ވިޔަފާރިވެރިޔާ އިބްރާހިމް ނޫރައްދީންގެ ތާއީދު މީކާއީލްއަށް

އެމްއޭސީލްގެ ބޯޑުގައި އިންނަވައިގެން ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ވިޔަފާރިވެރިޔާ އިބްރާހިމް ނޫރައްދީން ކުރިއަށް އޮތް އެމްޑީޕީ ޕްރައިމަރީގައި މީކާއީލް އަހްމަދު ނަސީމަށް ތާއިދުކުރަން ނިންމައިފިއެވެ.
އިބްރާހިމް ނޫރައްދީން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މިކާއިލް ނަސީމްގެ ލީޑަރޝިޕްގެ ދަށުން، ޕާޓީގެ އިސްވެރިންނާއި މެންބަރުންގެ މަޝްވަރާއާއެކު، ދެފުށް ފެންނަ ޓީމެއް މަސައްކަތް ކުރާނެކަމާމެދު އެއްވެސް ވަރަކަށް ޝައްކެއް ނުކުރާކަމަށާއި ޕާޓީއަށާއި ގައުމަށް ގެއްލުންވާނެ ފަދަ އަމިއްލަ ނިންމުންތައް ކުއްލި ގޮތަކަށް އޭނާ ނުނިންމަވާނެކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. "އަޅުގަނޑު މިހުރީ ސަތޭކަ އިންސައްތަ ތިޔަބޭފުޅާއާއެކުގައެވެ." އިބްރާހިމް ނޫރައްދީން ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެމްއޭސީއެލްގެ ބޯޑަށް އިބްރާހިމް ނޫރައްދީން އައްޔަން ކުރުމުން އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ) އެމްއޭސީއެލް އަށް ގެއްލޭނެ ގޮތައް ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދިނުމަށް އިބްރާހިމް ނޫރައްދީން ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެމްއޭސީއެލް އިން މުޅި ޓާމިނަލް އޮޕަރޭޓްކޮށްފި ނަމަ ނުވަތަ މާކެޓްގެ އަގުގައި ތަން ކުއްޔަށް ދޫކޮށްފި ނަމަ، އަހަރަކު 47 މިލިއަން ޑޮލަރު (729 މިލިއަން ރުފިޔާ) ލީބޭނެ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަ ކުރިނަމަވެސް އެގޮތައް ޓާމިނަލް ދޭން އިބްރާހިމް ނޫރައްދީން ދެކޮޅު ހެދިއެވެ.
މިހާރު އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ލަތީފު 2020 ވަނަ އަހަރު މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވީ ބޯޑު މެންބަރަކަށް އިބްރާހިމް ނޫރައްދީން އައްޔަން ކުރުމުން އޭނާ ކުންފުނީގެ ހިންގުމުގެ ކަންކަމުގެ ތެރެއަށް ވަދެވަޑައިގެން ޑޭ ޓޫ ޑޭ އޮޕަރޭޝަން ހިންގުމުގައި ބައިވެރިވި ވަކިވަކި މުވައްޒަފުންނަށް ވެސް އަމުރުތައް ކުރައްވަމުން ގެންދެވި ކަމަށެވެ.
މުޖުތަބާ ވިދާޅުވި ގޮތުގައި ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ވަޒީފާއިން ވަކިކޮށްލާނެ ކަމަށް ވިދާޅުވެ ދެ ފަހަރެއްގެ މަތިން އިބްރާހިމް ނޫރައްދީން އޭނާއަށް އިންޒާރު ދެއްވިއެވެ.
އިބްރާހިމް ނޫރައްދީނަކީ ރިސޯޓް ވިޔަފާރިވެރިޔެކެވެ. ކާސާ ހޯލްޑިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭނާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ