އޮނަހިރި ރޭތަކުގައި ސަދަޤާތް ކުރަން އައި.އޭ.ސީގެ ހުރި އޮޕްޝަންތައް އެނގޭތަ؟

ރަމަޟާން މަހުގެ ފަހު ދިހައެއްގެ އޮނަހިރި ރޭތަކަކީ މަތިވެރިވެގެންވާ ރޭތަކެކެވެ.  މި ރޭތަކުގައި ގިނަގިނައިން ސަދަޤާތް ކުރުމަކީ އެދެވިގެންވާ ކަމަކަށްވާއިރު، އެކަމަށްޓަކައި ނުހަނު ފަސޭހަ މަގުތަކެއް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައި.އޭ.ސީ) އިން ވަނީ ފަހިކޮށްދީފައެވެ.
މިގޮތުން އައި.އޭ.ސީ އިން ކުރިއަށްގެންދާ މުހިންމު ޕްރޮޖެކްޓްތަކުގެ ތެރޭގައި "ތަޖްރީ" ޕްރޮޖެކްޓް ހިމެނެއެވެ. މިވަގުތު މި ޕްރޮޖެކްޓުގެ ދަށުން ޣައްޒާގައި ފެން ޕްލާންޓެއް ބިނާކުރުމަށާއި، ސްްރީލަންކާގައި އިސްލާމީ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް "ލޯތްބާއިއެކު" ޕްރޮޖެކްޓް ވަނީ ޚާއްޞަކުރެވިފައެވެ. މި ޕްރޮޖެކްޓުގެ ދަށުން ދުނިޔޭގެ 30 ޤައުމެއްގައި 1 ލައްކަ ބަތް ޕާރްސަލް އަދި ފުޑް ޕެކޭޖް ބެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މީގެ އިތުރުން، އާއިލާތަކާއި ޔަތީމު ކުދިން ބެލެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް "ސްޕޮންސާރ ޕްރޮގްރާމް" އާއި، ފެންވަޅު ބިނާކުރުމާއި މިސްކިތް ބިނާކުރުން ފަދަ ދެމިގެންދަނިވި ސަދަޤާތް (ޞަދަޤާތުލް ޖާރިޔާ) ކުރުމުގެ ފުރުޞަތު ވެސް ވަނީ ހުޅުވާލެވިފައެވެ.
ވަކިން ޚާއްޞަކޮށް، މިވަގުތު ދަތި ހާލުގައި ތިބި ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ޚާއްޞަ ޕްރޮޖެކްޓްތަކެއް ވެސް އެ ޖަމްޢިއްޔާއިން ދަނީ ހިންގަމުންނެވެ.
އެހީ ފޯރުކޮށްދިނުމަށް ފައިސާ ޖަމާކުރާނެ އެކައުންޓް ނަންބަރުތަކަކީ:
ތަޖްރީ ޕްރޮޖެކްޓަށް (ބޭނުން އަދަދަކުން ޞަދަގާތް ކުރެވޭނެ): 7770000062742
ލޯތްބާއިއެކު ޕްރޮޖެކްޓަށް: 7770000062740
ޣައްޒާ އެމެޖެންސީއަށް: 7770000062741
ސްޕޮންސާރ ޕްރޮގްރާމާއި، ފެންވަޅު އަދި މިސްކިތް ބިނާކުރުމުގެ މަޢުލޫމާތު ހޯއްދެވުމަށް 9458822 އަށް ގުޅުއްވުމަށް އައި.އޭ.ސީ އިން އެދެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 9122121 އަށް ގުޅުއްވުމަށް އެ ޖަމްޢިއްޔާއިން އެދެއެވެ.
އައި.އޭ.ސީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެހީއަށް ބޭނުންވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމިއްޔާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ