ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަސް ޕާޓީގައި ހުންނާނަން: މީކާއީލް

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައިވިޔަސް، ޕާޓީއަށް ޚިދުމަތްކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށް އެ މަގާމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް މިއަދު ވިދާޅުވެއްޖެއެވެ. މީކާއީލްގެ އިތުރުން އެ މަގާމަށް ދެން ވާދަކުރައްވަނީ މީގެ ކުރިން ވެސް އެމްޑީޕީގެ ޗެއާޕާސަންކުރެއްވި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، އިބްރާހީމް މުޙައްމަދު (ވާޑު)އެވެ. އޭގެ ތެރެއިން އެންމެ ފޯރިއާ އެކު ކެމްޕެއިންކުރައްވަމުން ގެންދަވަނީ މީކާއީލާއި ނަޝީދެވެ. "އިތުބާރު" ކެމްޕެއިންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މީކާއީލް ވިދާޅުވީ، އިތުބާރު ކެމްޕެއިންގެ ފަރާތުން މާޅޮސްމަޑުލުގެ 19 ރަށަކަށް ދަތުރުކުރެވިއްޖެ ކަމަށާއި އެ ރަށްރަށުގައި ތިބި އެމްޑީޕީގެ މެންބަރުން އެދެނީ ޕާޓީ ބައިބައިނުވުމަށް ކަމަށެވެ. ނަޝީދުގެ ނަން ނުގެންނެވި ނަމަވެސް، މީކާއީލް ވިދާޅުވީ، ޗެއާޕާސަންގެ އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތަކުން "އަޅުގަނޑުމެންނާ ވާދަކުރައްވާ ކެންޑިޑޭޓުން" އެމްޑީޕީގައި ދެމިތިބޭނެތޯ، ކޮންމެ ރަށަކުން ވެސް ސުވާލު އުފައްދާ ކަމަށެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް -- ފޮޓޯ/ މަޖިލީސް "ހަގީގަތުގައި، އަޅުގަނޑު ވަރަށް ދެރަވޭ، 2026 ވަނަ އަހަރު އެމްޑީޕީގެ އުމުރުން 20 އަހަރު ވެފައިވާއިރު މި ސުވާލު، އެތެރޭގެ އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތުން އަޅުގަނޑުމެން ޕާޓީގައި ދެމިތިބޭނެތޯ، އެ ސުވާލު އެމްޑީޕީގެ އާންމު މެންބަރުން އުފައްދާތީ، އަޅުގަނޑަށް ހީވަނީ އެއީ ވަރަށް ދެރަވަރު ހާލަތެއް ޕާޓީގައި އޮތީމާ އުފެދޭ ސުވާލެއްހެން،" އޭނާ ވިދާޅުވިއެވެ. ދެހާސް ތޭވީހުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަށް އަލިއަޅުވައިލައްވަމުން މީކާއީލް ވިދާޅުވީ، މާޒީގައި ކަން ހިނގި ގޮތަށް ބަލާއިރު އެމްޑީޕީގެ އެ އަހަރުގެ ރިޔާސީ ޕްރައިމަރީއަށް ފަހު "ބަޔަކު" އެ ޕާޓީ ދޫކުރި ދޫކުރުމުން، ޕާޓީގެ އެތެރޭގައި "އިތުބާރު" ކުޑަވެފައިވާ މާހައުލެއް ގާއިމުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ޗެއާޕާސަން އިންތިޚާބަށް ފަހު، ނަޝީދުމެން އަމަލުކުރައްވާނެ ގޮތަކާ މެދު ޕާޓީގެ މެންބަރުން މިއަދު ސުވާލު އުފައްދާނެ ޖާގަ އެބައޮތެވެ. "އެހެން ނަމަވެސް އަޅުގަނޑު ތަކުރާރުކޮށް އެ ބޭފުޅުންނަށް އަރުވަން ބޭނުންވާ ޔަގީންކަމަކީ، މި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، އަޅުގަނޑުމެން ދެމިތިބޭނީ ކުރިން ވެސް ތިބިހެން، މި ޕާޓީގައި، މި ޕާޓީގެ އާންމު މެންބަރުންނަށް ޚިދުމަތްކުރުމުގައި ކަމަށް،" މީކާއީލް ވިދާޅުވިއެވެ. ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަންކަމަށް ވާދަކުރައްވާ މީކާއީލް އަޙްމަދު ނަސީމް -- ސަން ފޮޓޯ/ މޫސާ ނަދީމް ނަޝީދުގެ "ބޮޑު ބަދަލާ" ގުޅޭގޮތުން މީކާއީލް ވިދާޅުވީ، ނަޝީދު ހުށަހަޅުއްވައިފައިވަނީ ރިޔާސީ ޕްރައިމަރީއެއްގެ މެނިފެސްޓޯއެއް ކަމަށާއި އެމްޑީޕީގެ ހިންގުމަށް ގެންނާނެ ބަދަލުތަކާއި އެ މެނިފެސްޓޯއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އެކަމަކު، އެ ބޭފުޅުން ހުށަހަޅުއްވާނީ ޕާޓީގެ ރޫހު ވަރުގަދަކޮށް، ޕާޓީ ވަރުގަދަކުރާ މެނިފެސްޓޯއެއް ކަމަށް މީކާއީލް ވިދާޅުވިއެވެ. މީކާއީލް ވިދާޅުވީ، ސަރުކާރު ޖަވާބުދާރީކުރުވޭނީ އެއް ގޮތެއްގައި ހުންނަ، ބަހުގައި ހިފަހައްޓާ މީހަކަށް ކަމަށާއި އެމްޑީޕީއަށް ބޭނުންވަނީ އެފަދަ ޗެއާޕާސަނެއް ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާ އެކު ނަޝީދު މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ އަރިސް ބޭފުޅުން ފެންނަނީ މީކާއީލްގެ ކެމްޕެއިނުންނެވެ. ޗެއާޕާސަން އިންތިޚާބު ބާއްވަން އެމްޑީޕީން އިއުލާނުކުރީ ޖޫން 12 ގައެވެ. ނަމަވެސް، އެމްޑިޕީގެ ޗެއާޕާސަން އިންތިޚާބާ ގުޅޭގޮތުން ނެރެފައިވާ އިއުލާނާއި، އެ އިންތިޚާބުގެ ޓައިމްލައިން ބާތިލުކޮށްދިނުމަށް އެދި، މިދިޔަ ހޯމަ ދުވަހު ވަނީ ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފައެވެ. އެ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު ޢަބްދުالله ޝާޢިރު 'ސަން'އަށް މިއަދު ވިދާޅުވީ، ކޯޓުން އެ މައްސަލަ އަދި ބަލައިގެންފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ