ނ. އަތޮޅު ރަށެއްގެ މީހެއްގެ މައްޗަށް ތުހުމަތު ކުރެވުނު ކުޑަކުއްޖެއްގެ ބަރަހަނާ ފޮޓޯ ލީކުކުރާނެ ކަމަށް ބުނެ ބިރު ދައްކައި ބްލެކްމެއިލް ކުރި މައްސަލައިގަ، އެރަށު މެޖިސްޓްރޭޓް ކޯޓުން އޭނާ ދޫކޮށްލީ ގާނޫނާއި ޚިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
2025 ވަނައަހަރުގެ ޑިސެމްބަރު މަސްތެރޭގައި، ނ. އަތޮޅު ރަށެއްގެ ފިރިހެނަކު، ކުޑަކުއްޖެއްގެ ބަރަހަނާ ފޮޓޯ ލީކުކުރާނެ ކަމަށް ބުނެ ބްލެކްމެއިލް ކުރި ހާދިސާއަކާ ގުޅިގެން، ނ. އަތޮޅު ރަށެއްގެ މީހަކު ހައްޔަރުކޮށް، ހަތަރު ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ. އެހެންނަމަވެސް، ޝަރިއަތް ނިމެންދެން ބަންދު ކޮށްދިނުމަށް ދައުލަތުން އެދުމުން، އެ ރަށު މެޖިސްޓްރޭޓް ކޯޓުން ނިންމީ އޭނާ ދޫކޮށްލާށެވެ.
މި މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން އަގުލަބިއްޔަތުން ނިންމީ އޭނާ ބަންދުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ފަސް ދުވަހުގެ ތެރޭގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށްވަނީ އަމުރުކޮށްފައެވެ.
މިމައްސަލ؛ައިގައި ތުހުމަތު ކުރެވޭ މީހާ ހައިކޯޓުގައި ބުނީ މި މައްސަލައިގައި ހިމެނޭ މައިގަނޑު ހެކިތަކަކީ ފޮރެންސިކް ހެކިތަކެއްކަމަށާއ،ި އެ ހެކިތައް ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށެވެ. ދައުވާ ވެސް ހުށަހެޅިފައިވުމާއެކު ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލެއް ނެތް ކަމަށް ދަށުކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށާއި ޝަރުތުކޮށް ބަންދުން ދޫކޮށްލާފައިވާއިރު މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ބެލެވުމުގެ އިހުތިމާލެއް ވެސް ނެތް ކަމަށާއ،ި މުޖުތަމަޢުއަށް ނުރައްކާވާ މީހެއްކަމަށް ހަމައެކަނި ބުނާބުނުމަކުން ނުފެދޭ ކަމަށެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ބަންދުން ދޫކޮށްލާނަމަ ނުވަތަ އިތުރަށް ބަންދުގައި ނުބަހައްޓަން ނިންމާނަމަ ކުރިން ބަންދުކުރި ހާލަތު ޤާނޫނީގޮތުން ބަދަލުވިކަން ފަނޑިޔާރަށް ޤަބޫލުކުރެވުނުގޮތް ސަބަބުތަކާއެކު އިޖުމާލީގޮތެއްގައި ނަމަވެސ،ް ބަންދުން ދޫކޮށްލުމަށް ނެރޭ ކޯޓު އަމުރުގައި ފަނޑިޔާރު ބަޔާންކުރަންވާނެ ކަމަށެވެ.
ބަންދު މުރާޖަޢާ ކުރާއިރު ހާލަތު ބަދަލުވެފައިވޭތޯ ބެލުމުގައި ފުރަތަމަ ބަންދުކުރިއިރު ވުޖޫގައި އޮތް ކަމަށް ހަވާލާދިން ހާލަތަށް ބަދަލު އައިސްފައިވޭތޯ ބަލަންޖެހޭނެ ކަމާއި ކުޑަކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތު އެޅިފައިވާ މީހަކު، ކުއްޖާ ދިރުއުޅޭ މާހައުލަށް ނުވަތަ ކުޑަކުދިން ދިރިއުޅޭ މާހައުލަކަށް ދޫކޮށްލަންވާނީ ބަންދުކުރި ހާލަތަށް ބަދަލު އައިސްފައިވާކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ އެ ހާލަތުތަކަށް ބަދަލު އައިސްފައިވާގޮތް ފަނޑިޔާރުގެ ނިންމުމުގައި ސާފުކޮށް ބަޔާންކުރުމަށް ފަހުގައިކަމަށް ސުޕްރީމް ކޯޓުން ވެސް ކުރިން ކަނޑައަޅުއްވާފައިވާކަން ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.
މިމައްސަލާގައި ދަށު ކޯޓަށް ހުށަހަޅާފައިހުރީ ފޮރެންސިކް އަދި ޑިޖިޓަލް ހެކިތަކެއް އެކަންޏެއް ނޫންކަމާއ،ި ޝަފަވީ ހެކި ހުށަހެޅިފައިވާކަމާމެދު ޚިލާފެއް ނެތްކަން ފާހަގަކޮށް ހައިކޯޓުގެ ހުކުމުގައި ވަނީ މި މައްސަލާގައި ދައުލަތުގެ ކަންބޮޑުވުމަކީ ޝަފަވީ ހެއްކަށް ފުނޫޒު ފޯރުވުމުގެ އިޙްތިމާލު އޮތް އޮތުމެވެ. ޑިޖިޓަލް އީޖާދު ކުރިއަރާފައިވާ ޒަމާނެއްގައ،ި އަދި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ކުށް ކޮށްފައިވާކަމަށް ތުހުމަތުކުރެވި ދައުވާކުރެވިފައިވާ މައްސަލައަކާ ގުޅިގެން ބަންދާ މެދު ގޮތެއް ކަނޑައަޅާހިނދު ހެކިވެރިންނާ އެއް ރަށެއްގައި ދިރިނޫޅުމަކ،ީ ނުވަތަ ދުރު ހިސާބެއްގެ ރަށެއްގައި ދިރިއުޅުމަކީ ހެކިބަސްދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ނެތިގެން ދާ ސަބަބެއް ކަމަށް ސަބަބުވެރި ވިސްނުމަކުން ބަލާއިރު ގަބޫލުނުކުރެވޭ ކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.
ކުޑަކުއްޖެއްގެ ކަރާމަތާއި ޙައްޤުތަކާ ގުޅިފައިވާ މި ފަދަ ޚައްޞާޞީ މައްސަލައެއްގައި ދަޢުވާލިބޭ ފަރާތުގެ ކުށުގެ ރެކޯޑެއް ނެތުމާއި މުޖުތަމަޢުގައި އޭނާގެ އުޅުމާއި ވައްޓަފާޅި ވަޒަންކޮށްފައި ނުވުމަކީ އޭނާގެ ފަރާތުން މުޖުތަމަޢުގައި ދިރިއުޅޭ ކުޑަކުދިންނަށް ނުރައްކަލެއް ކުރިމަތި ނުވާނެކަމަށް ބަލަންޖެހޭ ޤަޠުޢީ ހުއްޖަތެއް ނޫންކަމަށް ވެސް ހުކުމުގައި ބުނެފައި ވެއެވެ.
ކުޑަކުއްޖަކު ބްލެކްމެއިލް ކުރި މީހާ ދޫކުރީ ގާނޫނާއި ޚިލާފަށް: ހައިކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ