މިސައިލްތަކުން ދިފާއުވާ އައު ސިސްޓަމެއް އީރާނުން ޓެސްޓްކޮށްފި

އީރާނުން އީޖާދުކުރި މިސައިލްތަކުން ދިފާއުވާ އައު ސިސްޓަމް މިއަދު ޓެސްޓްކޮށްފިއެވެ.
އީރާންގެ ނޫސްތަކުން ބުނީ، އެޤައުމުން ޓެސްޓްކުރި މިސައިލްތަކުން ދިފާއުވާ މި އައު ސިސްޓަމަކީ 180 ކިލޯމީޓަރު ދުރުން މިސައިލް އަދި ޑްރޯން ދެނެގަނެވޭވަރުގެ ގާބިލްކަން ލިބިގެންވާ ސިސްޓަމެކެވެ. މިސައިލް ހަމަލާތަކުން ދިފާއުވާ ނިޒާމެއް އީރާނުން ޓެސްޓްކޮށްފައިމިވަނީ، އިސްރާއީލާ އީރާނާ ދެމެދު ހަނގުރާމައެއް ފެށުމުގެ ބިރުބޮޑުވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.
މެދުއިރުމަތީގެ ހަބަރުތައް ބުނާގޮތުން އިސްރާއީލުން ދަނީ އީރާނާ ހަނގުރާމަކުރުމަށް ތައްޔާރުވަމުންނެވެ. އެކަން އެގޮތަށް ކުރާކަން އެމެރިކާގެ ދިފާއީ ވުޒާރާއަށް މިހާރު އެނގިފައިވާކަމަށް އީރާނުގެ ބައެއް ނޫސްތަކުން ވަނީ ތުހުމަތުކޮށްފައެވެ. ނަމަވެސް މިކަން އެމެރިކާއިން ވަނީ ދޮގުކޮށްފައެވެ.
Advertisement
މެދުއިރުމަތީގެ ހާލަތު ވަރަށް ނާޒުކު ފައްތަރެއްގައިވާއިރު، އިސްރާއީލާއި، އީރާން ކޮންމެފަދަ ވަގުތެއްގައިވެސް ހަނގުރާމައެއް ފެށުމުގެ ފުރުސަތު އެބައޮތްކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. 
އީރާނާއި އިސްރާއީލާ ދެމެދު ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވެފައިވަނީ އޮކްޓޯބަރުމަހުގެ ދެވަނަ ދުވަހު، އެމެރިކާގެ އަގުބޮޑު މިސައިލްތަކުން ދިފާއުވާ ނިޒާމް ފޫއަޅުވާލައި، އީރާނުން އިސްރާއީލުގެ ވެރިރަށް ތެލްއަވީވް ތެރެއަށް މިސައިލް ހަމަލާތަކެއް ދިނުމުންނެވެ. އީރާނުން ވަނީ ތެލްއަވީވްގެ އެކި ސަރަހައްދުތަކަށް 200 އަށްވުރެ ގިނަ މިސައިލް ފޮނުވާލާފައެވެ. 
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވަނީ، އެޤައުމުން އިޒްރާއީލަށް އަމާޒުކޮށް ފޮނުވާލީ އެންމެ ފަހުގެ ހައިޕަ ސޮނިކް މިސައިލްތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ