ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓް ދީ އިންތިހާބުކޮށްދީފިނަމަ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި ވަރަށް ފަސޭހަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ރާއްޖެ" ތަރާވީސް ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރު މާލެ ސިޓީ ކައުންސިލުން ކުރަން ޖެހޭ ގިނަ ކަންކަން ނުކުރެވޭ ކަމަށެވެ. އެމަނިކުފާނުގެ މޭޔަރު ކަމުގައި ސްޓެރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލައްވާ ތަންފީޒު ކުރައްވަން ފެއްޓެވި ކަމަށާ ނަމަވެސް މިދިޔަ ދެ އަހަރު އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. ހުރިހާ ކަމެއް ހުރީ ހުއްޓިފައި ކަމުގައި ވިދާޅުވި އެވެ.
އެހެންް ކަމުން އެކަން އެގޮތުގައި އޮތުމަށް ފުރުސަތު ދިނުމުގެ ބަދަލުގައި ސަރުކާރަށް އެއްބާރުލުންދީ ކަންކަަން ކުރެވޭނެ ކައުންސިލެއް އިންތިހާބުކޮށް ދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.
"ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން ކެނޑިޑޭޓުންގެ ނަމާއި ނަަންބަރު ކޮންމެހެން ބައްލަވާނެ ކަމެއް ނެތް. ދޫނި ފެނުނީމަ ވޯޓް ދިނީމަ ހުންނާނީ ރަނގަޅަށް," ރައީސް ވިދާޅުވި އެވެ.
"ދިވެހީންގެ ރާއްޖެ" ތަރާވީސް
ރައީސް ތަކުރާރުކުރައްވާ ވިދާޅުވީ އެމަނިކުފާނާއި ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް އޮތުމަކީ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި ވަރަށް ފަސޭހަވާނެ ކަމެއް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ރެއާއި ދުވާލު ނަތީޖާ ނެރެދިނުމުގައި ކަމަށާ އެހެން ކަމުން ނަތީޖާ ނެރެދިނުމުގައި ހުރަހަކަށް ވާނެ ކައުންސިލްތައް އިންތިހާބު ނުކުރުމަށް އެދިވަޑައިގަތެވެ.
"ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ މޭޔަރަކަށް ހޮވައިދިނުމަކީ ކައުންސިލެއް ހޮވައިދިނުމަކީ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާނެ ކޮމެޓީއެއް ހޮވައިދިނުމަކީ އަޅުގަނޑު މާލޭގެ ލޮބުވެތި ރައްޔިތުންގެ ކިބައިން ވަރަށް އިޚްލާސްތެރިކަމާއެކު އެދޭ އެދުމެއް," އެގޮތަށް ރައްޔިތުން ނިންމަވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައި ފާހަގަ ކުރައްވާ ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ މާލެ ސިޓީގެ އިތުރުން އެހެނިހެނން ސިޓީތަކުންނާއި ރަށްރަށުން ވެސް އެގޮތަށް ނިންމަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ.
ވައުދުތައް ފުއްދަން ފަސޭހަކުރަން "ދޫންޏަށް" ވޯޓް ދެއްވަން ރައީސް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ