ރަތްމަންދޫ އާއި ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) މެމްބަރުކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފިއެވެ.
މިދިޔަ އޭޕްރިލް މަހު ބޭއްވި ޑަބްލިއުޑީސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި މި ދެ ރަށުގެ އެ ކޮމެޓީއަށް އިންތިހާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައިނުވާތީ، މި ދެ ރަށުގައި ބާއްވަންޖެހޭ އިންތިހާބު ޖޫން 20 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން ވިދާޅުވީ، މި ދެ ރަށުގެ ޑަބްލިއުޑީސީގެ ކޮމިޓީތަކަށް އިންތިހާބުކުރަންޖެހޭ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ މީހުންނަށް މެއި 18 ވަނަ ދުވަހުގެ 15:00 އާ ހަމައަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 ން މެންދުރުފަހު 15:30 އާ ހަމައަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 15:30 އިން ހަވީރު 18:00 އާ ހަމައަށް ފޯމު ހުށަހެޅޭނެ ކަމަށްވެސް އެ ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.
މި ދެ ރަށުގައި އިންތިހާބުކުރަންޖެހޭ މަގާމުތަކުގެ ތެރޭގައި ރަކީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ މަގާމަށް އެއް މެންބަރު ހިމެނެއެވެ.
ރަތްމަންދޫއަށް ބަލާއިރު، އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށް އެއް މެންބަރު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުގެ މަގާމަށް ދެ މެންބަރުން އިންތިހާބު ކުރަންޖެހެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައިވާގޮތުގައި، މި އިންތިހާބުގެ ވޯޓު ނެގުން ކުރިއަށްދާނީ ޖޫން 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 16:00 އާ ހަމައަށެވެ.
ރަތްމަންދޫ އާއި ރަކީދޫ ޑަބްލިއުޑީސީ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ