އެމެރިކާއާއެކު ސުލްހައަށް ނުވަތަ މަޝްވަރާއަށް އެދިފައެއް ނުވާނެ: އީރާނުގެ ޚާރިޖީ ވަޒީރު

އިސްރާއީލާއި އެމެރިކާއާ ދެކޮޅަށް ކުރިއަށްދާ ހަނގުރާމައިގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ނުވަތަ މަޝްވަރާކުރުމަށް އީރާނުން ދުވަހަކު ވެސް އެދިފައި ނުވާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ މިއަދު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، އީރާނުން އެއްބަސްވުމަކަށް އަންނަން ބޭނުންވާ ކަމަށާއި ނަމަވެސް ޝަރުތުތައް އަދި ރަނގަޅު ނޫން ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ. އެމެރިކާގެ ސީބީއެސް ނިއުސްގެ "ފޭސް ދަ ނޭޝަން" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަދައްކަވަމުން އަރާޤްޗީ ވިދާޅުވީ، އެމެރިކާއާ އެކު އިތުރަށް މަޝްވަރާކުރަން ޖެހޭ އެއްވެސް ސަބަބެއް އީރާނަށް ނުފެންނަ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ، އެމެރިކާއިން އީރާނަށް ހަމަލާދޭން ނިންމިއިރު ވެސް ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށްދާތީއެވެ. އެހެންކަމުން އެމެރިކާއާ އެކު ވާހަކަދެއްކުމަކީ އިތުބާރު ހުރި ކަމެއް ނޫން ކަމަށް އޭނާ ސިފަކުރެއްވިއެވެ. "މިއީ ރައީސް ޓްރަމްޕާއި އެމެރިކާއިން އަމިއްލައަށް އިޚުތިޔާރުކޮށްގެން ފެށި ހަނގުރާމައެއް. އަޅުގަނޑުމެންގެ އަމިއްލަ ދިފާއުގައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމުގައި ދެމިތިބޭނަން،" އަރާޤްޗީ ވިދާޅުވިއެވެ. މީގެ އިތުރުން، އީރާނަކީ ސާބިތުކަމާ އެކު އޮތް ވަރުގަދަ ގައުމެއް ކަމަށާއި މި ހަނގުރާމައަކީ އީރާނުގެ ވުޖޫދު ދެމެހެއްޓުމަށް ކުރާ ހަނގުރާމައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. ޓްރަމްޕްގެ ސަރުކާރުން ބުނަމުންދަނީ މި ހަނގުރާމަ އަދިވެސް މަހެއްހާ ދުވަހަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، އަރާޤްޗީގެ މި ބަޔާނާއެކު، ދެ ގައުމުގެ ދެމެދުގައި އަވަސް މުސްތަގުބަލެއްގައި ސުލްހައިގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު ކުޑަކަން ވަނީ ހާމަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ