މިދިޔަ ދެ އަހަރެއްހާ ދުވަހުގެ މުއްދަތުގައި އިދިކޮޅު އެމްޑީޕީގެ މޭޔަރަކާ އެކު މާލެ ސިޓީ ކައުންސިލް އޮތީ ހުއްޓިފައި ކަމަށާއި ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އެކަން ތަކުރާރުވިޔަ ނުދިނުމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ އިލްތިމާސް ކުރައްވައިފި އެވެ.
ބުނީ ކީކޭ؟ - އާޓިފިޝަލް ބީޗުގައި ބޭއްވި ޕީއެންސީގެ ތަރާވީހުގައި ވާހަކަފުޅު ފައްޓަވަމުން ރައީސް ނެންގެވީ އެމަނިކުފާނު މާލޭގެ މޭޔަރަކަށް ހޮވިވަޑައިގަތުމުން އެކުލަވައިލި ސްޓްރެޓީޖިކް ޕްލޭންގެ ފޮތެކެވެ.
އެ ފޮތުގައި ހިމަނާފައިވާނީ މާލޭގެ ރައްޔިތުންނަށް ކޮށްދޭން ރޭވި އެކި ކަންތައްތަކެވެ. ނަމަވެސް ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި އެ ފޮތުގައި ހުރި ކަންކަން ހުރީ ހުއްޓިފައި ކަމަށެވެ.
"އޭރު ފެށި ދައުރު ހިނގަމުން އައިސް މި ނިމެނީ. ދައުރުގެ މި ދެ އަހަރު ދުވަހުގެ ތެރޭގައި މި ކަންކަމެއް ނުހިނގާ. މީގައި ހުރި ކަންކަން ކުރަން ރައްޔިތުން ހަވާލުކުރީ. އެ ކައުންސިލްގެ ދައުރު އަދި ނުނިމޭ، އެހެން ނަމަވެސް މަސައްކަތް ހުއްޓުނީ،" ރައީސް ވިދާޅުވި އެވެ.
ތަފްސީލު - ރައީސް ވިދާޅުވީ މިހާރު އޮތް ކައުންސިލްގައި އޮތީ ޕީއެންސީގެ މެޖޯރިޓީއެކޭ ބައެއް މީހުން ބުނެފާނެ ކަމަށާއި ކައުންސިލަރުންގެ އަދަދަށް ބަލައިފި ނަމަ އެއީ ތެދެއް ކަމަށެވެ.
ނަމަވެސް ކައުންސިލް ހިނގާ އުސޫލާއި ހިންގާ ގަވާއިދު އޮންނަ ގޮތުން މުޅި އޮފީސް ހިންގުމުގެ ޒިންމާ އޮންނަނީ ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ކަމަށެވެ.
"މޭޔަރުގެ އެންގުމުގެ މައްޗަށް ސެކްރެޓަރީ ޖެނެރަލް މަސައްކަތް ކުރަން ޖެހޭނީ. ސެކްރެޓަރީ ޖެނެރަލްގެ އެންގުންތައް ކައުންސިލްގެ ހުރިހާ މުވައްޒަފުން ތަންފީޒުކުރަން ޖެހޭނީ. ދެން ތިބީ 18 ކައުންސިލަރުންތޯ ތިން ކައުންސިލަރުންތޯ އެއީ 'މެޓާ'ވާ ކަމެއް ނޫން، ގޯސްކޮށް ކަންކުރަން ބޭނުންވެއްޖެއްޔާ. މިދިޔަ ދެ އަހަރު ދިޔައީ ގޯސްކޮށް،" ރައީސް ވިދާޅުވި އެވެ.
އެ ޕްލޭން ތަންފީޒުކުރަން މަސައްކަތްތަކެއް ކުރި ނަމަވެސް، ރައީސް ވިދާޅުވީ އެ ފޮތުގައި އޮތް ގޮތަށް ކަން ނުހިނގާކަން މާލޭ ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. މިގޮތަށް ކަންކަން ކުރިއަށްގެންދަން އިތުރު ފަސް އަހަރު އަނެއްކާވެސް މާލޭ ރައްޔިތުން ދޭނީތޯ ރައީސް ވަނީ ސުވާލު ކުރައްވައިފަ އެވެ.
އެކަން ބަދަލުކުރަން ރައީސް ވަނީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ރައްޔިތުންގެ އުންމީދުތަކާއި ރައްޔިތުން އެދޭ އަމާޒަށް މާލޭގެ ކަންކަން ގެންދަން އެމަނިކުފާނާއި ސަރުކާރަށް ފުރިހަމައަށް އެއްބާރުލުންދޭނެ މޭޔަރަކާއި ކައުންސިލަރުންގެ ޓީމެއް ހޮވައިދިނުމަށް މާލޭ ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު ޔަގީންކުރަން، އެގޮތަށް މާލޭގެ ލޮބުވެތި ރައްޔިތުން 4 އޭޕްރީލްގައި ނިންމަވައިދެއްވާނެ ކަމަށް. އެކަމަށްޓަކައި މިހާރު ވެސް ޝުކުރު ދަންނަވަން."
މިދިޔަ ދެ އަހަރު މާލޭ ކައުންސިލް އޮތީ ހުއްޓިފައި؛ އެކަން ތަކުރާރު ނުކުރޭ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ