އިޓަލީން އިސްރާއީލާއެކު ހަދާފައިވާ ދިފާއީ އެއްބަސްވުން ބާތިލުކޮށްފި

އިޓަލީން އިސްރާއީލާއެކު ވެފައިވާ, އަސްކަރީ ސާމާނާއި ޓެކްނޮލޮޖީގެ ދިރާސާތައް ބަދަލުކުރުމާ ގުޅޭ ދިފާއީ އެއްބަސްވުން އިޓަލީން ބާތިލުކޮށްފައިވާ ކަމަށް ބޮޑުވަޒީރު ޖޯޖާ މެލޯނީ ވިދާޅުވެއްޖެއެވެ. އިސްރާއީލުން 2006 ވަނަ އަހަރު ފާސްކުރި މި އެއްބަސްވުން ކޮންމެ ފަސް އަހަރަކުން އޮޓޮމެޓިކުން އާވެއެވެ. އެގޮތުން ދިފާއީ ސިނާއަތްތަކުގެ ތެރެއިން އެއްބާރުލުން ދިނުމާއި، އަސްކަރީ މުވައްޒަފުންނަށް ތައުލީމާއި ތަމްރީނު ދިނުމާއި، ރިސާޗް އެންޑް ޑިވެލޮޕްމަންޓާއި، އިންފޮމޭޝަން ޓެކްނޮލޮޖީން އެހީތެރިވުމަށް އެއްބަސްވުމުގައި ވެއެވެ. މެލޯނީގެ ކަނާތުފިޔައިގެ ސަރުކާރަކީ ޔޫރަޕްގައި އޮތް އިސްރާއީލާ އެންމެ ގާތް ސަރުކާރު ނަމަވެސް ފާއިތުވި ހަފުތާތަކުގައި އިސްރާއީލުން ލުބުނާނަށް ދޭ ހަމަލާތައް އިޓަލީން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އިޓަލީގެ އެ ނިންމުމާ ގުޅިގެން އިސްރާއީލުން މިހާތަނަށް އެއްްވެސް އެއްޗެއް ބުނެފައެއްނުވެއެވެ. ލުބުނާނުގައި ތިބި އިޓަލީގެ ސުލްހަ ބެލެހެއްޓުންތެރިންގެ ކޮންވޯއީއަކަށް އިސްރާއީލުގެ ސިފައިން ހަމަލާދީފައިވާ ކަމަށް އިޓަލީ ސަރުކާރުން ތުހުމަތު ކުރުމުން ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަސްވަސްކަން ވަނީ އިތުރުވެފައެވެ. އެކަމާ ގުޅިގެން އިޓަލީން ވަނީ އެ ގައުމުގައި ހުރި އިސްރާއީލުގެ ސަފީރުވެސް ހާޒިރުކޮށްފައެވެ. އެ ހަމަލާތައް ކުށްވެރިކޮށް އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޖާނީ ވާހަކަފުޅު ދެއްކެވުމުން އިސްރާއީލުން ވަނީ އިޓަލީގެ ސަފީރުވެސް ހާޒިރުކޮށްފައެެވެ. ބޮޑުވަޒީރުގެ ނައިބުގެ މަގާމުވެސް އަދާކުރައްވާ ތަޖާނީ ވަނީ މިދިޔަ ހޯމަ ދުވަހު ބެއިރޫތަށް ވަޑައިގަންނަވާފައެވެ. ލުބުނާނަށް ވަޑައިގެންނެވީ ލުބުނާނުގެ ރައީސް ޖޯސެފް އައުން އާއި ޚާރިޖީ ވަޒީރު ޔޫސުފް ރަގީއާ އެކު މަޝްވަރާ ކުރެއްވުމަށް ތަޖާނީ ވިދާޅުވިއެވެ. ނަމަވެސް ފަހުން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތަޖާނީ ވިދާޅުވީ ލުބުނާނަށް ވަަޑައިގަތީ އިސްރާއީލުން އެ ގައުމުގެ އާންމުންނަށް ދޭ ބަލައިނުގަނެވޭ ހަމަލާތަކާ ގުޅިގެން ކަމަށެވެ. ސްޓޮކްހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (ސިޕްރީ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިޓަލީއަކީ ތިން ވަނައަށް އެންމެ ގިނައިން އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓްކުރާ ގައުމެވެ. އެމެރިކާއާއި ޖަރުމަނަކީ އެންމެ އިސްރާއީލަށް ގިނަ އަދަދަކަށް ހަތިޔާރު އެކްސްޕޯޓުކުރާ ދެ ގައުމެވެ. އިސްރާއީލުން ޣައްޒާގައި ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޔޫރަޕްގެ ބައެއް ގައުމުތަކުން ވަނީ އިސްރާއީލަށް ހަތިޔާރު އެކްސްޕޯޓުކުރުން ހުއްޓާލާފައެވެ. އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 72،330 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޯބަރު 10ގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިފަހުން ޝަހީދުކޮށްލި 757 މީހުންވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ