ޙާލުގައި ޖެހިފައިވާ ޣައްޒާގެ ނިކަމެތި ރައްޔިތުންނަށް އެހީތެރިވުމަށް ޣައްޒާއަށް ދަތުރުކުރި ޞުމޫދު ފްލޮޓިއްލާގެ ދެ ބައިވެރިން ވަގަށް ނަަގައި ޔަހޫދީ ކޯޓަކަށް ހާޒިރުކޮށްފިއެވެ.
ސްޕެއިންގެ ރައްޔިތެއް ކަމަށްވާ ސައިފް އަބޫ ކެޝެކްއާއި ބްރެޒިލްގެ އެކްޓިވިސްޓެއް ކަމަށްވާ
ޗީއާގޯ އަވީލާ ހިމެނޭ ގޮތަށް ގްލޯބަލް ސުމޫދު ފްލޮޓިއްލާގެ ދަށުން ޣައްޒާއަށް ދަތުރުކުރަމުން ދިޔަ ގިނަ ޢަދަދެއްގެ އެކްޓިވިސްޓުން ވަނީ ޔަހޫދީންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެއީ އޭޕްރިލް މަހުގެ 30ވަނަ ދުވަހު، ގްރީސްގެ ބޭރުން އޮންނަ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުންނެވެ. ފްލޮޓިއްލާގެ 168 ބައިވެރިން ވަނީ ގްރީސްގެ ރަށެއް ކަމަށްވާ ކްރީޓަށް ގެންގޮސްފައެވެ. ނަމަވެސް އަބޫ ކެޝެކްއާއި އަވީލާ ވަނީ ސުވާލުކުރުމަށް ޔަހޫދީ ދައުލަތަކަށް ގެންގޮސްފައެވެ.
ޔަހޫދީންގެ ކޯޓުން ވަނީ އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ދެ ދުވަހަށް އިތުރުކޮށްފައެވެ. ނަމަވެސް އެ މީހުންނާ ދެކޮޅަށް މިހާތަނަށް ރަސްމީކޮށް ދައުވާ އުފުލާފައެއް ނުވެއެވެ. އަވިލާއާއި އަބޫ ކެޝެކްއާ ދެކޮޅަށް ޔަހޫދީން ކުރާ ތުހުމަތުތަކުގެ ތެރޭގައި ނިރުބަވެރި ޖަމާޢަތަކާ ގުޅުން ބޭއްވުމާއި، ބޭރުގެ އޭޖެންޓުންނާ މުޢާމަލާތުކުރުން ހިމެނެއެވެ.
ކޯޓުގައި އަބޫ ކެޝެކްއާއި އަވީލާ ތަމްސީލުކުރާ ޤާނޫނީ ވަކީލުން ބުނީ އެ ދެ މީހުންނާ ދެކޮޅަށް ތުހުމަތުތަކެއް ކޮށް ކޯޓަށް ގެންގޮސްފައި ވަނީ އެ ކަމަށް ބާރުދޭ އެއްވެސް ޤާނޫނީ ސަބަބެއް ނެތި ކަމަށެވެ. އެހެން ޤައުމުތަކަށް ނިސްބަތްވާ އެކްޓިވިސްޓުންތަކެއް ޙަރަކާތްތެރިވަމުން ދިޔައީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުގައި ކަމަށާއި މި ޙާލަތުގައި ޔަހޫދީންނަށް އެ މީހުންގެ ޤަނޫނު ތަންފީޒު ނުކުރެވޭނެ ކަމަށް ވަކީލުން ވަނީ ފާހަގަކޮށްފައެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ އެކްޓިވިސްޓުންގެ ތެރެއިން އެންމެ އިސްކޮށް ޙަރަކާތްތެރިވާ މީހުންނަށް ގެއްލުން ދިނުމުގެ މަޤްޞަދުގައި ކަމަށް ވެސް ވަކީލުން ބުނެފައިވެއެވެ.
ސްޕެއިންއިން ވަނީ ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުން އެ ޤައުމުގެ ރައްޔިތަކު ޔަހޫދީން ވަގަށް ނެގުން ކުށްވެރިކޮށް، އޭނާއާ ދެކޮޅަށް ކުރާ ތުހުމަތުތައް ބަލައިނުގަންނަ ކަމަށް ބުނެފައެވެ.
އަބޫ ކެޝެކްއާއި އަވިލަ ތަމްޞީލްކުރާ ވަކީލުން ވަނީ އެ މީހުން ބަންދުކޮށްފައި ތިބި ޔަހޫދީންގެ ޝިކްމާ ޖަލަށް ޒިޔާރަތްކޮށްފައެވެ. އެ ޖަލުގައި އެ މީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާތައް ދީފައިވާ ކަމަށް އެކްޓިވިސްޓުން ވަނީ ބުނެފައެވެ. މިއީ ބައިނަލްއަޤްވާމީ ޤަނޫނާ ޚިލާފު ޢަމަލެއް ކަމަށް ވަކީލުން ވަނީ ފާހަގަކޮށްފައެވެ. ވަކީލުން ބުނީ ޔަހޫދީ އަސްކަރިއްޔާއިން އަވީލާ ބަނޑުން ބާއްވައި ބިންމަތީގައި ދަމާ، އޭނާ ހޭނެތޭ ވަރަށް އެކި ފަހަރުމަތިން އަނިޔާކޮށްފައިވާ ކަމަށެވެ. އޭނާގެ މޫނުމަތިން އަނިޔާކޮށްފައިވާ ކަމުގެ ސާފު ނިޝާންތައް ފެންނަ ކަމަށް ވެސް ބުނެފައިވެއެވެ. ޔަހޫދީ ޖަލުގައި ހުރި ވަގުތު އޭނާ ބަހައްޓާފައި ވަނީ ކަނުބަނދެ، އެކަހެރިކޮށްފައެވެ.
އަބޫ ކެޝެކް ވެސް ބަންދުގައި ބަހައްޓާފައި ވަނީ ދެ އަތް ބަނދެ ކަނު ބަނދެފައި ކަމަށް ވަކީލުން ފާހަގަކުރެއެވެ. އަދި ބިންމަތީގައި ބަނޑުން އޮތުމަށް މަޖުބޫރުކޮށްފައިވާ ކަަމަށް ވެސް ބުނެފައިވެއެވެ. ދެ އެކްޓިވިސްޓުން ދަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންނެވެ.
ދެ އެކްޓިވިސްޓުން ވަގަށް ނަގައި، ޔަހޫދީންގެ ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ