ފަސޭހަކަމާއެކު ޕޮލިސް ބަލިކޮށް ވެމްކޯ ފައިނަލަށް

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ސެމީ ފައިނަލް ދެވަނަ މެޗުގައި ފަސޭހަކަމާއެކު ޕޮލިސް ކުލަބު ބަލިކޮށް، ފައިނަލުގެ ޖާގައެއް ކުލަބު ވެމްކޯއިން ހޯދައިފިއެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު މެޗު ވެމްކޯއިން ކާމިޔާބުކޮށްފައިވަނީ ސީދާ ތިން ސެޓުންނެވެ. މި މެޗުން ފަސޭހަކަމާއެކު ވެމްކޯ މޮޅުވިއިރު، މި ފަހުން ނިމުނު ގައުމީ ވޮލީ ލީގުގެ ފަހު މެޗުގައި ވެމްކޯއަށް ޕޮލިސް ބަލިކުރެވުނީ ފަސް ސެޓަށް ކުޅެ ތިން ސެޓުން ދެ ސެޓުންނެވެ.
މިރޭ ކުޅުނު މެޗުގައި ޕޮލިސް ކުލަބުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގެ ފުރަތަމަ ސެޓު ވެމްކޯއިން ގެންގޮސްފައިވަނީ 25-17 އިންނެވެ. އެކަމަކު ދެވަނަ ސެޓުގައި ޕޮލިހުން ކުޅުން ރަނގަޅުކުރިއިރު، މި ސެޓުގައި ދެ ޓީމުގެ ފަރާތުން ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. ނަމަވެސް ވެމްކޯއިން ވަނީ 25-23 އިން މި ސެޓު ކާމިޔާބުކޮށްފައެވެ. އަދި މި މެޗުގެ ތިންވަނަ ސެޓު ވެމްކޯއިން ގެންގޮސްފައިވަނީ 25-19 އިންނެވެ.
މި މެޗުން މޮޅުވެ ފައިނަލުގެ ސީދާ ޖާގައެއް ވެމްކޯއިން ހޯދިއިރު، ޕޮލިސް ދެން ވާދަކުރަން ޖެހޭނީ ސެމީ ފައިނަލް ތިންވަނަ މެޗުގައެވެ. މި މެޗުގައި ޕޮލިސް ނުކުންނާނީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނާ ދެކޮޅަށެވެ.
ތިންވަނަ ސެމީގެ ޖާގައެއް ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ހޯދީ މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ތިން ސެޓު އެއް ސެޓުން ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ. މި މެޗުގެ ފުރަތަމަ ދެ ސެޓު 25-13 އަދި 25-17 އިން ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަނުން ގެންދިޔަ ނަމަވެސް، ހިންމަފުށިން ވަނީ ތިންވަނަ ސެޓު 25-20 އިން ކާމިޔާބުކޮށްފައެވެ. އެކަމަކު ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ހަތަރުވަނަ ސެޓު 27-25 އިން ކާމިޔާބުކޮށް، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން ވަނީ މެޗުން މޮޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ