ޓޫރިޒަމް ސިނާއަތަށް ސަރުކާރުން އެހީވާނެ ގޮތްތައް ހޯދަން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ މެދު ބަހުސްކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި އެ ގަރާރު ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު އެވެ.
އެ ގަރާރު ބަލައިނުގަނެ ބޭރުކޮށްލީ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި 33 މެމްބަރުންގެ ވޯޓުންނެވެ. ގަރާރު ބަލައިގަންނަން ވޯޓުދެއްވީ 8 މެމްބަރުންނެވެ.
ތަފްސީލު - މައުރޫފް ހުށަހެޅުއްވި ގަރާރުގައި މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދުވެލި މަޑުޖެހި، ފަތުރުވެރިން އަންނަ މިންވަރު ދަށްވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކާ ހަވާލާދީ އެ ގަރާރުގައި ބުނެފައިވާ ގޮތުގައި:
ދުވާލަކު އެވަރެޖުކޮށް އަންނަ ފަތުރުވެރިންގެ އަދަދު 8،000 އިން 4،000 އާއި 5،000އާ ދެމެދުގެ އަދަދަކަށް ވަނީ ދަށްވެފައި
ދުވާލަކު 2،000 ވަރަކަށް ބުކިން ކެންސަލްވޭ
އޭގެ ސަބަބުން ފަތުރުވެރިން އަންނަ މިންވަރު %21 ދަށަށް ވަނީ ގޮސްފައި
ފަތުރުވެރިންގެ އަދަދު ދަށްވުމާ އެކު ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް މާލީ ދަތިތަކާ ކުރިމަތިވެ، އެ ސިނާއަތުގެ ހިދުމަތްތަކާއި ސާވިސް ޗާޖާ އެކު ލިބޭ އާމްދަނީ ވެސް ވަނީ ދަށްވެފަ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭން ކުރެވިދާނެ ބައެއް ކަންތައްތައް ވެސް އެ ގަރާރުގައި ހިމަނާފައިވެ އެވެ. އެއީ:
މުވައްޒަފުންނަށް މުސާރަ ދީ، ވިޔަފާރި ކުރިއަށްގެންދަން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 'ވޯކިން ކެޕިޓަލް ލޯން' ސްކީމެއް ނުވަތަ 'އިންކަމް ސަޕޯޓް އެލަވަންސް' ތައާރަފްކުރުން
އިންޓްރެސްޓު-ފްރީ މޮރަޓޯރިއަމް ލޯނު ފަދަ އުސޫލެއް ތަންފީޒުކޮށް، ފަތުރުވެރިކަމުގެ ދާއިރާ އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނުގެ އަސްލު ފައިސާ ދެއްކުން 6 މަސްދުވަހަށް މެދުކަނޑާލުމުގެ ފުރުސަތު ދީ، އިންޓްރެސްޓް ރޭޓު މަޑުމަޑުން ތައާރަފްކުރުން
ބީއެމްއެލް ފަދަ މުއައްސަސާތައް މެދުވެރިކޮށް މިހާރަށް ވުރެ އަވަހަށް އަދި ފަސޭހައިން ލުއި ލޯނު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުން؛ އަދި ލޯނު އަނބުރާ ދައްކަން ދިގު މުއްދަތެއް ދިނުމާއި 1-2 އަހަރާ ދެމެދުގެ ގްރޭސް ޕީރިއަޑެއް ދިނުން
ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށް ޔުޓިލިޓީ ސަބްސިޑީތައް ދީ، ކަރަންޓާއި ތެލުގެ ހަރަދުތަކަށް ލުޔެއް ދިނުން
ރިސޯޓުތަކުގެ ކުއްޔާއި އެއާޕޯޓު ޗާޖުތަކާއި ލައިސެންސް ފީ ފަދަ ހަރަދުތައް ވަގުތީ ގޮތުން ކުޑަކުރުން
ޓީޖީއެސްޓީ އާއި ކޯޕަރޭޓް އިންކަމް ޓެކްސް ފަދަ މުހިންމު ފައިސާ ދެއްކުން ވަކި މުއްދަތަކަށް ފަސްކޮށްދިނުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ