"ފްލެޓަށް ބަދަލުވާއިރު އުފެދޭ ކުނި އުކާލަންޖެހޭނީ ވެރިން، ތަކުރާރުކޮށް ގަވައިދާ ޚިލާފުވާނަމަ އެއްބަސްވުން ބާތިލްކުރާނަން"

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ފުލެޓުތަކުގައި ކުނިބުނި އެއްވަނީ ފުލެޓުތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ގަވައިދާ ޚިލާފަށް ދުވަހު އުކާލާ ކުނީގެ ތެރެއަށް ބޮޑެތި ކުނިތައް އަޅާތީ ކަމަށާއި، އެ ފަރާތްތައް ޖޫރިމަނާކޮށް، ފުލެޓު އެއްބަސްވުމުގައިވާ ފިޔަވަޅުތައް އަޅާނެ ކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މިރޭ ބުނެފިއެވެ. ފަހި ފުލެޓުތަކުގެ އިތުރުން، އެހެން ފުލެޓުތަކުގެ ތިރީގައި ވެސް ދޭތެރެއަކުން އާންމުން ބައެއް ފަހަރު ކުނިބުނި ބަހައްޓައެވެ. އެގޮތަށް ބަހައްޓާ ބައެއް ކުނިބުނީގައި އަލިފާން ރޯވެ، އަލިފާނުގެ ބައެއް ހާދިސާތައް ވެސް އެކިފަހަރު މަތިން ހިނގާފައިވެއެވެ. އަދި ބައެއް ފަރާތްތަކުން އެ ފަރާތްތައް ދިރިއުޅޭ ފުލެޓުތަކުގެ ބޭރުގައިވެސް ކުނިބުނި ބަހައްޓައިފައި ހުރެއެވެ. މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް ވިދާޅުވީ، ފުލެޓުތަކަށް އެ ތަންތަނުގެ ވެރިން ބަދަލުވާއިރު އުފެދޭ ބޮޑެތި ކުނިބުނި ނުވަތަ ބަލްކް ވޭސްޓް އުކާލުމަކީ ފުލެޓުވެރިންގެ ޒިންމާއެއް ކަމަށް، އެ ފަރާތްތަކާ ދެމެދު ވެވޭ އެއްބަސްވުމުގައި އޮންނަ ކަމަށެވެ. "އެކަމަކު ބައެއް ފަރާތްތަކުން ގަވައިދާ ޚިލާފަށް ޑެއިލީ ވޭސްޓް އަޅާ ތަންތަނަށް ވެސް މި އަޅާލަނީ ބަލްކް ވޭސްޓް، އަޅާލާފައި އެ އެއްޗެހި ޑިސްޕޯސްނުކުރޭ، އެހެން ހެދީމައިވާ ގޮތަކީ ކުނި އެއްވަނީ،" ޙަމްދާން ވިދާޅުވިއެވެ. އެ ކުނިތައް ވެސް އުކާލަމުން އަންނަ ކަމަށް ޙަމްދާން ވިދާޅުވިއެވެ. ޙަމްދާން ވިދާޅުވީ އެގޮތަށް ގަވައިދާ ޚިލާފަށް ކުނި އުކާލާ ފަރާތްތަކަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި، އެގޮތުން ފުލެޓު އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގަވައިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ތަކުރާރުކޮށް ގަވައިދާ ޚިލާފުވާ ފަރާތްތަކާއެކު ހަދާފައިވާ ފުލެޓު އެއްބަސްވުން ބާތިލްކުރެވޭނެއެވެ. ބޮޑެތި ކުނިބުނި އުކާލަން އެތައް ގުނައެއް ޚަރަދުވާނެކަން ފާހަގަކުރައްވައި ޙަމްދާން ވިދާޅުވިގޮތުގައި، އާންމުކޮށް އުފެދޭ ދުވަހު ކުނިބުނި ފަސޭހައިން އުކާލެވޭނެ އިންތިޒާމު ފަހި ފުލެޓުތަކުގައި ހަމަޖެހިފައިވާނެއެވެ. "އެކަމަކު މޫވްއިން ކުރާއިރު މި އުފެދޭ ބޮޑެތި ފޮށިގަނޑު، ޕްލާސްޓިކް، ދަގަނޑު، ލަކުޑި، މި އެއްޗިއްސަކީ އަޅުގަނޑުމެންނަށް އުކާލެވޭނެ އެއްޗިއްސެއްނޫން، އެއީ ޓެނަންޓުގެ ޒިންމާއެއް،" އޭނާ ވިދާޅުވިއެވެ. ކުނިބުނި އުކާލާއިރު، އާންމުންވެސް އެކަމުގައި ޒިންމާދާރުވާންޖެހޭކަން ޙަމްދާން ފާހަަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ