މިރޭ މުޅި އިރާން ހިފައި ސުންނާފަތިކޮށްލައިފާނެ ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވައިފި
އެމެރިކާއިން ބޭނުންވާ ގޮތަށް ހަނގުރާމަ ހުއްޓާލުމަށް އީރާނުން އެއްބަސްނުވެއްޖެނަމަ، އެއް ރެއިން މުޅި އިރާނު ހިފައި ސުންނާފަތި ކޮށްލެވިދާނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ އީރާނުން ދޫނުދީފިނަމަ، އީރާނުގެ މަދަނީ އިންފްރާސްޓްރަކްޗަރަށް އަންގާރަ ދުވަހުގެ ރޭގަނޑު 8:00 ޖަހާއިރު (ޖީއެމްޓީ ގަޑިން 12 ޖަހާއިރު) ހަމަލާދޭނެ ކަމަށެވެ. "އެއް ރެއެއްގެ ތެރޭގައި މުޅި ގައުމު ހިފޭނެ. އެރެއަކީ ފަހަރެއްގައި މިރޭ،" ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. "އެއްބަސްވުމެއް ނެތް ނަމަ، އަޅުގަނޑުމެންގެ ޕްލޭނެއް އެބައޮތް، އަޅުގަނޑުމެންގެ އަސްކަރިއްޔާގެ ބާރުގެ ސަބަބުން، މާދަމާ ރޭ 12 ޖަހާއިރު އީރާނުގެ ކޮންމެ ބްރިޖެއް ނައްތާލެވޭނެ. އީރާނުގެ ކޮންމެ އިންޖީނުގެއެއް ހުއްޓި، އަނދާ، ގޮވައި، ދެން ދުވަހަކު ވެސް ބޭނުން ނުކުރެވޭނެ،" ޓްރަމްޕް ވިދާޅުވިއެވެ. ހަމަލާދީފިނަަމަ، އަލުން އާރާސްތު ކުރަން 100 އަހަރު ނަގާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އެެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވެސް ވަނީ ކުރިއަށް ހުރި ވަގުތުތަކަކީ އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިފަހުން ހަމަލާތައް އެންމެ ވަރުގަދަޔަށް ދޭނެ ވަގުތުތައް ކަމުގައި ވިދާޅުވެފައެވެ. "ރައީސްގެ އިރުޝާދުގެ ދަށުން ކުރިއަށް ހުރި ވަގުތުތަކުގައި ހަމަލާތައް ވަރަށް ވަރުގަދަވާނެ. މާދަމާ އަދި މިއަށްވުރެ ވަރުގަދަ ވާނެ،" އޭނާ ވިދާޅުވިއެވެ. ހެގްސެތު ވިދާޅުވީ އީރާނަށް "އިޚްތިޔާރެއް" އެބަ އޮތް ކަމަށާއި، ބުއްދިވެރިކަމާއެކު އިޚްތިޔާރު ކުރުމަށް ގޮވައިލާ ކަމަށެވެ. ހަނގުރާމައިގައި އެމަނިކުފާނަަށް އިތުބާރު ކުުރުމަށް އެމެރިކާ ރައްޔިތުންނަށް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ. ޓްރަމްޕް އެގޮތަށް އިންޒާރު ދެއްވާފައި ވަނީ ހަނގުރާމަ ހުއްޓާލުމަށް އެެމެރިކާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުން ދެކޮޅު ހަދައި، އޭގެ ބަދަލުގައި ހަނގުރާމަ ދާއިމީކޮށް ނިމުމަކަށް ގެނައުމަށް ގޮވާލާ ދިހަ ނުކުތާގެ ހުށަހެޅުމެއް ހުށަހެޅުމުންނެވެ. ޕާކިސްތާން މެދުވެރިކޮށް އީރާނުން ފޮނުވި ހުށަހެޅުމުގައި ސަރަހައްދުގެ ހުރިހާ ހަމަނުޖެހުންތަކެއް ނިމުމަކަށް ގެނައުމާއި ހޮރްމުޒް ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރާ ޕްރޮޓޮކޯލެއް އެކުލަވާލުމާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި އީރާން އަލުން އާރާސްތުކުރަން ވައުދުވުން ހިމެނޭ ކަމަށް އީރާންގެ ރަސްމީ ނޫސް އޭޖެންސީ، އައިއާރްއެންއޭ އިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ