ސޫރަތުލް ހައްޖުގެ 73 ވަނަ އާޔަތުގައި ﷲ މިސާލެއް ދައްކަވަ އެވެ. މިއީ މި ސޫރަތުގައި ﷲ ޖައްސަވާ ތިން ވަނަ މިސާލެވެ. މިއީ ވަރަށް އާދަޔާ ޚިލާފު މިސާލެކެވެ. ކީރިތި ޤުރްއާނުގެ އެހެން ތަނެއްގައި މިގޮތަށް ﷲ މިސާލެއް ނުޖައްސަވައެވެ. ﷲ މި މިސާލު އަމާޒުކުރައްވަނީ މީސްތަކުންނަށެވެ. އެއިން މާނަކުރެވޭ މައިގަނޑު ބަޔަކީ ކާފަރުން ކަމަށް ވިޔަސް އޭގައި މުސްލިމުން ވެސް ޝާމިލުވެ އެވެ. މި މިސާލުން ފާހަގަކޮށްލެވޭ އެއް ކަމަކީ މިސާލެއް ޖައްސަވައި ވާހަކަ ﷲ ބަޔާންކުރެއްވުމެވެ. ޤުރްއާނުގެ އެހެން ތަންތަނުގައި ﷲ ވަހީކުރައްވަނީ އެކަލާނގެ މިސާލު ޖައްސަވައި ވާހަކަ އެވެ. ނުވަތަ ﷲ އަންގަވަނީ ﷲގެ ރަސޫލާ މިސާލު ދެއްވާ ވާހަކަ އެވެ. އެކަމަކު ﷲ މި މިސާލު ދެއްވަނީ އެއްވެސް ފަރާތަކާ ނުގުޅުއްވަ އެވެ. މިއީ ބަހުގެ ގޮތުން ކުޑަ އެކަމަކު މާނަ ފުން ނުގުތާއެކެވެ.
ރަސޫލުﷲ ދީނަށް ގޮވައިލެއްވުމާ އެކު މުޝްރިކުން އެކަލޭގެފާނަށާއި ކީރިތި ޤުރްއާނަށް ވަރަށް ބޮޑު ދެކޮޅުވެރިކަމެއް ދެއްކި އެވެ. ﷲގެ ނަންފުޅުގައި ނުވަތަ ރަސޫލުﷲގެ ނަންފުޅުގައި ކަމެއް އަތުވެއްޖެ ނަމަ އެކަމަށް ފުރަގަސްދޭން އެމީހުން ތިބެނީ ތައްޔާރަށެވެ. މި މިސާލުގައި ﷲގެ ނަންފުޅުއް ނުވެ އެވެ. އަދި ރަސޫލުﷲގެ ނަންފުޅެއް ވެސް ނުވެ އެވެ. މި މިސާލު މުހާތަބުކުރެއްވީ އެންމެހައި މީސްތަކުންނަށެވެ. ކަނުލައި އަޑުއަހަން އެންގެވީ ވެސް މި މިސާލަށެވެ. އެހެންކަމުން މިއީ ވަރަށް އާދަޔާހިލާފު މިސާލެކެވެ.
ސޫރަތުލް ހައްޖުގެ 73 ވަނަ އާޔަތުގެ މާނައިގައިވެ އެވެ: 'އޭ މީސްތަކުންނޭވެ! މިސާލެއް ޖައްސަވައިފި އެވެ. ފަހެ، ތިޔަބައި މީހުން އެއަށް ކަނުލައި އަހާށެވެ! ހަމަކަށަވަރުން، ތިޔަބައި މީހުން ﷲ ފިޔަވައި އަޅުކަންކުރާ ތަކެއްޗަށް މެއްސެއް ވެސް ނެހެދޭނެ އެވެ. އެކަމަށް އެންމެން އެއްވި ނަމަވެސްމެ އެވެ. އަދި އެ މެހި އެމީހުންގެ ކިބައިން އެއްޗެއް އަތުލައިފި ނަމަ، އެ ވެސް އެމެހީގެ ކިބައިން، އެމީހުންނަކަށް ސަލާމަތެއް ނުކުރެވޭނެ އެވެ. އެ ދޭ މީހާ އާއި އެ ދެވޭ ފަރާތް ވެސް ނިކަމެތިވެގެންވެ އެވެ."
މި މިސާލުގައި ﷲ ފާހަގަކުރައްވަނީ މުޝްރިކުން އަޅުކަންކުރާ އެއްވެސް ބުދަކަށް އެންމެ ކުޑަމިނުން މެއްސެއް ވެސް ނުހެދޭނެ ވާހަކަ އެވެ. އަދި އެއިން ބުދެއްގެ އަތުގައިވާ އެއްޗެއް މެއްސެއް އަތުލިޔަސް އެއިން ބުދަކަށް އެ އެއްޗެއް އަނބުރާ އަތުލައިނުގަނެވޭނެ ވާހަކަ އެވެ.
އަރަބި ކަރައިގައި ބުދަށް އަޅުކަންކުރި މީހުން ބުދު ކަލާނގެއަށް ތަކެތި ހަދިޔާކުރެ އެވެ. އޭގެތެރޭގައި ކާބޯތަކެތި ހިމެނެ އެވެ. ބުދުގެ ކުރިމަތީގައި ކާބޯތަކެތި ބެހެއްޓުމަށް ފަހު އެމީހުން ކުރާ އަޅުކަމެއް ކުރެ އެވެ. އިސާހިތަކު ބުދު ކަލާނގެ ކާނާއަށް މެހި ޖައްސަ އެވެ. ދެން އަޅުކަންކުރަން ހުންނަ މީހާ މެހި ފައްސަ އެވެ. މި ހުރިހާ ކަމެއް ހިނގާއިރު ބުދު ކަލާނގެއަށް ކުރެވޭ ކަމެއް ނޯވެ އެވެ. މިއަދު ވެސް ބުދަށް އަޅުކަން ކުރާ ފައްޅިތަކުން ފެންނަނީ މި މަންޒަރެވެ.
ބުދު ކަލާނގެ ނޭފަތުގައި މެހި ޖެއްސިއަސް ކުޑަ މިނުން އެސޮރު ފަހާ ވެސް ނުލެވެ އެވެ. ކަލާނގެއަށް ހުރި ކާބޯތަކެތިން އެސޮރު އިސްތިއުމާލުކުރާއިރު ވެސް ކަލާނގެ މަރުވެފައި ހުރެ އެވެ.
މި މިސާލުގެ އެންމެ ހިތްގައިމުކަމަކީ ﷲ، ބުދު ހިއުމަނައިޒްކުރައްވައި ނުވަތަ ދިރުން ހުރި އިންސާނުން ފަދައިން ބަޔާންކުރެއްވުމެވެ. މި މިސާލު ތިން ބަޔަކު ފާހަގަކުރެވެ އެވެ. އެއީ ބުދާއި ބުދަށް އަޅުކުރުވަން ނުކުމެ ތިބޭ ވެރިންނާއި ބުދަށް އަޅުކަންކުރާ އާންމު ރައްޔިތުންނެވެ.
މި މިސާލުގައި ﷲ ބަޔާންކުރައްވާ މުހިންމު އެއް ވާހަކައަކީ މެހި އެ އަތުލާ އެއްޗެއް ވެސް އަނބުރާ ނުހޯދޭނެ ވާހަކަ އެވެ. މިކަމަށް މިސާލުގައި އޮތް ބަހަކީ ސަލްބު އެވެ. ގަދީމީ އަރަބި ބަހުގައި ސަލްބުގެ އެއް މާނަޔަކީ ހަނގުރާމައިގައި ދުޝްމަނުން އަތުން ތިމާ އަގުކުރާ އެއްޗެއް ދަމައިގަތުމެވެ. އެއީ އެމީހުންގެ ދިދަ ނުވަތަ އެފަދަ އަގުހުރި އެހެން ވެސް އެއްޗެކެވެ. މިކަމުން ދައްކައިދެނީ ދުޝްމަނުންނާ ކުރިމަތިވާ ބޮޑު ބަލިވުމެވެ.
ޒަމާނީ ސައެންސަށް ބަލާއިރު މެހީގެ އަނގައިގައި ކާ އެއްޗެއް ޖެހޭއިރަށް އެސޮރުގެ ކުޅުން ދޫކުރާ ކެމިކަލްތަކާ އެކު އެ ކެއި އެއްޗެއްގެ ހާލަތު ވަގުތުން ބަދަލުވެ އެވެ. ބުދަށް ކަމެއް ނުކުރެވުނަސް، ބުދަށް އަޅުކަންކުރާ މީހުންނަށް ބުދުގެ ކާނާއަށް އަރައިގަންނަ މެހި އަތުލައިގަނެވިދާނެ އެވެ. އެކަމަކު މެހި އަތުލައިގަތަސް އެސޮރުގެ އަނގައިން ނުވަތަ ހަށިގަނޑުން އެ އެއްޗެއް އަތުލައިގަނެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.
މި މިސާލުގައި ވިސްނާލަން ޖެހޭ މުހިންމު ދެ ލަފުޒު ވެއެވެ. އެ ދެ ބަހަކީ ތާލިބާއި މަތުލޫބެވެ. ތާލިބަކީ އެދޭ ފަރާތެވެ. މިތަނުގައި އެދޭ ފަރާތަކީ މެއްސެވެ. މަތުލޫބަކީ އެދެވޭ ފަރާތެވެ. މިތަނުގައި އެދެވޭ ފަރާތަކީ ކާނާ އެވެ. މި ދެ ފަރާތުގެ ނިކަމެތިކަމާއި ދެރަވަރުކަން ނުވަތަ އޭގެ ޟައީފުކަން އިންތިހާއަށް ބޮޑުކަމަށް ﷲ ބަޔާންކުރައްވަ އެވެ. ﷲ މިދައްކަވަނީ މިނިކަމެތި ދެ ފަރާތަށް ވުރެ ވެސް މުޝްރިކުން އަޅުކަންކުރާ ބުދުގެ ދެރަކަމެވެ.
މިއަދު އިސްލާމީ ދުނިޔެއަށް ނަޒަރު ހިންގާއިރު ނިކަމެތި ތާލިބުންނާއި މަތުލޫބުން އެމީހުންގެ ތެރެއިން ފެނެ އެވެ. އެފަދަ އެއް މިސާލަކީ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކާއި އެމީހުން ފަހަތުން ދުވާ ރައްޔިތުންނެވެ. ބުދަށް އަޅުކަންކުރުމުގެ ބަދަލުގައި އެފަދަ މީހުން 'އަޅުކަން ކުރަނީ' ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކަށެވެ. ތާލިބަކީ ޕާޓީގެ މެންބަރުންނެވެ. މަތުލޫބަކީ އެމީހުންނަށް ލިބޭ އިނާޔަތެވެ. 'ކަލާނގެއަކަށް' ވަނީ އެމީހުންނަށް ވަޒީފާ އާއި މަގާމާއި ދަރަޖަ އާއި މުސާރަ އާއި ވަސީލަތްތައް މަގުފަހިކޮށްދޭ ލީޑަރެވެ. އަދި އެމީހުން އެމީހުންގެ ލީޑަރަށް ކުރާ ހުޝާމަދުން އެމީހުންގެ ހުރިހާ ވެސް ފަރާތަކީ ލީޑަރުކަން އެނގެ އެވެ.
މި މިސާލުން ލިބޭ ފިލާވަޅަކީ ތެދުމަގު ލިބިގަތުމަށް ދާން ޖެހޭ ފަރާތަކީ ﷲ ކަމެވެ. އަދި ﷲ އަށް އިންސާނާ އީމާންވާން ޖެހެނީ އެކަލާނގެއަށް އީމާންވުން ހައްގު ގޮތުގައި ކަމެވެ. އެހެނީ ﷲ އަކީ ބާރުވެރިވަންތަ، އަޒީޒުވަންތަ ކަލާނގެ އެވެ.
ޤުރުއާނާއި މިސާލު: މެއްސަކަށް ވުރެ ވެސް ކަމީނާވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ