ޖަނަވާރުންނަށް ފަރުވާދިނުމަށް ނަރުހުން ހޯދަނީ

ހުޅުމާލޭގައި ޤާއިމްކުރާ ޕެޓްކެއަރ ފެސިލިޓީއަށް ގެންނަ ބުޅާތަކަށް ފަރުވާދިނުމަށް ވެޓެރިނަރީ ނަރުހުން ހޯދުމަށް މާލެސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.
މާލެސިޓީ ކައުންސިލުން ގެޒެޓްގައި އާއްމުކުރި އިއުލާނުގައި ވާގޮތުން ޕެޓްކެއަރ ފެސިލިޓީއަށް ގެންނަ ބުޅާތަކަށް ފަރުވާދިނުމަށް ދެ ނަރުހުން ބޭނުންވެއެވެ. ވެޓެރިނަރީ ނަރުހުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވާ މުސާރައަކީ 8،130 ރުފިޔާއެވެ. ސަރވިސް އެލަވަންސްގެ ގޮތުގައި މަސައްކަތްކުރާ ކޮންމެ ދުވަހަކަށް 100 ރުފިޔާ ކަނޑައަޅާފައިވާއިރު، އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، މުސާރައިގެ %35 ލިބެއެވެ. 
ވަޒީފާގެ ބައެއް މަސްއޫލިއްޔަތުތަކުގެ ތެރޭގައި:
Advertisement
- ހުޅުމާލޭގައި ހުންނަ ޕެޓްކެއަރ ފެސިލިޓީއަށް ވެޓްރިނަރީ ޚިދުމަށް ހޯދުމަށް އަންނަ ފަރާތްތަކަށް ޚިދުމަތް ދިނުން.
- އާންމު ޗެކަޕްތަކާއި، ފަރުވާތަކާއި، އަދި އޮޕަރޭޝަންތަކުގައި ވެޓެރިނޭރިއަންއަށް އެހީތެރިވުން.
- ވެޓެރިނޭރިއަން އަންގާ ގޮތުގެ މަތިން ބުޅަލަށް ބޭސް ދިނުން (ކާންދިނުމާއި، ބޭސްއެޅުމާއި، އަދި އިންޖެކްޝަން ޖެހުން).
- ލޭ ނެގުމާއި، ކުޑަކަމުދާ ތަކެތި ޓެސްޓްކުރުމާއި، އަދި މިނޫނަސް އެހެނިހެން ބަލި ދެނެގަތުމަށް ކުރާ ޓެސްޓުތައް ކުރުން.
- އެނެސްތީސިއާ ބެލެހެއްޓުމާއި އޮޕަރޭޝަނަށްފަހު ރިކަވަރީގައި ތިބޭ ބުޅާތަކަށް ބޭނުންވާ ފަރުވާ ދިނުން ހިމެނެއެވެ.
މާލެސިޓީ ކައުންސިލުން ވަނީ ވެޓެރިނަރީ ނަރުހުންގެ އިތުރުން ވެޓެރިނޭރިއަނެއްވެސް ހޯދުމަށް އިއުލާނުކޮށްފައެވެ. ވެޓެރިނޭރިއަނެއްގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 35،000 ރުފިޔާއެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ ހުޅުމާލޭގައި އަޅާ ކެޓް ޝެލްޓާއަށް އަންނަ މަހުގެ ތެރޭގައި ބުޅާތައް ގެންދެވޭނޭކަމަށް ވިދާޅުވެފައެވެ. 
ހުޅުމާލޭގައި ކެޓްޝެލްޓާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗްމަހުގެ ތެރޭގައެވެ. މި ފެސިލިޓީ ހެދުމަށް އެޗްޑީސީން މާލެ ސިޓީ ކައުންސިލަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 5،000 އަކަފޫޓުގެ ބިމެއް ދީފައިވާއިރު، ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ބިނާ ކުރާ މި ފެސިލިޓީގެ މަސައްކަތް އެއްކޮށް ނިމޭއިރު އެކި ވައްތަރުގެ ޕެޓް ކެއާ ޕެސިލިޓީއެއް ވެސް އެތަނުގައި ހަދާނެ ކަމަށް މާލެ ސިޓީ ކައުންސިލް އިން މީގެ ކުރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ