އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ޕޮޕިއުލާ މޯލްޑިވްސް ކުންފުނީގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ބުނި ގޮތުގައި ފެބްރުއަރީ 2014 އިން އޮކްޓޫބަރު 2015 ގެ ނިޔަލަށް ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ޕޮޕިއުލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާ ކަމަށެވެ.
އެގޮތުން ޖުލައި 13، 2015 ގައި އެސްއޯއެފްގެ ޗެކެއް މެދުވެރިކޮށް 150,000 އެމެރިކާ ޑޮލަރު ޕޮޕިއުލާ މޯލްޑިވްސްގެ ބޭންކް އެކައުންޓަކަށް ޖަމާކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް އޭސީސީން ބުންޏެވެ. އެއީ ޑޮލަރު ގަނެވިއްކުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އަދި އެ ކޮމިޝަނުން ބުނި ގޮތުގައި މި ފައިސާގެ އަސްލު އޮޅުވާލައި، ފައިސާއާ ގުޅޭ ހައްގުތައް ސިއްރު ކުރުމަށާއި ފައިސާ ލިބުނު ގޮތް އޮޅުވާލުމަށް ޕޮޕިއުލާ މޯލްޑިވްސް އިން މަސައްކަތް ކޮށްފައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީީގެ ޕޯޓަލް އިން ދައްކާ ގޮތުގައި ޕޮޕިއުލާ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ތިބީ ރީޝަމް ރިޔާޒާއި ރައުޝަމް ރިޔާޒެވެ.
ތ. އޮޅުގިރިގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކާފައިވާ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަން ވެސް އޭސީސީގެ ތަހުގީގަށް ވަނީ ހޯދިފަ އެވެ. އޮޅުގިރި ކުއްޔަށް ދިނުމާގުޅޭ ގޮތުން ހަދާފައިވާ އެއްބަސްވުމުގައި، އެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 36 މަސް ދުވަހުގެ ތެރޭގައި އެ ރަށުގައި ރިސޯޓެއް ހަދައި، ތަރައްގީ ކުރަން ވާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި އެ ކަންތައްތައް ފުރިހަމަ ކޮށްފައި ނުވާ ނަމަ ލިކުއިޑޭޓެޑް ޑެމޭޖަސް ނެގުމުގެ އިހުތިޔާރާއި އެއްބަސްވުން ބާތިލު ކުރުމުގެ އިހުތިޔާރު ޓޫރިޒަމް މިނިސްޓްރީ އަށް ދީފައިވާ ކަމަށް ބަޔާންކޮށްފައިވެ އެވެ.
ނަމަވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަ ނުވާ ކަމަށް އޭސީސީން ބުންޏެވެ.
The most trusted news source in the Maldives
މަނީ ލޯންޑްރިންގެ ދައުވާ އުފުލުމާ އެކު، ޕޮޕިއުލާ މޯލްޑިވްސް އިން ހޯދާފައިވާ 150,000 އެމެރިކާ ޑޮލަރު އެ ދައުވާގެ ތެރެއިން ހޯދުމަށް އޭސީސީން ޕީޖީގައި އެދިފައިވެ އެވެ. އަދި އޮޅުގިރި ދައުލަތަށް އަނބުރާ ނެގުމަށް ޓޫރިޒަމް މިނިސްޓްރީ އަށް ފޮނުވަން ވެސް އޭސީސީން ނިންމާފައިވެ އެވެ.
މި މައްސަލައިގެ އިތުރުން ވެސް އެމްއެމްޕީއާރުސީއާ ގުޅޭ ގިނަ ސީރިއަސް މައްސަލަތަކެއްގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާ އެކު ކޮމިޝަނުން މަޝްވަރާ ކުރަމުންގެންދާ ކަމަށް އޭސީސީން ބުންޏެވެ. އޭގެ ތަފްސީލެއް ކޮމިޝަނުން ނުދެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އޭސީސީން ފަށާފައިވާ ތަހުގީގަކަށް ފަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޓޫރިޒަމަށް ރަށްތަކާއި ފަޅުތައް ނުއަގުގައި ވިއްކައިގެން ދައުލަތަށް 1.4 ބިލިއަން ރުފިޔާ ގެއްލިފައިވެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 14.6 މިލިއަން ރުފިޔާ، އެ ބޭނުންކުރި ފަރާތްތައް ހެއްކާއި ގަރީނާ އެކު ޝައްކެއް ނެތް މިންވަރަށް ހޯދިފައިވާ ކަމަށް މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހާމަކޮށްފައިވެ އެވެ.
އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުންފުންޏެއްގެ މައްޗަށް ދައުވާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ