ބޭރުގެ ލަފާ ހޯދަން ހެދި އެއްބަސްވުން އުވާލުން ރަނގަޅު: ރައީސް ނަޝީދު

ރާއްޖެއިން ދަރަނި އަދާކުރުމާ ގުޅޭ ގޮތުން ލަފާ ހޯދުމަށް އެމެރިކާގެ ކުންފުންޏަކާއެކު ހެދި އެއްބަސްވުން އުވާލުމަށް ސަރުކާރުން ނިންމި ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދަރަނީގެ މައްސަލަ ހައްލުކޮށް، މާލީ ހާލަތު ހަމަމަގަށް އެޅުވުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ މި ދަނޑިވަޅުގައި ބޭރުގެ ނޫހަކުން ވަނީ ރާއްޖެއިން ދަރަންޏާ ގުޅޭ ލަފާ ހޯދުމަށް ސެންޓަވިއު ޕާޓްނާސްއާއެކު އެއްބަސްވުމެއް ހަދާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ސަރުކާރުން ވަނީ އެ އެއްބަސްވުން އުވާލައިފައެވެ.
ރައީސްގެ އެ ނިންމެވުމަށް ތައުރީފް ކުރައްވައި ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ދަރަންޏާއި ގުޅޭގޮތުން ލަފާ ދިނުމަށް ބޮޑު ހަރަދެއް ކަނޑައެޅި ޑެބްޓް އެޑްވައިޒަރުގެ އެގްރީމެންޓް އުވާލެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެޅުއްވި ބުއްދިވެރި ފިޔަވަޅެއް ކަަމަށެވެ. އަދި މިފަދަ ޑެބްޓް އެޑްވައިޒަރުން އަޅުގަނޑުމެންގެ ގައުމުތަކުން ނަގަމުން ދަނީ އިންތިހާއަށް ނާޖާއިޒް ފައިދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފާހަގަ ކޮށްލެވޭގޮތުގައި މިސަރުކާރު ވެރިކަމާ ހަވާލުވިއިރު، ރާއްޖެއިން ބޭރުގެ ގައުމުތަކަށް އަދާކުރަން ޖެހޭ 120 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެ ދަރަނި މަޑުމަޑުން ދައްކަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އަދި ފައިސާގެ އަގު އިތުރަށް ދަށްވިޔަ ނުދިނުމަށް ސަރުކާރުން ވަނީ ފައިސާ ޗާޕު ކުރުން ހުއްޓާލާފައެވެ. އަދި އިގްތިސާދު ކޮޅަށް ޖަހައި، އާމްދަނީ ލިބޭނެ ދާއިރާތައް ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ