އެންމެ ފައިދާވާނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން: ރައީސް

ޑިމޮކްރަސީގެ ހަމަތަކުގެ މަތީން ބެލިނަަމަވެސް ގައުމަށް އެންމެ ފައިދާހުރި ގޮތަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވި "ދިވެހީންގެރާއްޖެ ތަރާވީސް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އިދިކޮޅު އެމްޑީޕީގެ ވެރީން ކުރީން ބޭނުންވެ އެކަމަށް ވަކާލާތު ކުރެއްވި ކަމަށެވެ.
ނަމަވެސް މިއަދު އެކަމާއި ދެކޮޅު ހައްދަވަނީ އެ ބޭފުޅުންނަކީ އިންތިހާބުތަކަށް ކަޑަ ޖަހާ ބިންގާ އެޅުމުގެ އާދަ އޮތް ބަޔަކަށް ވުމުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް އެމަނިކުފާނު ބޭނުންފުޅުވަނީ އެކަމުން ގައުމަށް އަދި ރައްޔިތުންނަށް ފައިދާވާނެތީ އެވެ.
މިރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ 
ހާއްސަކޮށް އިންތިހާބުގައި ވޯޓްލާން ނިކުންނަ އާބާދީ އިތުރުވެ ގިނަ ރައްޔިތުން ބޭނުންވާ ގޮތް ނިންމުމުން ގައުމަށް ފައިދާވާނެތީ ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ އެންމެ ފަހުން އޮތް ތިން, ރިޔާސީ އިންތިހާބާއި ތިން, މަޖިލީސް އިންތިހާބަށް ބަލާއިރު ގިނަ ރައްޔިތުން ވޯޓްލާފައިވަނީ ރިޔާސީ އިންތިހާބުތަކުގައި ކަމަށެވެ. އެހެން ކަމުން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނަމަ ގިނަ ރައްޔިތުން ވޯޓްލާން ނިކުންނާނެ ކަމުގައި ވިދާޅުވެ އިންތިހާބުތަކުގެ ތަފާސްހިސާބު ހިއްސާކުރެއްވި އެވެ.
* 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 86.5 އިންސައްތަ ވޯޓްލި
* 2009 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގައި ވޯޓްލީ 70 އިންސައްތަ މީހުން
* 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 91.4 އިންސައްތަ ވޯޓްލި
* 2014 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގައި ވޯޓްލީ 78.8 އިންސައްތަ މީހުން
* 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި 87 އިންސައްތަ ވޯޓްލި
* 2024 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގައި ވޯޓްލީ 76 އިންސައްތަ މީހުން
ރައީސް ވިދާޅުވީ މި ހިސާބުތަކަށް ބަލާލުމުން ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ މުހިންމުކަން ފާހަގަ ކުރެވޭ ކަަމަށެވެ.
"ޑިމޮކްރަސީގެ ހަމަތަކުގެ މަތީން ބެލިނަަމަވެސް މި ޤައުމަށް އެންމެ ފައިދާހުރި ގޮތަކީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުން. އެކަމަށްޓަކައި އަޅުގަނޑު ރައްޔިތުންގެ ކިބައިން އެދެނީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އޮންނަ ދުވަސް އެއް ދުވަހަކަށް ހެދުމަށް ހަތަރެއް އޭޕްރީލްގައި މިނަގާ ވޯޓްގައި އާއެކޭ ބުނެ އޭގައި ފާހަގަ ޖެއްސެވުމަށް,"
ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު ބާއްވާތާ ހަ މަސް ފަހުން މަޖިލީސް އިންތިހާބު ބޭއްވުުމުން ލިބޭ ފައިދާއެއް ނެތެވެ. އޭގެ ބަދަލުގައި އޮތީ ގެއްލުން ކަމުގައި ވިދާޅުވި އެވެ.
އަދި އަލަށް ސަރުކާރެއް އިންތިހާބުވެ ފުރަތަމަ އަހަރު ކުރީ ސަރުކާރުން ހުށައަޅާފައި އޮތް ބަޖެޓެއް ތަންފީޒު ކުރަން ޖެހުމަކީ ވެސް ގެއްލުންވާ ކަމަކަށްވުމުން ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން މުހިންމު ކަމަށެވެ. ރައީސް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓްގައި ރައްޔިތުން ނިންމާ ގޮތަކުން ޑިސެންބަރު މަހު ބަޖެޓް ފާސްކުރަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ