތީ ވެސް ހޫނުގަދަ ދުސްތަކެއް ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް ހޫނުގަދަވުމުގެ ސަބަބުން، ބޭރަށް ނުކުމެ އުޅޭއިރު ސަމާލުވުމަށް ވެސް ކަމާ ގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.
ބޮޑެތި ގަސްތައް ކަނޑައި ހޯލި ކޮޅެއް އިންދިޔަސް ހޫނާއި ވައި ނުސާފުވުމުން ރައްކާތެރިކަމެއް ނުލިބޭނެ: ހުމައިދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ