އެމްޑީޕީގެ ވާދަވެރި ޕްރައިމަރީގެ ވޯޓުލުން ނިންމައިލައިފި

އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބުގައި އިދިކޮޅު އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިރޭ ވަގުތު ހަމަވުމާ އެކު ނިންމައިލައިފިއެވެ. ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީ ފެށީ މިއަދު މެންދުރުފަހު 14:30 ގައެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދިޔައީ މިރޭ 20:00އާ ހަމައަށެވެ. ވޯޓުލުން ނިންމައިލިއިރު، އެއްވެސް ހަމަނުޖެހުމެއް މިހާތަނަށް ހިނގިކަން އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ. ސުލްހަވެރިކަމާއެކު ވޯޓުލުން ކުރިއަށްދިޔައިރު ގިނަ މެންބަރުތަކެއް ވޯޓުލާން ވެސް މަރުކަޒުތަކަށް ދިޔައެވެ. އޭގެ ތެރޭ އެ ޕާޓީގެ އިސް ބޭފުޅުން ވެސް ހިމެނެއެވެ. އެމްޑީޕީ ޕްރައިމަރީގައި މާލޭގައި ރަށްރަށުގެ ފޮށިތައް އެންމެ ގިނައިން ހުރީ މަޖީދިއްޔާ ސުކޫލުގައެވެ. އެގޮތުން 18 ވޯޓު ފޮށްޓެއް ހަމައެކަނި މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި އެބަހުއްޓެވެ. މަޖީދިއްޔާ ސްކޫލުގެ އިތުރުން މާލޭގައި ދެން ފޮށިތައް ހުރީ އިސްކަންދަރު ސްކޫލާއި ހިރިޔާ ސްކޫލާއި ގަލޮޅު މަދަރުސާގައެވެ. ވިލިމާލޭގެ ފޮށި މުޙްޔިއްދީން ސްކޫލުގައި ހުރިއިރު، ހުޅުމާލެ މެދާއި ދެކުނު ދާއިރާތަކުގެ ފޮށިތައް ޣާޒީ ސްކޫލުގައި، އަދި ހުޅުމާލޭ އުތުރު ދާއިރާގެ ފޮށި ހުރީ ކާމިލު ދީދީ ސްކޫލުގައެވެ. މި ނިމުނު ޕްރައިމަރީގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށެވެ. އެއްކޮޅުން ވާދަކުރައްވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް ޢާޒިމެވެ. އަދި އަނެއްކޮޅުން ވާދަކުރައްވަނީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. ގިނަ ބަޔަކު އިންތިޒާރުކުރަނީ ނަތީޖާ ނިކުންނާނެ ގޮތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ