މިއީ އެމްޑީޕީން މިހާތަނަށް ބާއްވާ އެންމެ އިންސާފުވެރި ވޯޓު: ސޯލިހް

މިއަދު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމަރީއަކީ މިހާތަނަށް އެ ޕާޓީން އެންމެ މިނިވަން އަދި އިންސާފުވެރިކޮށް ބާއްވާ ވޯޓު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއިން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ސޯލިހް ވަނީ އެމަނިކުފާނުގެ ދާއިރާ، ހިންވަރުގެ ފޮއްޓަށް ވޯޓުލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވައިފަ އެވެ.
ތަފްސީލު - ސޯލިހް ވިދާޅުވީ ޑިމޮކްރަސީއެއްގައި އަންނާނެ އެންމެ އުފާވެރި ދުވަހަކީ ވޯޓުލާ ދުވަސް ކަމަށެވެ. އަދި މިއީ އެ މީހަކު ބޭނުންވާ ގޮތަކަށް ކަންކަން ނިންމުމަށް ލިބޭ މުހިންމު ދުވަހެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.  އެއާއެކު ސޯލިހް ވިދާޅުވީ މިއީ އެމްޑީން ބާއްވާ އެންމެ އިންސާފުވެރި އެތެރޭގެ އިންތިހާބު ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި [މިއަދުގެ އިންތިހާބަކީ] މިހާތަނަށް ބޭއްވޭ އެންމެ މިނިވަން، އިންސާފުވެރި އިންތިހާބަށް މި އިންތިހާބު ވެގެން މިދަނީ،" އެމްޑީޕީ އުފެއްދުމުގައި އެއް ބޭފުޅަކަށް އިސްކޮށް އުޅުއްވި އަދި ޕާޓީގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ސޯލިހް ވިދާޅުވި އެވެ.
މިހާރު އެމްޑީޕީގެ އެޑްވައިޒަަރުގެ މަގާމުގައި ހުންނެވި ސޯލިހް ވިދާޅުވި ގޮތުގައި މިއަދު ހަވީރާ ހަމައަށް ބަލާއިރު، ޕްރައިމަރީގައި ވޯޓުލާން ނުކުތް މެންބަރުންގެ އަދަދު ނިސްބަތުން މަދެވެ. އުންމީދަކީ ބާކީ އޮތް ވަގުތުތަކުގައި ވޯޓުލާން ނުކުންނަ މީހުން އިތުރުވެގެން ދިޔުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުގެ އެދުމަކީ، އިންތިހާބު ނިމުނީމަ [ޕާޓީގެ] އެންމެ އެކީގައި މަސައްކަތް ކުރުން،" ސޯލިހް އިތުރަށް ވިދާޅުވި އެވެ.
ފާހަގަކުރެވޭ - މިއަދު މެންދުރު 2:30ގައި ފަށައިގެން މިރޭ 8ގެ ނިޔަލަށް ވޯޓުލުން ކުރިއަށް ގެންދާ މި ޕްރައިމަރީގައި އެންމެ ވާދަވެރިކޮށް އޮތީ މާލޭ މޭޔަރުކަމުގެ ޓިކެޓެވެ. އެ މަގާމަށް ވާދަ ކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ