ވާދަވެރިން ބޭނުންވަނީ ނުރަނގަޅު އިންތިހާބީ ސަގާފަތެއްގައި ރައްޔިތުން ބައިތިއްބަން: ޝިޔާމް

ވާދަވެރި ސިޔާސީ ފަރާތްތަކުން ބޭނުންވަނީ ނުރަނގަޅު އިންތިހާބީ ސަގާފަތެއްގައި ރައްޔިތުން ބައިތިއްބަން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ބައިވެރިވެވަޑައިގެންނެވި ކޮންގްރެސް ޕާޓީގެ ތަރާވީހުގައި ވާހަކަދައްކަވަމުން ޝިޔާމް ވަނީ މިދުވަސްވަރު އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކަ ކަމަށްވާ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން އެއް ދުވަހެއްގައި ކުރިއަށްގެންދިއުމާ ގުޅޭ މައުޟޫއަށް ވާހަކަދައްކަވާފައެވެ.
އެގޮތުން ޝިޔާމް ވިދާޅުވީ ރައީސް މުއިއްޒަކީ ރައްޔިތުންގެ ހިޔާލު ވަރަށް ގިނައިން ހޯއްދަވާ ބޭފުޅެއް ކަމަށާއި، މީގެ ކުރިން ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުން، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވާ ގޮތަށް ކުރައްވާފައި ނުވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރައީސް އައްސަވަނީ ރައްޔިތުންގެ ގާތު ސުވާލެއް ކަމަށާއި، ނަމަވެސް އެކަންވެސް އިދިކޮޅު ސިޔާސީ ފަރާތްތަކަށް ”ބޮޑު“ ވެގެން އުޅޭ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ޑިމޮކްރަސީގެ ވާހަކައާއި، ކަންކަމުގައި ރައްޔިތުންގެ ދެކޭ ގޮތާއި، ރައްޔިތުންގެ ބައިވެރިވުމުގެ ވާހަކަވެސް ދައްކަނީ ހަމަ އެ ފަރާތްތަކުން ކަމަށެވެ.
ނަމަވެސް މިފަދަ މަސައްކަތްތައް ކުރަން އެ ފަރާތްތަކަށް ލިބުނު ފުރުސަތުގައިވެސް މިފަދަ އެއްވެސް މަސައްކަތެއް ކޮށްފައިނުވާއިރު، އެހެން ބޭފުޅަކު އެ މަސައްކަތް ކުރައްވާތީ އެކަންވެސް އެފަރާތްތަކަށް ކަމުނުދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ބުނާ ކަންކަން ކުރުމުގައި ރައްޔިތުންގެ ހިޔާލު ހޯދަންޖެހޭ ކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ވަކި އަގުލަބިއްޔަތެއް އޮތް ކަމަށްވާނަމަ، ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ކަންކަންވެސް، ރައްޔިތުންގެ ހިޔާލު ނުހޯދައި ކޮށްފައި އޮތް ތާރީހު މާ ދުރު ނޫން ކަމަށެވެ.
ޝިޔާމް ވިދާޅުވީ އެއާ ހިލާފަށް ރައީސް މުއިއްޒު ގެންދަވަނީ އެންމެ ބޮޑެތި ނިންމެވުންތައް ނިންމެވުމުގައި ވެސް އަދި އާދައިގެ ކަންކަމުގައި ވެސް ރައްޔިތުންގެ ހިޔާލު ހޯއްދަވަމުން ކަމަށެވެ.
އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ނިންމެވި ކަމަކީވެސް، ރައްޔިތުންގެ މަޖިލީހުގެ ވަކި އަގުލަބިއްޔަތެއް އޮވެގެން ގާނޫނު އަސާސީން ސީދާ ރައްޔިތުން ގާތު އަހަން ޖެހޭ ވޯޓު ނާހައި، އޭގެ ތެރޭގައި އިން ”ލޫޕްހޯލް“ އެއްގެ ތެރެއިން މީގެ ކުރިން ކުރެއްވި ކަންތައްތައް މަނާކުރެއްވުން ކަމަށެވެ.
ޝިޔާމް ވިދާޅުވީ ދެ އިންތިހާބު އެކުގައި ބޭއްވުމުގެ ހުރިހާ މަންފާއެއް ކުރާނީ ރައްޔިތުންނަށް ކަމަށެވެ.
ނަމަވެސް ސިޔާސީ ވާދަވެރިން ބޭނުންވަނީ އަބަދުވެސް ކޮންމެވެސް ކަހަލަ ކަންތައްގަނޑެއްގެ ތެރޭގައި ރައްޔިތުން ބައިތިއްބަން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ތަރައްގީ އުޅެނީ 10 – 15 އަހަރު ފަހުތައި ކަމަށް ވާހަކަ ދައްކާއިރު، މިކަން މިހެން އޮންނަނީ، ބާރުވެރިކަމަށް އަންނަންދެން ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތައް، ބާރުވެރިކަން ލިބުމުން ސީދާ ކުރަން ނުކެރޭތީ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
”ސިޔާސީ ގޮތުން އެހާ ޕޮޕިއުލާ ޑިޒިޝަންތަކަށް ނުވާތީވެ މި ޑިޒިޝަންތައް ނުނަންގަވަނީ. ކައިރީގައި ތިބޭ ދެތިން ހަތަރު މީހަކު، އެ ނަންގަވަން އުޅުއްވާ ގައުމީ ޑިޒިޝަންތަކަށް ނޫނިއްޔާ މުހިންމު ނިންމެވުންތަކަށް ނޫނެކޭ ވިދާޅުވާތީ އެކަންކަން ނުކުރައްވައެއް ނޫންތޯ މީގެ ކުރިން ވެރިކަންތައް ނިމިގެންދިޔައީ.“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ވޭޕްގެ ވަބާއިން ރާއްޖޭގެ ޒުވާނުންގެ މުސްތަގުބަލު ސަލާމަތް ކުރުމުގައި ނިންމެވި ނިންމެވުންތަކާއި، ޑޮލަރުގެ އަގު ބޮޑުވުމުގެ މައްސަލައިގައި ރައީސް ނިންމެވި ނިންމެވުންތަކާ ގުޅޭ ގޮތުންވެސް އެމަނިކުފާނަށް ވަރަށް ގިނަ ފަރާތްތަކުގެ ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް ގައުމަށާއި ރައްޔިތުންނަށް ފައިދާހުރި އަދި ރައްޔިތުންގެ ޖީބުތަކަށް ތަނަވަސްކަން ގެނުވާނެ ކަމަކަށްވާނަމަ އެމަނިކުފާނު އެކަމެއް ކުރެއްވިތަން ފެނިވަޑައިގެންނެވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ސިޔާސީ ބޭނުމެއް ހާސިލްކުރުމަށްޓަކައި ވާދަވެރިން ކޮންމެ ފަދަ ވާހަކައެއްވެސް ދައްކަފާނެ ކަމަށެވެ. ނަމަވެސް ބާރުވެރިކަމަށް އައުމާއެކު އެ ހުރިހާ ކަމެއް ހަނދާން ނެތޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ރައީސް، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ގައުމު އޮތް ހާލަތު އަޅުގަނޑުމެން އޭރު ކެމްޕެއިންގެ ތެރޭގައި ވެސް ދައްކަމުން ދިޔައީ. އަދި އެ ހާލަތުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަންތައްތަކުގެ ވާހަކަވެސް ދައްކަމުން ދިޔައީ. އަދި އެކަންތައްތަކުގެ ބޮޑުމިނުގެ ވާހަކަވެސް އަޅުގަނޑުމެން ދައްކަމުން ދިޔައީ. މިއަދު އެކަންތައްތައް ކުރަން ފެއްޓެވީމާ މި ބޭފުޅުން ފަޔަށް ހިނި އަރައިގެން މި އުޅުއްވަނީ.“ ޝިޔާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ