ނޭޓޯގެ ޔޫރަޕް އަސްކަރީ ހަރަކާތްތަކުގައި ބައިވެރިވުން އެމެރިކާއިން މަދުކުރަނީ

ބޮޑެތި ކާރިސާތަކުގެ ވަގުތުގައި އެމެރިކާއިން ނޭޓޯއަށް ފޯރުކޮށްދޭ އަސްކަރީ އެހީތެރިކަމާއި ވަސީލަތްތައް މަދުކުރާނެކަން ނޭޓޯގެ ބައިވެރި ގައުމުތަކަށް އެންގުމަށް އެެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ރޮއިޓާސް ނޫސް އެޖެންސީން އިއްޔެ ބުނެފި އެވެ.
މި ނިންމުމަކީ ނޭޓޯގެ 'ފޯސް މޮޑެލް'އާ ގުޅުންހުރި ނިންމުމެކެވެ. މިއީ ކުއްލި ހާލަތްތަކާއި ހަނގުރާމަތަކުގައި ބޭނުންކުރުމަށްޓަކައި މެންބަރު ގައުމުތަކުން ސިފައިންނާއި އަސްކަރީ ވަސީލަތްތައް ކަނޑައަޅާފައިވާ އޮނިގަނޑެކެވެ.
ރޮއިޓާސްއާ ވާހަކަދެއްކި އެކި ފަރާތްތަކުން ބުނާ ގޮތުގައި، ޕެންޓަގަނުން ނިންމާފައިވަނީ މި އޮނިގަނޑުގެ ދަށުން އެމެރިކާއިން ފޯރުކޮށްދޭ އެހީތެރިކަން ވަރަށް ބޮޑަށް ކުޑަކުރުމަށެވެ. މިއީ ޔޫރަޕްގެ ސަލާމަތީ ކަންކަމުގައި އެ ބައްރުގެ ގައުމުތަކުން މިހާރަށްވުރެ ބޮޑު ޒިންމާއެއް އުފުލަންޖެހޭނެ ކަމަށް ޓްރަމްޕް ޒަމާނުއްސުރެ ކުރައްވަމުންދާ ދައުވާގެ ދަށުން ނިންމި ނިންމުމެކެވެ.
މިކަން ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ބެލެވެނީ އަންނަ ހުކުރު ދުވަހު ބްރަސަލްސްގައި ބާއްވާ ނޭޓޯގެ ދިފާއީ ސިޔާސަތާ ބެހޭ އިސްވެރިންގެ ބައްދަލުވުމުގަ އެވެ. މިއީ ޖުލައި މަހު ތުރުކީގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ ސަމިޓުގެ ކުރިން ބާއްވާ ބައްދަލުވުމެކެވެ.
ޕެންޓަގަންގެ ޕޮލިސީ ޗީފް އެލްބްރިޖް ކޯލްބީ މީގެ ކުރިން ވިދާޅުވެފައިވަނީ، އާންމު އަސްކަރީ ހަރަކާތްތަކުގައި ޔޫރަޕްގެ ގައުމުތަކުން އިސްދައުރެއް އަދާކުރި ނަމަވެސް، ނިއުކްލިއާ ހިމާޔަތް ފޯރުކޮށްދިނުމުގައި އެމެރިކާއިން ދެމިއޮންނާނެ ކަމަށެވެ.
މި ނިންމުމާ ގުޅިގެން ނޭޓޯގެ ތެރޭގައި ނުތަނަވަސްކަން ވަނީ އިތުރުވެފަ އެވެ. ޔޫރަޕްގެ ބައެއް ގައުމުތަކުން ކަންބޮޑުވަނީ، މުސްތަގުބަލުގައި ނޭޓޯއާ އެކު އޮތް އެމެރިކާގެ މުޅި ގުޅުން ބަލިކަށިވެދާނެތީ އެވެ.
ޓްރަމްޕްގެ ސަރުކާރުން މިހާރު ވެސް ވަނީ ޔޫރަޕުން 5,000 އެމެރިކާ ސިފައިން ބޭލުމަށް ނިންމާފަ އެވެ. އޭގެ ތެރޭގައި ޕޮލެންޑަށް ފޮނުވަން އޮތް އަސްކަރީ ބްރިގޭޑެއްގެ ދަތުރު ކެންސަލްކުރުން ވެސް ހިމެނެ އެވެ. މިއީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ފާޑުކިޔުން އަމާޒުވެފައިވާ ކަމެކެވެ.
ނޭޓޯގެ އިސް ޑިޕްލޮމެޓަކު ވިދާޅުވީ، އެމެރިކާގެ އެހީތެރިކަން ކުޑަކުރި ނަމަވެސް، ބޮޑު ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި އެމެރިކާއިން ޔޫރަޕަށް އެހީތެރިވާނެ ކަމުގެ އިތުބާރު އަދިވެސް އެބައޮތް ކަމަށެވެ.
ޓްރަމްޕާއި އެމެރިކާގެ އިސް އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ޔޫރަޕްގެ ގައުމުތަކުން ދިފާއީ ކަންކަމުގައި އެމެރިކާއަށް މާ ބޮޑަށް ބަރޯސާވާ ކަމަށާއި އެ ގައުމުތަކުގެ އަސްކަރީ ހަރަދުތައް އިތުރުކުރަންޖެހޭ ކަމަށެވެ. ނަމަވެސް ޔޫރަޕްގެ ގައުމުތަކުން ބުނަނީ އަސްކަރީ ގާބިލިއްޔަތުކަން ވަރުގަދަކުރަމުންދިޔަ ނަމަވެސް، އެކަން ކުއްލިއަކަށް ކުރެވެން ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ